ނ. މާޅެންދު އިން ފުރައިގެން އެ އަތޮޅު ކެނދިކުޅުދުއަށް ރޭ ދަންވަރު ދިޔަ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ހަލުއިކަމާ އެކު މިހާރު ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލްކުރަން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ހުއްދަ ނެތި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަކީ މަނާކަމެކެވެ. މި އެންގުމާ ހިލާފުވާ މީހުން މީގެ ކުރިން ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުސް އޮފީހުން މިއަދު ބުނީ ދޯންޏެއްގައި ކެނދިކުޅުދު އަށް ދިޔަ މާޅެންދޫގެ 37 އަހަރާއި 29 އަހަރުގެ ދެ ފިރިހެނުން ހައްޔަރު ކުރީ އެ މީހުން އެނބުރި ރަށަށް ދިޔަ ފަހުން ކަމަށެވެ. އަދި އެ މީހުން ކެނދިކުޅުދު އަށް ދިޔައީ ދޯނީގެ ވެރިފަރާތުގެ ހުއްދައާ ނުލައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކެނދިކުޅުދުއަކީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށެކެވެ. އެއީ މި މަހުގެ 15 ވަނަ ދުވަހު މާލެ އިން ފުރައިގެން އުތުރުގެ ތިން އަތޮޅަކަށް ދަތުރުކުރި "އަމާޒު" ބޯޓުގެ ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ކެނދިކުޅުދޫގެ އިތުރުން އެ އަތޮޅު ވެލިދޫ، ހޮޅުދޫ، މާފަރު، މިލަދޫ އަދި ހެނބަދޫ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. މީގެ އިތުރުން ށ. އަދި ހއ. އަތޮޅުގެ ބައެއް ރަށްރަށް ވެސް ވަނީ ބަންދުކޮށްފަ އެވެ.
ކެނޯއެއްގައި ކުޅުދުއްފުއްޓަށް އެރި ބަޔަކު ވެސް އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ. މިއީ މި ގޮތަށް އެރަށަށް އެރިތަނުން ހައްޔަރު ކުރި ދެ ވަނަ ފަހަރެވެ.
މާލެ އިން ކޮވިޑް-19 ފެނި، މާލެ ލޮކްޑައުން ކޮށްފައިވާއިރު، އަތޮޅުތެރޭގެ ރަށްރަށުން ވެސް ޒަރޫރީ ބޭނުމަކަށް ނޫނީ ދަތުރުކުރުން މިހާރު ވަނީ މަނާކޮށްފަ އެވެ. ރާއްޖެ އިން ކޮވިޑް-19 ގެ 228 ކޭސް މިހާތަނަށް ފެނިފައިވާއިރު އަތޮޅުތެރެއިން މި ބަލި ފެނިފައި ވަނީ އުލިގަމާއި ތުލުސްދޫ އިންނެވެ.