މިދިޔަ ފަސް އަހަރުގެ ތެރޭގައި ދައުލަތުން ބޮޑު ބަޖެޓެއް ދީގެން ވެސް ދުވަހުން ދުވަހަށް ހާލަތު ދަށްވި ނޭޝަނަލް ޑްރަގް އެޖަންސީ (އެންޑީއޭ) އިން "ވައްކަން" ކުރަމުން ދިޔަ ބަޔަކު ހޯދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ބުނެފި އެވެ.

"ޗޭންޖް އެންޑީއޭ" ގެ ނަމުގައި އެ ކޮމިޓީ އަށް ހުށަހެޅި ޕެޓިޝަން ދިރާސާ ކުރުމަށް ފަހު، އެކުލަވައިލި ރިޕޯޓާ ގުޅޭ މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުގައްރިރު އަދި މުލަކު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނަސީރު ވިދާޅުވީ، ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން އެންޑީއޭ އަށް 366 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. ނަމަވެސް ހަރަދުތައް ކުރުމަށް ފަހު، އެ މުއްދަތުގެ ތެރޭގައި ދައުލަތަށް އަނބުރާ ދިނީ 38.9 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު ސެންޓަރުތަކަށް ޒިޔާރަތް ކުރީމާ ބޯލާނެ ފެންފުޅިއެއް ނެތް ވާހަކަ އާއި ވޮލެންޓިއާކޮށް މަސައްކަތް ކުރާ ކުދިންނަށް ކާއެއްޗެއް ނެތް ވާހަކަ އޮންނަނީ. މި ކަން ހިންގަން ތިބި ކޮންމެވެސް ބައެއްގެ އިހުމާލު އެބަހުރި،" ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބި ޒުވާނުންގެ ހާލަތާއި އެ މީހުންނަށް ފަރުވާ ދޭން ޖެހޭ ރިހެބިލިޓޭޝަން ސެންޓަރުތަކުގެ ހާލަތު ވެސް ދުވަހުން ދުވަހަށް ވަނީ ގޯސްވެފަ އެވެ. އަދި އެންޑީއޭގެ ރަނގަޅު އޮޑިޓެއް ހަދައި، "ވައްކަން" ކޮށްފައި ހުރި ދިމާތައް ހޯދަން ޖެހޭ ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.

"ވޭތުވެދިޔަ ފަސް އަހަރުގެ ފައިނޭންޝަލް އަދި ޕާފޯމަންސް އޮޑިޓެއް އޮޑިޓާ ޖެނަރަލް އޮފީހުން ކުރަން ޖެހޭނެ. މީގެން އެނގޭނެ ކޮން ދިމާލަކުން ކަން އިހުމާލުވީ. ކޮން ދިމާލަކުން ކަން ވައްކަން ކޮށްފައި ވަނީ. މިކަން ވެސް އޮޑިޓެއް ހެދީމަ ތިލަވެގެން އަންނާނެ،" ނަސީރު ވިދާޅުވި އެވެ.

އެކަމަކު ސެންޓަރުތަކަށް ޒިޔާރަތް ކުރީމާ ބޯލާނެ ފެންފުޅިއެއް ނެތް ވާހަކަ އާއި ވޮލެންޓިއާކޮށް މަސައްކަތް ކުރާ ކުދިންނަށް ކާއެއްޗެއް ނެތް ވާހަކަ އޮންނަނީ. މި ކަން ހިންގަން ތިބި ކޮންމެވެސް ބައެއްގެ އިހުމާލު އެބަހުރި،"--- ނަސީރު

