ނ. ކެނދިކުޅުދޫގައި ވައްކަމާއި ފޭރުން އިންތިހާ އަށް އިތުރުވެ، ރައްޔިތުން ނިކުމެ މުޒާހަރާކުރުމުން ވައްކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފާއިތުވި ދެ ހަފްތާއެއްގެ ތެރޭގައި ވައްކަމާ ފޭރުމުގެ މައްސަލަތައް ކެނދިކުޅުދޫގައި ބޮޑުވެ އާންމުންގެ މެދުގައި ބިރުވެރިކަން އޮތީ އުފެދިފަ އެވެ. އެެހެންވެ، ރޭ 9:15 ހާއިރު ރައްޔިތުން ނިކުތީ "ވަގުން" ހޯދައި ކައުންސިލާ ހަވާލުކުރަށެވެ.

ވައްކަން ކުރާކަމުގެ ތުުހުމަތު ކުރެވޭ މީހުން އުޅޭ ގެތަކުން އެ މީހުން ނެރެގެން ގެންގޮސް ކައުންސިލްގެ އިދާރާއާ ހަވާލުކޮށް ރަށުގައި ބޮޑު ހަމަނުޖެހުމެއް ހިންގުމުން ނ. ލަންދޫން ވަނީ ފުލުހުންގެ ޓީމެއް ވެސް ރަށަށް އަރައި ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް މަސައްކަތްކޮށްފަ އެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ހުޒާމް ވިދާޅުވީ ރައްޔިތުން ނިކުމެ ހަތަރު މީހަކު ކައުންސިލާ ހަވާލުކުރި ކަމަށެވެ. އެކަމަކު އޭގެ ތެރެއިން ފުލުހުން ގެންގޮސްފައި ވަނީ އެންމެ މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މީހާއަކީ އިއްޔެ އެ ރަށުގެ ފިހާރައަކަށް ވަދެ، ބިރުދައްކައިގެން ފައިސާ ފޭރުނު މީހެއް ކަމުގެ ތުހުމަތުކުރެ އެވެ. މަސްތުވާތަކެތި ވެސް ބޭނުންކުރާ އެ މީހާއަކީ މިިދިޔަ މަހުގެ ތެރޭގައި ރަށު ގެއަކުން 180،000ރ. ވަގަށް ނެގި މީހެއް ކަމަށާއި އޭނާ އަތުލައިގަތީީ އެ ފައިސާއާ އެކު ކަމަށް ހުޒާމް ވިދާޅުވި އެވެ.

"ފުލުހުން ހައްޔަރުކޮށްގެން ގެންދިޔަ މީހާއަކީ ވައްކަމުގެ މައްސަލައާ ގުޅިގެން ދައުވާކުރަން ޕީޖީ އަށް ފޮނުވާފައިވާ މީހެއް. އެ ފަހަރު ވެސް ފައިސާ ފޮރުވާފައި ހުރީ މީހުން ދިރި ނޫޅޭ ސަރަހައްދުގެ އަތިރިމަތީގައި ވަޅުލާފައި ހުއްޓާ،" ފާރަލަނިކޮށް އެ ފައިސާއާ އެކު އޭނާ އަތުލައިގަތް ކަން ފާހަގަކުރައްވައި ހުޒާމް ވިދާޅުވި އެވެ.

ރަށުގެ ރައްޔިތުންގެ މެދުގައި އެހާ ހަމަނުޖެހުން ބޮޑުވެފައި އޮތް ނަމަވެސް ފުލުހުން ރަށުން ފުރީ ބާކީ ތިބި މީހުންނަށް އެއްވެސް ހިމާޔަތެއް ނުދީ އެވެ.

ހުޒާމް ވިދާޅުވި ގޮތުގައި ފުލުހުން ރަށުން ފޭބި ފަހުން ވެސް އެތައް އިރެއް ވަންދެން ރަށުގައި މުޒާހަރާކުރިއަށް ދިޔަ އެވެ. ވައްކަމުގެ ތުހުމަތުކުރެވޭ ބާކީ ތިން މީހުން ވަށަލައި އެތައް އިންޒާރެއް ދިން ނަމަވެސް ގަޔަށް ބޮލަށް އަތްނުލައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ރޭ މެންދަމު 3 ޖަހާކަށް ހާއިރުވަންދެން ހަމަ އެ ހަމަނުޖެހުންތައް ކުރިއަށް ދިޔަ. ފުލުހުން ނާންނާނެއޭ މިކަން އެމީހުންނޭ ދެން ހައްލުކުރާނީކީ. އެތައް ގެއަކުން ވައްކަންކޮށް މުދާ ފޭރިފައިވާތީ އެ ރުޅިވެރިކަން އޮތީ." އޭނާ ވިދާޅުވި އެވެ.

ކެނދިކުޅުދޫގައި ވައްކަން ކުރާ މީހުން ހޯދުމަށް ރަށުގެ 200 އެއްހާ އާންމުން ނިކުތެވެ. ވައްކަން އިތުރުވެ، ކައުންސިލުން ވަނީ އާންމުން މުދަލަށް ސަމާލުވުމަށް އަންގައި އިއުލާނެއް ވެސް އިއްޔެ ނެރެފަ އެވެ.