މި އަހަރު ރިލީޒް ކުރި ފިލްމް "މަލިކާ" އިން ފިލްމީ ދާއިރާ އަށް ތައާރަފުވި ނުޒުހަތު ޝުއައިބް (ނުޒޫ) އަކީ ކުރިމަގު އޮތް ބަތަލާއެއްކަން އޭނާ އަންނަނީ ސާބިތުކޮށް ދެމުންނެވެ.
ވަރަށް އާ ތަރިއަކާ ބަލާފައި އޭނާ އަށް ކުރިއަށް ދާން ލިބޭ ފުރުސަތުތައް މިހާރު ގިނަ އެވެ.
އަނެއްކާ ވެސް ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރެއްގެ ފިލްމަކުން ނުޒޫ އަށް ވަނީ ފުރުސަތެއް ލިބިފަ އެވެ. އަބްދުލް ފައްތާހު މިހާރު ހަދަމުން އަންނަ ފިލްމް "ހައްދު" އިން ވެސް އޭނާ އަށް ވަނީ ފުރުސަތު ލިބިފަ އެވެ. ނުޒޫ މިހާރު ހުރީ ފިލްމުގެ ޓީމާ އެކު ރ. ވަދޫގަ އެވެ.
ނުޒޫ ބުނީ "ހައްދު" އިން ފުރުސަތެއް ލިބުނީ ފައްތާހާ އެކު މަސައްކަތްކޮށްލަން ލިބޭނެ ދުވަހަކަށް އިންތިޒާރުކޮށްގެން ހުއްޓައި ކަމަށެވެ. ފިލްމުގަގައި އޭނާ ފެނިގެން ދާނީ ވަރަށް ހާއްސަ ލަވައަކުންނެވެ.
"ވަރަށް އެގްޒައިޓްވެފައި މިހިރީ. އެކްސްޕެކްޓެއް ނުކުރަން މިހާ އަވަހަށް ފައްތާހުގެ ފިލްމަކުން ފުރުސަތެއް ލިބޭނެ ކަމަކަށް،" އަންނަ ސެޕްޓެމްބަރު މަހު ރިލީޒްކުރާ ފިލްމާ ބެހޭ ގޮތުން ނުޒޫ ބުންޏެވެ. "މިކަހަލަ ފުރުސަތެއް ތަނަވަސްވީމަ ކުރިއަށް ދާން ލިބުނު އިތުރު ހިތްވަރެއް މިއީ."
އޭނާ ބުނީ އަލީ މުސްތޮފާ (ސެމީ) ޑައިރެކްޓް ކުރި "މަލިކާ" އަށް ފަހު ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކުރާ ފިލްމަކުން ފުރުސަތައް ލިބުމަކީ ވެސް ކުރިމަގު އުޖާލާކޮށް ފެންނަކަމުގެ ހެއްކެއް ކަމަށެވެ.
"ރަނގަޅު ޑައިރެކްޓަރުންނާ އެއްކޮށް މަސައްކަތްކޮށްލަން ލިބޭތީ ވަރަށް ގަބޫލު ކުރަނީ ރަނގަޅަށޭ ކެރިއާ އަދި މި ދަނީ،" ނުޒޫ ބުންޏެވެ.
އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ޔޫއްޕެ ޑައިރެކްޓްކޮށް، އޮގަސްޓް ދޭއްގައި ރިލީޒް ކުރާ "ނޯޓީ 40" އިންނެވެ.
މިދިޔަ ރޯދަ މަހު ވީޓީވީން ގެނެސް ދިން ޑްރާމާ ސިލްސިލާ "އިމްޝާ" ގެ ޓައިޓްލް ރޯލް ކުޅުނީ ވެސް ނުޒޫ އެވެ. މީގެ އިތުރުން ރޯދަ މަހު އެ ޗެނެލުން ދެއްކި ދިވެހި ވީޑިއޯ ލަވަ ޕްރޮގްރާމްގައި ވެސް ނުޒޫގެ ފަރި ހަރަކާތްތައް ފެނިގެން ގޮސްފައިވެ އެވެ.
އަދިވެސް އޭނާގެ ޑްރާމާ ސިލްސިލާއެއް ކުރިއަށް އެބަ އޮތެވެ. އެއީ އަހުމަދު ސައީދު ޑައިރެކްޓް ކުރާ "ތީހޭ މަށަން ދިން މަގާމު" އެވެ.
"އިތުރު އެހެން ފިލްމަކަށް ވެސް ސްޓޫޑިއޯއަކާ އަބަ ދެކެވޭ،" ނުޒޫ ބުންޏެވެ.