ޕެޓިޝަން ކޮމިޓީގެ ނައިބު މުގައްރިރު އަދި ތިނަދޫ އުތުރު ދާއިރާ އެމްޑީޕީގެ މެންބަރު އަބްދުލް މުޣުނީ ވިދާޅުވީ، އަތޮޅު ތެރެގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރުން ކުޑަކުޑަ ހަރަދެއް ކޮށްލަން ޖެހުނަސް ޖެހެނީ މާލޭގައި ހިންގާ އެންޑީއޭގެ އޮފީހުގައި އާދޭސް ކުރުމަށް ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، އެންމެ ކުޑަމިނުން ކަރުދާސް ރީމެއް ގަންނަން ބޭނުން ވިޔަސް ފައިސާ އަށް އެދެން ޖެހެނީ މާލޭގައި ހިންގާ އެންޑީއޭގެ އޮފީހުގަ އެވެ. އެ ފައިސާ ފޮނުވުމުގެ ބަދަލުގައި އެއާ ފްރައިޓްކޮށް، ކަރުދާސް ރީމް ފޮނުވާ ކަމަށް މުގުނީ ވިދާޅުވި އެވެ.

"އަތޮޅު ތެރޭ ރަށްރަށް އެ ހާލަތަށް ދިއުމުގެ އެންމެ ބޮޑު ޒިންމާއެއް އަދާކުރަން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންޑީއޭގައި ތިބި ޒިންމާދާރު ވެރިން. އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާ ނުކުރުމުގެ ސަބަބުން މި ހިސާބަށް ދިޔައީ،" އޭނާ ވިދާޅުވީ އެވެ.

ބައެއް ކުދިން ބޭނުން ކޮށްފައި ނިދާލަން ތަނެއް ނުލިިބިއްޖިއްޔާ ނުވަތަ ސިކްވީމާ ގޮސް އެ ތަނަށް ވަދެ ފަރުވާއެއް ހޯދާފައި ހަމަ ވަދެފައި ނުކުމެގެން އަންނަން އެއްވެސް ހުރަހެއް ނެތް ތަނެއް ގޮތުގައި ފާހަގަވީ،"--- މުގުނީ

ޕެޓިޝަން ކޮމިޓީ އަތޮޅުތެރޭގެ ރިހެބިލިޓޭޝަން ސެންޓަރުތަކުގެ ހާލަތާއި އެ ތަންތަން ބޭނުން ކުރާ ގޮތާއި ފަރުވާ ހޯދަން ދާ މީހުންނަށް ކިހާ ފަރުވާއެއް ލިބޭތޯ ބަލާފައިވާ ކަމަށް މުޣުނީ ވިދާޅުވި އެވެ. ނަމަވެސް ފެނުނު މަންޒަރަކީ އެ ތަންތަން ފަޅަށް ހުރުމާއި މުއައްޒަފުން އެއްވެސް ކަމެއް ނެތި ތިބޭ ތަން ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް އެހެން މަރުކަޒުތަކަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް "ސޭފް ހައުސް" އަކަށް ވެފައިވާ ކަމަށް ކޮމިޓީއަށް ފާހަގަ ކުރެވިފައިވާ ކަމަށް މުޣުނީ ވިދާޅުވި އެވެ. އަދި މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ހިތްވަރު ދޭ މަރުކަޒުތަކެއް ގޮތުގައި ވެސް ބައެއް ތަންތަން ފާހަގަވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ކުދިން ބޭނުން ކޮށްފައި ނިދާލަން ތަނެއް ނުލިިބިއްޖިއްޔާ ނުވަތަ ސިކްވީމާ ގޮސް އެ ތަނަށް ވަދެ ފަރުވާއެއް ހޯދާފައި ހަމަ ވަދެފައި ނުކުމެގެން އަންނަން އެއްވެސް ހުރަހެއް ނެތް ތަނެއް ގޮތުގައި ފާހަގަވީ،" އޭނާ ވިދާޅުވި އެވެ.

"މިއީ އާދައިގެ ކަމެއް ނޫން. ޕެންޑަމިކަށް ވުރެ ވަކި ކުޑަ ކަމެއް ނޫންކަން ފާހަގަ ވެއްޖެ." މުޣުނީ ވިދާޅުވި އެވެ.