ސުވިޓްޒަލެންޑްގެ މަޝްހޫރު ހޮޓެލް ޗެއިން، މޫވެންޕިކް ހޮޓެލްސް އެންޑް ރިސޯޓްސްގެ ފުރަތަމަ ރިސޯޓް ނ. ކުރެދިވަރުގައި އަންނަ ނޮވެމްބަރު މަހު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެ ރިސޯޓުގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން އެންމެ މަތީ ފެންވަރުގައި ހަދާ ރިސޯޓުގައި ޖުމްލަ 105 ކޮޓަރި ހުރެ އެވެ. އޭގެ ތެރޭގައި 72 އޯވާ ވޯޓާ ޕޫލް ވިލާ އާއި 30 ބީޗް ޕޫލް ސުއިޓް އަދި ތިން ބީޗް ސްޕާ ޕޫލް ރެސިޑެންސް ހިމެނެ އެވެ.

އެ ރިސޯޓުގައި ތިން ރެސްޓޯރަންޓާއި ވައިން ބާ އެއް ވެސް ހުރެ އެވެ. އެތަނުން މޫވެންޕިކް ގެ މަޝްހޫރު އުފެއްދުންތައް ވެސް ލިބެންހުރެ އެވެ. އޭގެ ތެރޭގައި ކޮފީ އާއި ޗޮކްލެޓާއި އައިސްކްރީމް އަދި ވައިން ވެސް ލިބޭނެ ކަމަށް މޫވެންޕިކް ވެބްސައިޓްގައި ބުނެފައިވެ އެވެ. އެ ކުންފުނީގެ ފްރެންޗައިސް ރެސްޓޯރަންޓެއް މާލޭގައި ހުރެ އެވެ.

ވަށައިގެން ހިތްގައިމު މޫދާއި ފަރު ހިމެނޭ އެ ރަށާ ބެހޭ ގޮތުން މޫވެންޕިކުން ބުނެފައި ވަނީ އެއީ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލް ރިސޯޓަކަށް ވާނެ ކަމަށެވެ. އެގޮތުން އެ ރަށުގައި އެންމެ މަތީ ފެންވަރުގެ ޑައިވް ސެންޓަރަކާއި ބީޗް ސްޕޯޓްސް ސެންޓަރަކާއި ޓޫރިސްޓުންނަށް ހާއްސަ ސުޕަ ޔޮޓަކާއި އާދައިގެ ފެންވަރުގެ މެރިން ރިސާޗް ސެންޓަރެއްގެ އިތުރުން ޕްރައިވެޓް މެރީނާއެއް ވެސް ހިމެނޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ކުރެދިވަރުގައި 14 ކޮޓަރީގެ ޕްރައިވެޓް ރޫމް ހިމެނޭ ސްޕާއެއް އަދި ޔޯގާ އާއި އެންމެ ޒަމާނީ ފެންވަރުގެ ޖިމަކާއި ތަފާތު ކުޅިވަރު ކުޅޭނެ ތަންތަން އެ ރިސޯޓުގައި ހުރެ އެވެ.

މޫވެންޕިކް ހޮޓާތައް އޭޝިއާ އާއި ޔޫރަޕާއި އެފްރިކާ އަދި މެދުއިރުމަތީގެ 23 ގައުމެއްގައި ހުރެ އެވެ.

މަތީ ފެންވަރުގެ ގިނަ ރިސޯޓުތަކެއް ހުޅުވާފައިވާ ނ. އަތޮޅުގައި މިހާރު ވެސް ހަ ރިސޯޓް ހިންގަ އެވެ. އޭގެ މަޝްހޫރު ޝެވަލް ބްލޮންކް ރަންދެލި އާއި ވެލާ ޕްރައިވެޓް އައިލެންޑް، ސޮނޭވާ ޖާނީ އަދި ރޮބިންސަން ކްލަބް ނޫނު ހިމެނެ އެވެ.