ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ހިންގާ ސެންޓަރުތަކަށް ޒިޔާރަތްކޮށް އެތަނާ ގުޅޭ މައުލޫމާތުތައް ހޯދުމަށް ފަހު، އެ އެޖެންސީ މިހާރު ހިންގާ އުސޫލު ބަދަލުކުރުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނާ މެދު މަޝްވަރާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މަސްތުވާތަކެތީގެ މައްސަލަތަކަށް ހައްލު ހޯދުމަށް އެންޑީއޭ ނުކުޅެދިފައިވާ ކަމަށް ބުނެ "ހޭންޑްސް ޓުގެދާ" ނަމަކަށް ކިޔާ ޖަމިއްޔާއަކުން ވަނީ 1،050 މީހުންގެ ސޮޔާއެކު މަޖިލީހަށް އިއްޔެ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ. އެ ޕެޓިޝަން ސްޕޮންސާކޮށް މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމެވެ.
އެކަމާ ގުޅިގެން ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ވަނީ މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި އެންޑީއޭގެ މަރުކަޒެއް ހުރި ނަމަ އެ ކޮމިޓީން ޒިޔާރަތްކޮށް މައްސަލަތައް ބެލުމަށެވެ. އެ ޒިޔާރަތުން ލިބޭ މައުލޫމާތުތަކަށް ފަހު ކަމާގުޅޭ އިދާރާތައް ހާޒިރުކުރުމަށް އޭނާ ހުށަހެޅުއްވި އެވެ. ހަމައެކަނި އެމްޑީޕީގެ މެމްބަރުން ތިއްބަވާ އެ ކޮމިޓީން ވަނީ އެ ގޮތަށް އެކަން ފާސްކޮށްފަ އެވެ.
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅޭގޮތުން ހުށަހަޅާފައިވަނީ ވަރަށް މުހިއްމު މައްސަލައެއް ކަމަށެވެ. އެއީ ޒުވާނުންނާއި އެކި އުމުރުގެ މީހުންނަށް ކުރިމަތިވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ އެންޑީއޭ ރަނގަޅަށް މަސައްކަތް ނުކުރާ ކަމުގެ ޝަކުވާ މީގެ ކުރިން ވެސް އައްސަވާފައިވާ ކަމަށެވެ.
ޕެޓިޝަންގައި ބުނީ ރާއްޖެ އަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަތަކަށް ވިޔަސް އެ ވަބާއިން ގައުމު ސަލާމަތްކުރަން އެންޑީއޭއާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނުކުޅެދިފައިވާ ކަމަށެވެ.
"މިހެން މިކަން ވާންޖެހޭ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ، މީގެ 24 ވަރަކަށް އަހަރު ކުރިން އެޖެންސީ ވުޖޫދަށް ގެންގުޅުނު ނިޒާމްތަކާއި ބޯދާ އުސޫލުތަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވުމެވެ،" ޑިސެމްބަރު 28، 2020 ގައި ސޮއިކުރަން އާއްމުންނަށް ހުޅުވައިލި ޕެޓިޝަނުގައި ބުނެފައި ވެ އެވެ.
އެންޑީއޭއާ ގުޅޭގޮތުން އާއްމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްތުވާތަކެތީގެ ފަރުވާ ހޯދުމަށް ދިގު ކިއުއެއް އޮތުމާއި އެ ތަނުން ދޭ ފަރުވާއަށް އެއްވެސް ބަދަލެއް އައިސްފައި ނެތުމެވެ. މަސްތުވާތަކެތީގެ ބަލިމަޑުކަމުން ސަލާމަތްވުމަށް ދޭ ފަރުވާއަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށް އެ ބޯޑުން ވެސް ގަބޫލުކުރެ އެވެ. އެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެންޑީއޭ ބޯޑުގެ ޗެއާމަން އަބްދުލް ހަމީދު ވިދާޅުވެފައި ވެ އެވެ.