ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި، ނޫސްވެރިން، އެ މީހުން މައުލޫމާތު ހޯދި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް އޮތް މާއްދާއާ އެކު ބިލު ފާސްކޮށްފި ނަމަ ކޮރަޕްޝަނާއި ފަސާދައިގެ މައުލޫމާތު މީޑިއާތަކާ ހިއްސާކުރަން އެކި ފަރާތްތަކުން ޖެހިލުންވާނެ ކަމަށް އެޑިޓާސް ގިލްޑުން ބުނެފި އެވެ.
ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ހުށަހެޅުއްވި ހެއްކާ ބެހޭ ބިލުގެ 136 މާއްދާގެ (ހ) ގައި އޮތް ގޮތުން މީހަަކަށް ވެދާނެ ގެއްލުމަކަށް ވުރެ، މަސްދަަރު ހާމަކުރުމުގެ އާއްމު މަސްލަހަތު ބޮޑުވާ ހާލަތުގައި މަސްދަރު ހާމަކުރަން ފަނޑިޔާރަކަށް މަޖުބޫރުކުރެވިދާނެ އެވެ.
މީޑިއާތަކުގެ އެޑިޓަރުންގެ ޖަމިއްޔާ، އެޑިޓާސް ގިލްޑުން އެކަމާ ގުޅިގެން މިރޭ ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި އޮތީ ފަނޑިޔާރުގެއަށް އެކި ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރާ މާހައުލަކަށް ވާއިރު، ފަނޑިޔާރުން ބޭނުން ވެއްޖެ ނަމަ ހެކި ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް ހެއްކާ ބެހޭ ގާނޫނު ފާސް ކުރުމުގެ ނަތީޖާއަކަށް ވާނީ މިނިވަން ނޫސްވެރިކަން ނެތިގެން ދިއުން ކަމަށެވެ.
ބައިނަލްއަގުވާމީ ހަމަތަކާއި އާންމު ގަބޫލުކުރުންތަކުގައި ވެސް މަސްދަރު ހާމަކުރުމަކީ ޑިމޮކްރެޓިވް ވެއްޓެއްގައި އަމަލުކުރާ ގޮތް ނޫން ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެކަމުގެ ނަތީޖާއަކަށް ވާނީ ކޮރަޕްޝަނާއި ފަސާދަ އާއި އެ ނޫންވެސް އެކި ކަންކަމުގައި އެކި ފަރާތްތަކުން މީޑިއާތަކަށް މައުލޫމާތު ދޭން ފަސްޖެހި ބިރުވެރިކަމެއްގެ ތެރެއަށް ދިޔުން ކަމަށް އެ ބަޔާނުގައިވެ އެވެ.
އޭގެ އިތުރުން ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި މަސްދަރު ހާމަކުރަން އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށް މުތުލަގަށް ބުނެފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ޖަމިއްޔާ އިން ބުނީ ދާދި ފަހުން ތަސްދީގުކުރި ވިސްލް ބްލޯވާ ގާނޫނުގެ މަހްފޫމަކީ ކާކުކަން ނޭނގޭ ގޮތަށް މައުލޫމާތު ފޯރުކޮށްދިނުން ކަމަށްވާއިރު، އެއާ ދިމާ އިދިކޮޅަށް ހެއްކާ ބެހޭ ގާނޫނު ފާސްކުރަން އުޅުމުގެ މަގުސަދު ސާފު ނުވާ ކަމަށެވެ.
ހެއްކާ ބެހޭ ބިލުގައި މަސްދަރު ހާމަކުރަން މަޖޫބޫ ކުރެވިދާނެ ކަމަށް އޮތް މާއްދާއާ ގުޅިގެން މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ގޮވާލާފައި ވަނީ އެ މާއްދާ ބިލުން އުނިކުރާށެވެ. އެ މާއްދާއާ އެކު ބިލު ފާސްކޮށްފި ނަމަ އެއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ނިގުޅައިގަތުން ކަމަށް އެ ބަޔާނުގައިވެ އެވެ.