ކާމިޔާބު، ރީތި ފލްމްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ އަބްދުލް ފައްތާހުގެ ފިލްމެއްގައި މަސައްކަތްކޮށްލަން ލިބުމަކީ ކެރިއަރުގައި ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި މިއީ "ސަޅި ތަޖުރިބާއެއް" ކަމަށް މިހާރުގެ އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ ބުނެފި އެވެ.

ތިިން އަހަރެއްހާ ދުވަސް ފަހުން ފައްތާހު ޑައިރެޓްކުރާ ފުރަތަމަ ފިލްމް "ހައްދު" އިން ފުރުސަތު ލިބުމުން އައްޒަ ހުރީ ވަރަށް އުފަލުންނެވެ.

ޒުވާން ބަތަލާ މިހާތަނަށް އެންމެ ބޮޑު އަގަކަށް ކުޅޭ ފިލްމުގެ ޝޫޓިންގައި ރ. ވާދޫގައި ހުރެ އައްޒަ ބުނީ ފައްތާހުގެ މަސައްކަތް އުންމީދު ކުރި ވަރަށް ވުރެ ވެސް ފުރިހަމަވެފައި، މޮޅު ކަމަށެވެ.

ވާދު އަށް ފިލްމުގެ ކްރޫ އާއި ކާސްޓް ދިޔައީ ހއ. ކެލަ އާއި އުތީމުގައި ވެސް މަންޒަރުތަކެއް ނެގުމަށް ފަހު އެވެ.

އައްޒަ، "ހައްދު" ގެ ކްރޫ އާއި ކާސްޓާ އެކު އުނގޫފާރުގައި.
އައްޒަ، "ހައްދު" ގެ ކްރޫ އާއި ކާސްޓާ އެކު އުނގޫފާރުގައި.

"ގިނަ ދުވަސްތަކެއްގެ ބްރޭކަކަށް ފަހު، ފައްތާހުގެ ކަމްބެކް ފިލްމުން ފުރުސަތު ލިބުނީމަ އަސްލު ވަރަށް އުފާވެ، ވަރަށް ޕްރައުޑްވެފައި މި ހުންނަނީ،" މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ "މީ ލޯތްބަކީ" ގެ ބަތަލާ ބުންޏެވެ.

އައްޒަ ބުނީ ފައްތާހަކީ ތަރިންނަށް ވަރަށް އަޅާލައި އިހުތިރާމް ދީގެން މަސައްކަތް ކުރާ ޑައިރެކްޓަރެއްކަން އަމިއްލަ އަށް މިހާރު ތަޖުރިބާ ކުރެވެމުން އަންނަ ކަމަށެވެ.

"ފައްތާހާ އެކު ކުރިން މަސައްކަތްކޮށްފައި ތިބި އެކްޓަރުންގެ ފަރާތުން އެ ކަހަލަ ވާހަކަތަކެއް އަޑު އިވިފައި ހުރީ. އެހެން ނަމަވެސް މިހާރު އަމިއްލަ އަށް އެކަން އެބަ ތަޖުރިބާ ކުރެވޭ. ވަރަށް ފުރިހަމަ އަށް އެކޮމޮޑޭޝަނާ އެއްޗެހި ހަމަޖައްސައި ދީގެން އަސްލު ވަރަށް ލޯބިން، ރެސްޕެކްޓް ދީގެން އެކްޓަރުން ލައްވައި މަސައްކަތް ކުރުވަނީ،" އޭނާ ބުންޏެވެ. "އަނެއްކާ ފައްތާހުގެ އެންމެ ސަޅި ތަންކޮޅަކީ ވަރަށް ޕްލޭންކޮށްގެން، އޮން ޓައިމަށް މަސައްކަތް ނިންމަން މަސައްކަތް ކުރާތީ."

