ބައެއް ހިއްސާދާރުން ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް މޫވެންޕިކް ކުރެދިވަރު ރިސޯޓު އެހެން ބަޔަކަށް ވިއްކުމުގެ އެއްވެސް މުއާމަލާތެއް ނުހިންގޭނެ ކަމަށް ބުނެ ހައި ކޯޓުން އަމުރެއް ނެރެފި އެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން އެ އަމުރު ނެރުނީ ނ. ކުރެދިވަރުގައި ތަރައްގީކޮށްފައިވާ މޫވެންޕިކް ކުރެދިވަރު ރިސޯޓު ހިންގާ ޒެން ރިޒޯޓް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާ އޮންނަ މައި ކުންފުނި، ރިޖްވުޑް ހޮޓެލްސްގެ ހިއްސާ ބަދަލުކުރި މައްސަލައެއްގައި، ވަގުތީ އަމުރަކަށް އެދިވަޑައިގެން، އެއް ހިއްސާދާރު މުހައްމަދު ސަދީފް ހައި ކޯޓަށް ހުށައެޅުއްވުމުންނެވެ.

ޒެން ރިސޯޓް އަކީ ސަރުކާރުގެ 10 ޕަސެންޓް އަދި ރިޖްވުޑްގެ 90 ޕަސެންޓް ހިމެނޭ ގޮތަށް އޮގަސްޓް 15، 2013 ގައި ހެދި ޖޮއިންޓް ވެންޗާއަކުން ކުރެދިވަރު ލިބުނު ކުންފުންޏެވެ.

ރިޖްވުޑްގައި، ސަދީފާއި ޖާދުﷲ ނާޒިމްއާ އެކު ޕޮލެންޑްގެ ހަތް މީހެއްގެ ހިއްސާ އޮވެ އެވެ. އެކަމަކު އޭގެ ތެރެއިން ދެމަފިރިން ކަމަށް ވާ ރޮބަޓް ޒެގްރޯޒް މީލެންޒުކް އާއި އޭނާގެ އަނބިމީހާ ބޮޒޭނާ މީލެންޒުކްގެ އިތުރުން އެމީހުންގެ އަންހެން ދަރިފުޅު އެލެގްޒެންޑްރާ ޖެމައިކާ މީލެންޒުކް ވަނީ، އެހެން ހިއްސާދާރުންނަށް ނޭނގި ރިޖްވުޑްގެ ހިއްސާ އެމީހުންގެ ނަމަށް ބަދަލުކޮށްފައި ކަމަށް، ސިވިލް ކޯޓަށް ސަދީފް ހުށައެޅުއްވި މައްސަލާގައިވެ އެވެ.

ސިވިލް ކޯޓުން މައްސަލަ ނިމުމުގެ ކުރިން މޫވެންޕިކް ރިސޯޓް އެހެން ބަޔަކަށް ވިއްކާލުމުގެ ފުރުސަތު އޮތުމުން، ސަދީފް ވަނީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ކަނޑައަޅައި، އަމުރެއް ނެރެދޭން ވެސް އެދިވަޑައިގެންފަ އެވެ. އެކަމަކު ސިވިލް ކޯޓުން އެ އަމުރު ނެރެއެއް ނުދިނެވެ. އެހެންކަމުން އޭނާ އަމުރެއް ހޯއްދަވަން ވަޑައިގަތީ ހައި ކޯޓަށެވެ.

މި މައްސަލައިގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ ވިދާޅުވީ މޫވެންޕިކް ރިސޯޓު ހިންގާ ޒެން ކުންފުނީގެ 90 ޕަސެންޓް ހިއްސާ އޮތީ ރިޖްވުޑް ހޮޓެލްސްގައި ކަމަށް ވާތީ ޒެން ރިޒޯޓުގެ މާލީ ހާލަތަކީ ޕޭރެންޓް ކުންފުނި ރިޖްވުޑްގެ ހިއްސާދާރުންގެ މަސްލަހަތު ވެސް އޮތް ކަމެއް ކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުން މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް، މޫވެންޕިކް ރިސޯޓްގެ ހެޑް ލީޒް އެހެން ބަޔަކަށް ބަދަލުނުކުރެވޭނެ ކަމަށް، ހައި ކޯޓުން ނިންމި އެވެ.

ހައި ކޯޓުގެ އަމުރުގައި ބުނެފައި ވަނީ ރިޖްވުޑްގެ ހިއްސާ ވަކި ބައެއްގެ ނަމަށް ބަދަލުކުރުމުން، އެހެން ހިއްސާދާރުންގެ ހައްގުތަކަށް ބަދަލު އަންނާނެ ކަމަށެވެ.

މައުލޫމާތު ހުރި ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި މީލެންޒުކް އާއިލާއިން ރިޖްވުޑްގެ ހިއްސާ ބަދަލުކުރީ އެހެން ހިއްސާދާރުންނަށް އެނގުމެއް ނެތި ވަކިން ބޯޑު ބައްދަލުވުމެއް ބާއްވައިގެންނެވެ. އެކަމަކު މި ތުހުމަތާ މެދު މީލެންޒުކްގެ ފަރާތުން މީޑިއާއަށް ވަކި އެއްޗެކޭ އަދި ނުބުނެ އެވެ.