ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ފައިނޭންޝަލް އަދި ޕާފޯމެންސް އޮޑިޓެއް ހަދަން އޮޑިޓަ ޖެނެރަލްގެ އޮފީހުގައި އެދެން، ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ނިންމައިފި އެވެ.

"ޗޭންޖް އެންޑީއޭ"ގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގެ މައްސަލަ ދިރާސާކޮށް، ޕެޓިޝަން ކޮމިޓީން މިދިޔަ ބުރާސްްފަތި ދުވަހު އާއްމުކުރި ރިޕޯޓްގައިވާ ގޮތުން ރާއްޖޭގައި ޑްރަގްގެ މައްސަލަ ހައްލުކުރަން ކޮމިޓީގެ ގިނަ ހުށަަހެޅުންތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ހުށަހެޅުމަކީ އެންޑީއޭގެ ފައިނޭންޝަލް އަދި ޕާފޯމެންސް އޮޑިޓެއް ހެދުމެވެ. އެއަަށް ފަހު މަސްތުވާތަކެއްޗާ ގުޅޭ މާސްޓާ ޕޮލިސީއެއް ހެދުމަށާއި އެއީ ރާއްޖޭގެ ވެރިކަން ބަދަލުވާ އިރު ބަދަލުނުވާ ޕޮލިސީއަކަށް ހަދަން ހުށަހަޅަން ވެސް ޕެޓިޝަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ކޮމިޓީ ރިޕޯޓް ދައުލަތުގެ އިދާރާތަކަށް ފޮނުވާނީ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ފާސްކުރުމަށް ފަހުގަ އެވެ.

ޑްރަގް ބޭނުންކުރުމާއި ޑްރަގްގެ ވިޔަފާރި ކުރުން ހުއްޓުވަން މަސައްކަތްކުރަން ޖެހޭ ދައުލަތުގެ ހުރިހާ އިދާރާއެއްގެ ވެރިންނާ ބައްދަލުކޮށް، އަދި ރިހެބިލިޓޭޝަން ސެންޓަރުތަކަށް ޒިޔާރަތްކޮށް، މައުލޫމާތު އެއްކޮށްގެން އެކުލަވައިިލި ރިޕޯޓްގައިވާ ގޮތުން، ޑްރަގް ހުއްޓުވުމުގައި ނާކާމިޔާބުވާން މެދުވެރިވާ ގިނަ މައްސަލަތަކެއް މުޅި ނިޒާމުގައި އެބަހުއްޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ މެމްބަރުން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ މެމްބަރުން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ކޮމިޓީގެ ބައެެއް ހޯދުންތައް

- ސެންޓަރުތަކުން ހިދުމަތް ފޯރުކޮށްދޭން އޮތް ދައްްޗަކީ ބަޖެޓްގެ ދަތިކަން ކަމަށް އެންޑީއޭން ބުންޏަސް، އެ އެޖެންސީއަށް އެކަށީގެންވާ ބަޖެޓެއް ލިބޭކަން.

- އެންޑީއޭއިން ހިންގާ ސެންޓަރުތަކުގެ އިމާރާތްތައް ބާވެ ހަލާކުވެފައިވާކަން.

- ފަރުވާއަށް ބޭނުންވާ ބޭސްތައްްް ގަވައިދުން ސެންޓަރުތަކަށް ނުލިބޭކަން. (މުވައްޒަފުން އަމިއްލައަށް ބައެއް ފަހަރު ބޭސް ހޯދާކަން)

- ސެންޓަރުތަކުން އައުޓްސޯސްކޮށްގެން ކުރާ މަސަައްކަތްތަކަށް (އަމިއްލަ ފަރާތްތަކަށް) އަގު ނުދީ ހުރިކަން.

- ސެންޓަރުތަކުގައި ސުޕްރިންޓެންޑެންޓުން ތިބެންޖެހޭނެ ކަމަށް ގާނޫނުގައި އޮންނަ އިރު ބައެއް ސެންޓަރުތަކުގެ އެ މަގާމުގައި މީހުން ނެތްކަން.

- ސެންޓަރުތަކަށް ބޭނުންވާ ވަރަށް ކައުންސެލަރުން ނެތްކަން.

- އެންޑީއޭއިން ސެންޓަރުތައް މޮނިޓާކުރަމުން ނުދާކަން.

ކޮމިޓީން ހުށަހަޅާ ކަންތައްތައް

އެންޑީއޭގެ ސެންޓަރުތަކުން މިހާރަށް ވުރެ ރަނގަޅު ހިދުމަތް ދިނުމަށާއި ޖުމްލަ ގޮތެއްގައި ޑްރަގްގެ މައްސަލަ ހައްލުކުރަން ކޮމިޓީން ހުށަހަޅާ ގިނަ ކަންތައްތަކެއް ޕެޓިޝަން ކޮމިޓީގެ ރިޕޯޓްގައި ހިމަނާފައިވެ އެވެ. އޭގެ އެންމެ ފުރަތަމަ ކަމަކީ އެންޑީއޭއަށް ބޭނުންވާ ވަސީލަތްތައް ދިނުމެވެ. ޑްރަގް ކޯޓަށް އެކަށީގެންވާ ވަރަށް ވަސީލަތްތައް ފޯރުކޮށްދިނުމަކީ ވެސް ކޮމިޓީގެ ހުށަހެޅުމެކެވެ.

އެހެން ބައެއް ހުށަހެޅުންތައް:

- ކަސްޓަމްސްގެ ލަފަޔާ އެކު ބޯޑަ ކޮންޓްރޯލް ކުރުމަށް ގެންގުޅޭ މެޝިނަރީ އާއި އިކުއިޕްމެންޓްގެ ފެންވަރު މަތިކުރުން.

- މަސްތުވާތަކެތީގެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން.

- ޑްރަގް ބޭނުންކުރާ މީހުން، ކުށުގެ ވެށިން ހައްޔަރުކުރުމުން، އެމީހުންގެ ބަންދުގެ މުއްދަތު ޖެހުމުގެ އިހުތިސާސް، ކްރިމިނަލް ކޯޓަށް ނެތްކަމަށްް އެކޯޓުން ބުނާ މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ގުޅިގެން ހައްލުކުރުން.

- އޮޕަރޭޝަންތައް ހިންގަން ފުލުހުންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރުން.

- އިދާރާތައް ޖަވާބުދާރީ ކުރުވުމުގައި އޮތް ބިއުރޮކްރަސީ ކުޑަކުރުން.

"ޗޭންޖް އެންޑީއޭ" ޕެޓިޝަނަކީ ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޮޅި ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހައިތަމް ސްޕޮންސާ ކުރައްވަައި، 1،050 މީހުންގެ ސޮޔާ އެކު މިދިޔަ މާޗް މަހު މަޖިލީހަށް ހުށަހެޅި ޕެޓިޝަނެކެވެ. ޑްރަގް ބޭނުންކުރުން ހުއްޓުވަން ކުރާ މަސައްކަތުގައި ހުރި ގިނަ މައްސަލަތަކެއް އެ ފާހަގަކޮށް، އެކަންތައްތަކަށް ހައްލު ހޯދައިދޭން، އެ ޕެޓިޝަނުގައި ގޮވާލައިފައިވެ އެވެ.