ނުރައްކާތެރި ކުށްވެރިން ކަމަށް ބެލެވޭ ނުވަ މީހެއްގެ ފައިގައި ޓެގް އަޅުވަން ހައި ކޯޓުން އަމުރު ނެރެދީފި އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ނެރޭ މޮނިކޮން އަމުރަކީ ބޮޑެތި ކުށުގެ ތުހުމަތުކުރެވޭ މީހުން އުޅޭނޫޅޭ ގޮތް ފާރަލައި ބެލުމަށް ހޯމް މިނިސްޓަރު ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، ހައި ކޯޓުން ނެރޭ އަމުރެކެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ އަމުރު ފުލުހުންނަށް މިހާރު ވަނީ ލިބިފަ އެވެ. އަދި މިއަދު ނުވަތަ މާދަމާ ޓެގް އަޅުވާނެ ކަމަށް ވެސް އެނގިފައިވެ އެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ މޮނިކޮން އަމުރު ތަންފީޒު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. އެކަަމަކު އެކަން ކުރެވޭނެ ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.

މާލޭގައި ސިލްސިލާ މާރާމާރީތައް އިތުރުވެ މަސް ދުވަސް ތެރޭގައި ދެ ޒުވާނަކު މަރާލާފައިވާއިރު މޮނިކޮން އަމުރަށް ފުލުހުން ހައި ކޯޓުގައި އެދިފައިވަނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.

ފައިގައި ޓެގް އެޅުވުމުގެ އިތުރުން ވެސް ބައެއް ކަންކަން މޮނިކޮން އަމުރުގެ ދަށުން ކުރެވެ އެވެ. އޭގެ ތެރޭގައި އެމީހުންގެ މުދާ ބަލައި ފާސްކުރުން ހިމެނެ އެވެ.

މޮނިކޮން އަމުރަކާ ޚިލާފްވެއްޖެ ނަމަ ދޮޅު އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މޮނިކޮން އަމުރު ނެރެގެން ކުރިން ވެސް ވަނީ ބައެއް މީހުންގެ ފައިގައި ޓެގް އެޅުވި އެވެ. ހޯމް މިނިސްޓަރު ކަމުގައި އުމަރު ނަސީރު ހުންނެވި ދުވަސްވަރު ޓެގް އަޅުވަން ފެށުމުން ސިޔާސީ ބޮޑެތި ފިއްތުންތަކެއް އުމަރަށް ކުރިމަތިވި އެވެ. އަދި އޭނާ މަގާމުން އިސްތިއުފާ ދެއްވި ފަހުން އެކަން އޮތީ މަޑުޖެހިފަ އެވެ.