ނ. ކެނދިކުޅުދޫގައި ރޯމާދުވާލު ވެސް މީހުންނަށް ބިރުދައްކައިގެން ފޭރުމާއި ވައްކަންކުރުން އިތުރުވެގެން ދިޔައިރު ވެސް އެކަން ހައްލުކުރަން ފިޔަވަޅު ނޭޅުމުން ރައްޔިތުން "ވަގުން" ހޯދައި، ކައުންސިލާ ހަވާލުކުރަން ނުކުމެއްޖެ އެވެ.
ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ހުޒާމް "މިހާރު" އަށް ވިދާޅުވީ ފާއިތުވި ދެ ހަފްތާއެއްހާ ދުވަސް ތެރޭ ރަށުގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެ އާންމުންގެ މެދުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މީހުންގެ ގޭގޭގައި އިންދާގައި ހުންނަ ގަސްތަކުން ވައްކަން ކުރުމާއި ފިހާރަތަކަށް ވަދެ ބިރުދައްކައިގެން ފޭރުމުގެ މައްސަލަތައް ވެސް ބޮޑެވެ. އެކަން އެތައް ފަހަރަކު ކައުންސިލުން ޕޮލިހަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީހުން އިންދާފައި ހުންނަ ގަސްތަކުން މޭވާ އާއި ތަރުކާރި ބިނދެގެން ވަގަށް ވިއްކުމާއި މީހުންގެ ރަނާއި ރިހި ފަށް ކަހަލަ އެއްޗިއްސާއި މީހުންގެ ފިހާރަތަކުން ވެސް ރޯދާދުވާލު ވައްކަން ކުރަމުންދަނީ. މިކަން ރައްޔިތުން އެބަ ކައުންސިލަށް ހުށަހަޅާ."
ހުޒާމް ވިދާޅުވި ގޮތުގައި މިއަދު ކައުންސިލުން ވަނީ ރައްޔިތުންގެ މުދަލަށް ސަމާލުވުމަށް އަންގައި އިއުލާނެއް ވެސް ނެރެފަ އެވެ. އަދި އެކަމަށް ހައްލެއް ހޯދައިދޭން ފުލުހުންގެ ހެޑް ކުއާޓަރުގެ އިތުރުން ނ. ލަންދޫ އާއި ނ. މަނަދޫ ޕޮލިސް ސްޓޭޝަނަށް ސިޓީއެއް ވެސް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޒާމް ވިދާޅުވީ މިއަދު މައްސަލަ ހޫނުވީ މީހެއްގެ ފިހާރައަކަށް ވަދެ، ބިރުދައްކައިގެން ފައިސާތަކެއް ފޭރިގަތް މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ މައްސަލައާ ގުޅިގެން ލަންދޫން ފުލުހުންގެ ޓީމެއް ކެނދިކުޅުދޫއަށް ދިޔަ ނަމަވެސް ދެ މީހެއްގެ ބަޔާން ނެގި ގޮތަށް އެޓީމު ފުރީ އެވެ. ކައުންސިލާ ވެސް އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ.
ފުލުހުންނަށް ވައްކަމުގެ މައްސަލަ ހައްލުނުކުރެވުމުން އެންމެ ފަހުން މިރޭ 9:15 ހާއިރު ކައުންސިލް އިދާރާ ދޮށަށް ރަށުގެ ރައްޔިތުން އެއްވެ އަޑުގަދަކުރަން ފެށީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަނެއްކާ ވެސް އަޅުގަނޑުމެން އެންގިން ރަށުގެ މަސްރަހު ހޫނުވެއްޖެއޭ ފުލުހުންނަށް. މިހާރު ފުލުހުން އަތުވެެއްޖެ ރަށަށް،"
އޭނާ ވިދާޅުވި ގޮތުގައި ރަށުގެ 200 އެއްހާ މީހުން ނިކުމެ އަޑުގަދަކުރަމުންދިޔައީ ވަގުން ހިފައި ހައްޔަރުކުރުމަށެވެ. އެންމެ ފަހުން މުޒާހަރާއަށް ނިކުތް ރައްުޔިތުން ވަނީ ވައްކަން ކުރާ ކަމަށް ތުހުމަތުވާ މީހުންގެ ގޭގޭ ދޮށަށް ގޮސް އެމީހުން ކައުންސިލާ ހަވާލުކުރުމަށް ނުކުމެފަ އެވެ.
ހުޒާމް ވިދާޅުވި ގޮތުގައި މިހާތަނަށް ތިން މީހަކު ކައުންސިލާ ހަވާލުކޮށްފައިވާއިރު އަދިވެސް ބައެއް ގޭގޭ ދޮށަށް ގޮސް "ވަގުން" ހޯދުމުގެ މަސައްކަތް މީހުން ދަނީ ކުރަމުންނެވެ.
އެ ރަށުގައި ވައްކަމުގެ މައްސަލައާ ގުޅިގެން ތުހުމަތުކުރާ ފަސް ވަރަކަށް މީހުންނަކީ ވައްކަމާއި މަސްތުވާތަކެތީގެ އިތުރުން ފޭރުމާއި ތޫނު އެއްޗެހިން ހަމަލާދިނުމުގެ ރިކޯޑް އޮންނަ ބައެކެވެ.
ރައްޔިތުންގެ ކަންބޮޑުވުމަކީ ފޭރިގަންނަ މުދަލާއި މަސްތުވާތަކެތި ކަހަލަ ސާމާނާ އެކު ހައްޔަރުކުރާއިރު ވެސް ދެތިން ހަފްތާގެ ތެރޭގައި އެމީހުން ދޫވެ، ރަށުގައި އަނެއްކާ ވެސް ކުށްތައް ގިނަވުމެވެ.