ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހިމެނޭ ހެއްކާ ބެހޭ އިސްލާހުކުރުމަށް މި ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

މިދިޔަ ޖުލައި މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި ގާނޫނަށް ގެންނަ ފުރަތަމަ އިސްލާހުގައި ވަނީ މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރަންޖެހޭ، ޓެރަރިޒަމާއި ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތައް ބުނެދީފައިވެ އެވެ.

އެ ގާނޫނު މިހާރު އޮތްގޮތުން، ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ޓެރަރިޒަމް އަދި ގައުމީ ސަލާމަތާ ގުޅޭ މައްސަލަތަކަކީ ކޮބައިކަމެއް ތަފްސީލު ކޮށްދީފައި ނުވުމެވެ.

އެފަދަ މައްސަލައެއްގައި މަސްދަރު ހާމަކުރުމާ މެދު ގޮތެއް ނިންމާނީ ކޯޓުން ކަމަށް ބުންޏަސް، އެއީ ކޮން ކޯޓެއް ކަމެއް ގާނޫނުގައި މިހާރު ބުނެފައެއް ނުވެ އެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތަކަކީ ރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ޖިސްމާނީ ފުރާނަ އަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށް މަގުފަހިކުރާ އަމަލުތަކެއް އެކުލެވޭ ކުށްތައް ކަމަށެވެ.

ޓެރަރިޒަމްގެ ކުށްތަކަކީ، ޓެރަރިޒަމްގެ ގާނޫނުގެ ދެ ވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށްތައް ކަމަށް ހެއްކާ ބެހޭ ގާނޫނުގައި ކަނޑައެޅުމާއި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމު ކުރުމުގައި ކޯޓުން ރިއާޔަތްކުރަންޖެހޭ ކަންކަން ގާނޫނުގައި ކަނޑައެޅުމަށާއި އެފަދަ ނިންމުމެއް ނިންމާނީ ހައި ކޯޓުން ކުރާ އަމުރެއްގެ ދަށުން ކަމަށް ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެ އިސްލާހުތައް ގެންނަ ބިލް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް އެޑިޓާސް ގިލްޑް (އެމްއީޖީ) އަދި ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު މި ހަފުތާގައި މަޖިލީހަށް ހުށަހެޅުމަށް ވަނީ އެކުލަވާލައިފަ އެވެ.