ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު ހާމަކުރަން ވަަކި ހާލަތްތަކެއްގައި މަޖުބޫރުކުރެވޭ ގޮތަށް ހެއްކާ ބެހޭ ބިލުގައި އޮތް މާއްދާ، ކޮމިޓީ މަރުހަލާގައި ބަދަލުކުރާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

މަޖިލީހަށް މިހާރު ހުށަހަޅައި ބަހުސްކުރަމުން އަންނަ ހެއްކާ ބެހޭ ބިލުގެ 36 ވަނަ މާއްދާގައި އޮތީ ވަކި ހާލަތްތަކެއްގައި މަސްދަރުހާމަކުރަން ނޫސްވެރިޔާއަށްް ނުވަަތަ މީޑިއާއަށް މަޖުބޫރުކުރުމުގެ ބާރު ފަނޑިޔާރުންނަށް ދިނުމަށެވެ. އެ މާއްދާ އެހެން އޮތުމުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި އެޑިޓާސް ގިލްޑް އަދި އާއްމުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހެއްކާ ބެހޭ ބިލުގައިވާ އެ އުސޫލާއި މެދު ނޫސްވެރިންނާއި އާއްމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ޓަކައި ބިލަށް ގެންނަން ޖެހޭ ބަދަލުތައް ކޮމިޓީ މަރުހަލާގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ހެއްކާ ބެހޭ ބިލު ދިރާސާކުރަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންނެވެ.

އޭޖީ އޮފީހުގެ ބަޔާނުގައި ބުނީ މަސްދަރު ހާމަކުރަން މަޖުބޫރުކުރުމުގެ ބާރުދޭ މާއްދާ ހިމެނީ ގާނޫނުުއަސާސީގެ 28 ވަނަ މާއްދާއިން ދީފައިވާ މިނިވަންކަމާއި އެެ މިނިވަންކަން ހިފެހެއްޓުން ހުއްދަ ހާލަތްތައް ކަމަށް ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބުނާ ކަންތައްތަކަށް ރިއާޔަތް ކޮށްގެން ކަމަށެވެ. މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އެފަަދަ މިނިވަންކަން ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރެވޭ ހާލްތްތަކަށް ވެސް، އެމާއްދާ ހިމެނުމުގައި ރިއާޔަތްކޮށްފައި ވާނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ހެއްކާ ބެހޭ ބިލުގެ އެ މާއްދާ ބަދަލުކުރެވިދާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ދެކެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު ވިދާޅުވި އެވެ. އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންމެ އިސްކަންދޭ ކަމަކަށް ވާން ޖެހޭނީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަން ކަން ދަމަހައްޓަން ކަމަށެވެ.