ސްވިޓްޒަލެންޑްގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ މޫވެންޕިކް ހޮޓެލްސް އެންޑް ރިސޯޓްސް އިން ރާއްޖޭގައި ހެދި ފުރަތަމަ ރިސޯޓް ނ. ކުރެދިވަރުގައި ހުޅުވައިފި އެވެ.

އެ ރިސޯޓުގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން މަތީ ފެންވަރުގެ މި ރިސޯޓުގައި 105 ކޮޓަރި ހުންނާނެ އެވެ. އޭގެ ތެރޭގައި 72 އޯވާ ވޯޓާ ވިލާ، 30 ބީޗް ޕޫލް ސުއިޓް އާއި ތިން ބީޗް ސްޕާ ޕޫލް ރެސިޑެންސް ހިމެނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރިސޯޓް ހުޅުވި ރިސޯޓުގައި ތިން ރެސްޓޯރަންޓާއި ބާއެއް ވެސް ހުރެ އެވެ. އެ ތަނުން މޫވެންޕިކްގެ މަޝްހޫރު އުފެއްދުންތައް ވެސް ލިބެން ހުންނާނެ އެވެ. އެ ކުންފުނީގެ މަޝްހޫރު އުފެއްދުންތަކުގެ ތެރޭގައި ކޮފީ އާއި ޗޮކްލެޓް އައިސްކްރީމް ވެސް ހިމެނެ އެވެ.

މޫވެންޕިކް ކުންފުނިން ނ. ކުރެދިވަރުގައި ތަރައްގީކުރި ރިސޯޓްގެ އޮވާ ވޯޓާ ޕޫލް ވިލާ -- ފޮޓޯ: މޫވެންޕިކް
މޫވެންޕިކް ކުންފުނިން ނ. ކުރެދިވަރުގައި ތަރައްގީކުރި ރިސޯޓްގެ އޮވާ ވޯޓާ ޕޫލް ވިލާ -- ފޮޓޯ: މޫވެންޕިކް

މޫވެންޕިކް އިން ބުނި ގޮތުގައި ވަށައިގެން ހިތްގައިމު މޫދާއި ފަރު އޮންނަ އެ ރަށަކީ ފަތުރުވެރިންގެ މެދުގައިި ވަރަށް މަގުބޫލު ރިސޯޓަކަށް ވާނެ އެވެ. އެހެންވެ އެ ރަށުގައި މަތީ ފެންވަރުގެ ބީޗް ސްޕާއަކާއި ޑައިވް ސެންޓަރެއް ހަދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ އިތުރުން ޓޫރިސްޓުންނަށް ހާއްސަ ޔޮޓަކާއި މެރިން ރީސާޗް ސެންޓަރެއްގެ އިތުރުން ޕްރައިވެޓް މެރީނާއެއް ވެސް ހިމެނޭނެ ކަމަށް މޫވެންޕިކް އިން ބުންޏެވެ.

މޫވެންޕިކްގެ އާ ރިސޯޓުގައި 14 ކޮޓަރީގެ ޕްރައިވެޓް ރޫމް ހިމެނޭ ސްޕާއެއް އަދި ޔޯގާ އާއި އެންމެ ޒަމާނީ ފެންވަރުގެ ޖިމަކާއި ކުޅިވަރު ކުޅޭނެ ތަންތަން ވެސް ހުރެ އެވެ.

މޫވެންޕިކް ކުންފުނިން ނ. ކުރެދިވަރުގައި ތަރައްގީ ކުރި ރިސޯޓްގެ އޮވާ ވޯޓާ ޕޫލް ވިލާ -- ފޮޓޯ: މޫވެންޕިކް
މޫވެންޕިކް ކުންފުނިން ނ. ކުރެދިވަރުގައި ތަރައްގީ ކުރި ރިސޯޓްގެ އޮވާ ވޯޓާ ޕޫލް ވިލާ -- ފޮޓޯ: މޫވެންޕިކް

މޫވެންޕިކް ހޮޓާތައް މިހާރުވެސް އޭޝިއާ، ޔޫރަޕް، އެފްރިކާ އަދި މެދުއިރުމަތީގެ 23 ގައުމެއްގައި ހުރެ އެވެ.

ނ. އަތޮޅުގައި މިހާރު ވެސް މަތީ ފެންވަރުގެ ހަ ރިސޯޓެއް އަންނަނީ ހިންގަމުންނެވެ. އެގޮތުން މަޝްހޫރު ޝެވަލް ބްލަންކް ރަންދެލި އާއި ވެލާ ޕްރައިވެޓް އައިލެންޑް، ސޮނޭވާ ޖާނީ އަދި ރޮބިންސަން ކްލަބް ނޫނު ހިމެނެ އެވެ.