"ހައްދު" ގެ މަންޒަރުތަކެއް ކެލާގައި ނަގަނީ.
"ހައްދު" ގެ މަންޒަރުތަކެއް ކެލާގައި ނަގަނީ.

އައްޒަ ބުނީ ފައްތާހަކީ ސީންތައް ވަރަށް ރަނގަޅަށް ކިޔައިދޭ ޑައިރެކްޓަރެއް ކަމަށެވެ.

"ސީންތައް ތަރޯ ވަންދެން ވަރަށް ޕޭޝަންސާ އެކު، ބުނެ ދޭނެ. އެހެންވީމަ އަސްލު ވަަރަށް ފަސޭހަ މަސައްކަޔް ކުރަން. އަނެއްކާ ހިތްހަމަޖެހޭ ވަރަށް މަންޒަރުތައް ޕާފެކްޓް ކުރެވެންދެން އެކްޓަރުން ލައްވައި މަސައްކަތް ކުރުވާނެ،" މިދިޔަ އަހަރު ރިލީޒް ކުރި ބިރުވެރި ފިލްމް "4426" ގައި މޮޅު އެކްޓިންއެއް ދެއްކި ބަތަލާ ބުންޏެވެ. "އެހެންވެ އެއީ ސެޓްގައި ވަރަށް ބޮޑު މޯޓިވޭޝޭނެއް އަންނަ ކަމެއް. ކިރިޔާ ވެސް ހިތްހަމަނުޖެހޭ ގޮތަކަށް މަންޒަރެއް އިނދެގެން ފައްތާހު ދުލެއް ނުކުރާނެ. ޕާފެކްޓްކޮށްފައި ދޫކޮށްލާނީ."

މަހުދީ އަހުމަދު ސްކްރީންޕްލޭއަކަށް ހަދާ "ހައްދު" ގައި އައްޒަގެ ރޯލް ވަރަށް ތަފާތު ވާނެ ކަމަށް އޭނާ ބުންޏެވެ.

"އަސްލު ކުރުކޮށް ބުނަންޏާ ވަރަށް ނޯމަލް އަންހެން ކުއްޖެއްގެ ގޮތުގައި ފެންނާނީ. އެކަމަކު ކެރެކްޓާ ވައިސްކޮށް ބަލައިފިއްޔާ ވަރަށް ސްޓްރޯންގް ކެރެކްޓާއެއް މިކުޅެނީ،" އައްޒަ ބުންޏެވެ. "ފައްތާހު އެބަހުރި މިހާތަނަށް ޝޫޓް ކުރި މަންޒަރުތަކަށް ބަލާ އިރު އައްޒަގެ މެކްސިމަމް ނެރެން މަސައްކަތް ކުރުވާފައި. އެހެންވީމާ އެ ތަފާތު ފެންނާނެ."

އައްޒަ އާއި ޝިބާން (މ) "ހައްދު" ގެ ލޯންޗިން ހަފުލާގައި.
އައްޒަ އާއި ޝިބާން (މ) "ހައްދު" ގެ ލޯންޗިން ހަފުލާގައި.

"ހައްދު" ގައި އޭނާ ފެނިގެން ދާނީ ވެސް ފިލްމީ ދާއިރާ އަށް އަލަށް ތައާރަފުވާ އަހުމަދު ޝިބާންއާ އެކުގަ އެވެ.

"އާ ކުއްޖަކާ އެކު މަސައްކަތް ކުރަން އުޅުނީމަ ބައެއް މީހުން ކުރިން ތަންކޮޅެއް ނެގަޓިވްކޮށް ވާހަކަ ވެސް ދެއްކި. އެކަމަކު ސެޓަށް އައިސް އެކުގައި މަސައްކަތްކޮށްލީމަ އެނގުނީ ޝިބާންއަކީ ވަރަށް ޓެލެންޓެޑް އަދި ވަރަށް ކަމާވެގެން މަސައްކަތް ކުރާ ކުއްޖެއްކަން." އައްޒަ ބުންޏެވެ. "އައްޒަ ގަބޫލު ކުރަނީ ޝިބާންއާ އެކު މި ފިލްމުން ވަރަށް ފުރިހަމަ ކެމިސްޓްރީއެއް ސްކްރީނުން ދެއްކޭނެ ކަމަށް. ލުކްސް އަށް ބަލައިފިއްޔާ ޝިބާންއަކީ ވަރަށް ރީތި އެކްޓަރެއް."

