މޫވެންޕިކް، ކުރެދިވަރު ރިސޯޓުގައި ތިން ދުވަހުގެ ޗުއްޓީ ހޭދަ ކުރުމަށް މުޅި ރިސޯޓު އެއްކޮށް ބުކް ކުރެވޭ ޕެކޭޖުތަކެއް އިއުލާން ކޮށްފި އެވެ.
މި ޕެކޭޖުތައް ހާއްސަ ކޮށްފައި ވަނީ އާއިލާއާއެކު ނުވަތަ ރައްޓެހިންނާއެކު ޗުއްޓީ ހޭދަ ކޮށްލަން ދާ މީހުންނަށެވެ. މި ޕެކޭޖުގެ ދަށުން ބުކިން ހައްދާ މީހުންނަށް އެ ރިސޯޓުގެ 105 ވިލާ އާއި ސުއީޓުތަކާއި ރެޒިޑެންސްތަކުގެ ބޭނުން ކުރެވޭނެ އެވެ.
އަންނަ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބުކިން ހައްދާ މީހުން ދައްކަން ޖެހޭނީ ތިން ދުވަހަށް 930،000 ޑޮލަރެވެ. އޮކްޓޯބަރު މަހު ބުކިން ހައްދާ މީހުން ތިން ދުވަހަށް 1،014،000 ޑޮލަރު ދައްކަން ޖެހޭއިރު، ނޮވެމްބަރުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ބުކިން ހައްދާ ނަމަ ދައްކަން ޖެހޭނީ 999،000 ޑޮލަރެވެ.
މި މުއްދަތުގައި މުޅި ރިސޯޓު ހިފަން ބުކިން ހައްދާ މީހުންނަށް ވިލާތަކުގެ އިތުރުން ރިސޯޓުގައި ހުންނަ ރެސްޓޯރެންޓުތަކާއި ބާތަކާއި އެހެނިހެން ހިދުމަތްތައް ވެސް ހިލޭ ލިބޭނެ އެވެ. ކުރެދިވަރު ރިސޯޓުގައި ހަތަރު ރެސްޓޯރެންޓު ހުރެ އެވެ.
އެއޯ ފަސް ތަރީގެ، ޕަޑި ޑައިވިން އަދި ވޯޓާ ސްޕޯޓްސް ސެންޓަރެއް ވެސް ހުންނަ ރިސޯޓެކެވެ. އެހެންކަމުން މޫދު ކުޅިވަރާއި ސްނޯކްލިން އަދި ޑައިވިން ފަދަ ހަރަކާތްތަކުގައި ވެސް ހިލޭ ބައިވެރިވެވޭނެ އެވެ.
ކުރެދިވަރުން ފޯރުކޮށްދޭ އެހެނިހެން ހިދުމަތްތަކުގެ ތެރޭގައި ސްޕާ އާއި ޓެނިސް އަދި ވޮލީ ބޯޅަ ކުޅުމާއި ޔޯގާ ހިމެނެ އެވެ.