ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން އުޅޭ ނޫޅޭ ގޮތް ބެލުމަށްޓަކައި ފައިގައި ޓެގު ހަރުކުރުމަށް ނެރޭ މޮނިކޮން އަމުރު، ނުވަ މީހެއްގެ މައްޗަށް ނެރެދިނުމަށް ހައި ކޯޓުގައި އެދިއްޖެ އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ނެރޭ މޮނިކޮން އަމުރަކީ ބޮޑެތި ކުށުގެ ތުހުމަތު ކުރެވޭ މީހުން އުޅޭނޫޅޭ ގޮތް ފާރަލައި ބެލުމަށް ހޯމް މިނިސްޓަރު ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، ހައި ކޯޓުން ނެރޭ އަމުރެކެވެ. އެ އަމުރަށް އެދުމުގައި ހޯމް މިނިސްޓަރަށް ލަފާ ދިނުމަށް ޚާއްސަ ކޮމެޓީއެއް މިހާރު އޮވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މޮނިކޮށް އަމުރު ނެރުމަށް އެދިފައިވަނީ އިއްޔެ ކަމަށެވެ. އެދިފައިވަނީ ކޮން ބައެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ނުވަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެދިނުމަށް އެދި ހުށަހަޅަން ކޮމެޓީން ފާސްކުރީ މާލޭގައި މާރާމާރީތައް އިތުރުވެފައި ވަނިކޮށް މި މަހު ފުރަތަމަ ދުވަހު އެވެ.

މޮނިކޮން އަމުރު ނެރެގެން ކުރިން ބައެއް މީހުންގެ ފައިގައި ފުލުހުން ޓެގް އެޅުވި އެވެ. ހޯމް މިނިސްޓަރު ކަމުގައި އުމަރު ނަސީރު ހުންނެވި ދުވަސްވަރު ޓެގް އަޅުވަން ފެށުމުން ސިޔާސީ ބޮޑެތި ފިއްތުންތަކެއް އުމަރަށް ކުރިމަތިވި އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވި ފަހުން އެކަން އޮތީ މަޑުޖެހިފަ އެވެ.

ފައިގައި ޓެގް އެޅުވުމުގެ އިތުރުން ވެސް އިތުރު ބައެއް ކަންކަން މޮނިކޮން އަމުރުގެ ދަށުން ކުރެވެ އެވެ. މޮނިކޮން އަމުރަކާ ޚިލާފްވެއްޖެ ނަމަ އެ މީހަކަށް ދޮޅު އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.