ކުށުގެ ވެށީގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައެޅުމަށާއި އެ ގްރޫޕުން ހިންގާ ހުރިހާ ކުޅިވަރު ހަރަކާތްތައް ހުއްޓުވައި އަދި ގްރޫޕަށް ނިސްބަތްވާ މީހުންނަކީ ގޭންގް މެމްބަރުން ކަމަށް ކަނޑައަޅަން ފުރަތަމަ ފަހަރަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން ގޭންގެއް ކަމަށް ކަނޑައަޅަން ހައި ކޯޓަށް ހުށަހެޅީ އައްޑޫ ސިޓީގައި ހަރަކާތްތެރިވާ "ސްކޫޕް" ގްރޫޕާ ގުޅޭގޮތުން ކަމަށެވެ. އެއީ މިދިޔަ އަހަރު އަމަލުކުރަން ފެށި ގޭންގް ކުށުގެ ގާނޫނުގެ ދަށުން ހުށަހެޅި އެފަދަ ފުރަތަމަ މައްސަަލަ އެވެ.
އެ ބަޔާނުގައިވަނީ ފުލުހުން ހުށަހެޅި ހެކިތައް ދިރާސާކޮށް ބެލިއިރު "ސްކޫޕު" ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ހުންނަ ޝަރުތުތައް ފުރިހަމަވާ، އަދި މިހާރު ވެސް އެކަމުގައި ހަރަކާތްތެރިވާ ގްރޫޕެއް ކަމަށެވެ.
އެހެންވެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "ސްކޫޕު" އާއި "ސްކޫޕު ކަންމަތި" ނުވަތަ "SKP” ގުރޫޕަކީ ކުށްކުރާ ގްރޫޕެއް (ގޭންގެއް) ކަމަށް ކަނޑައަޅައިދިނުމަށް ހައި ކޯޓުގައި އެދިފައިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ.
އޭގެ އިތުރުން ޕީޖީން ވަނީ އެ ގްރޫޕަށް ނިސްބަތްވާ މީހުން ކަމަށް ފާހަގަވެފައިވާ ނުވަ މީހުންނަކީ އެ ގްރޫޕްގެ މެންބަރުން ކަމަށް ކަނޑައަޅަން ވެސް ވެސް ހައި ކޯޓުގައި އެދިފަ އެވެ.
އެ ގްރޫޕަށް ނިސްބަތްވާކަމަށް ބެލެވޭ ސްޕޯޓްސް ކްލަބެއް ކަމަށްވާ "އެސްކޭޕީ ސްޕޯޓްސް ކްލަބް" އުވާލުމަށް ކޮމިޝަނާ އޮފް ސްޕޯޓްސްގެ މައްޗަށް އަމުރު ކުރުމަށާއި "ސްކޫޕު" އާއި "ސްކޫޕު ކަންމަތި" އަދި "SKP" ލިޔެފައިވާ ފާރުތަކާއި ހުރިހާ ތަންތަނުން އެނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ހައިކޯޓަށް ޕީޖީން ވަނީ ހުށަހަޅައިފަ އެވެ.
މިއީ ފުލުހުންގެ ފަރާތުން ޕީޖީއަށް ހުށަހެޅި މިފަދަ ދެވަނަ މައްސަލަ ނަމަވެސް މިއީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ގޭންގެއް އެއްކަމަށް ކަނޑައަޅައިދިނުމަށް ކޯޓަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.
ކުރިން ފުލުހުން ހުށަހެޅި ގްރޫޕްގައި ގޭންގުގެ ޝަރުތުތައް ހަމަނުވާތީ އެ މައްސަލަ އިތުރަށް ފުރިހަމަކުރުމަށްޓަކައި އެ ހުށަހެޅުން ޕީޖީން ވަނީ އަނބުރާ ފުލުހުންނަށް ފޮނުވައިފަ އެވެ.
ގާނޫނުގައި "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް" މާނަކޮށްފައި ވަނީ ޖިނާއީ ބޮޑު ކުށެއް ނުވަތަ އެފަދަ އެއް ކުށަށްވުރެ ގިނަ ކުށް ކުރުމަށް ނުވަތަ އެނޫން ވެސް ޖިނާއީ ކުށް ކޮށްގެން ސީދާ ގޮތެއްގައި ވިޔަސް ނުވަތަ ނުސީދާ ގޮތެއްގައި ވިޔަސް މާލީ ނުވަތަ އެނޫން ވެސް މާއްދީ މަންފާއެއް ހޯދުމަށް ގުޅިގެން މަސައްކަތްކުރާ 3 ނުވަތަ އެއަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ ގްރޫޕަކަށެވެ.