"ހައްދު" ގެ ޕޯސްޓަރެއް.
"ހައްދު" ގެ ޕޯސްޓަރެއް.

"ހައްދު" އާ ދޭތެރޭ އުންމީދީ ބަތަލާ ހިތްހަމަޖެހޭ ބައިވަރު ސަބަބުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރެއިން އަނެއް ކަމަކީ ތަޖުރިބާކާރު އެކްޓަރުންނާ އެކު ވެސް މަސައްކަތްކޮށްލަން ލިބޭތީ އެވެ.

"މީގައި އައްޒަގެ މަންމަގެ ރޯލް ކުޅެނީ ފައުޒިއްޔާ. އެ ވެސްވީ ވަރަށް ހިތްހަމަޖެހުނު ކަމަކަށް. ވަރަށް ދުވަސްކޮށްފައި ފައުޒިއްޔާ ވެސް ފިލްމެއްގެ މަސައްކަތް މި ކުރަނީ." ސެޕްޓެމްބަރު ހައެއްގައި ރިލީޒް ކުރާ ފިލްމާ ބެހޭ ގޮތުން އައްޒަ ބުންޏެވެ.

"ހައްދު" ގެ މަސައްކަތުގައި އައްޒަ ބިޒީވެފައި ހުރި އިރު، އޭނައަކީ ޔަގީނުން ވެސް މި އަހަރު އެންމެ ގިނައިން ސްކްރީނުން ފެންނާނެ ބަތަލާ އެވެ.

"މީ ލޯތްބަކީ" ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ އިރު، އޮގަސްޓް ދޭއްގައި އައްޒަ މުހިއްމު ރޯލެއް ކުޅެފައިވާ "ނޯޓީ 40" ވެސް ސިނަމާ އަށް އަންނާނެ އެވެ.

އަދި ނަހުލާ ޕްރޮޑިއުސްކޮށް، އައްޒަގެ ދައްތަ/ބަތަލާ ރިޝްމީ ރަމީޒް ޑައިރެކްޓް ކުރާ "ބޮސް" ގެ ބަތަލާއަކީ ވެސް އޭނަ އެވެ.

އެ ފިލްމް މި އަހަރުގެ އޮކްޓޯބަރުގައި ސިނަމާ އަށް ގެންނަން ވަނީ އަމާޒު ހިފައިފަ އެވެ.

"އިތުރު ދެ ފިލްމަކަށް މިހާރު ވެސް އެބަ ވާހަކަ ދެކެވޭ. އަދި ވަރަށް މަޝްހޫރު ސްޓޫޑިއޯއެއްގެ ހާއްސަ ބޮޑު ލަވައެއް ވެސް އެބަ އޮތް ލިބިފައި،" އައްޒަ ބުންޏެވެ.

އައްޒަ: މިހާރު ފިލްމީ މަސައްކަތުގައި ވަރަށް ބިޒީ.
އައްޒަ: މިހާރު ފިލްމީ މަސައްކަތުގައި ވަރަށް ބިޒީ.

އައްޒަގެ ޝެޑިއުލް އޮތީ ފުރިބާރުވެފަ އެވެ. ކުރިއަށް އޮތް ރޯދަ މަހުގައި ވެސް އޭނާ އުޅޭނީ ވަރަށް ބުރަކޮށެވެ. އެގޮތުން އައިިސް ޓީވީގައި އައްޒަ "ހޯސްޓް" ކުރާ އަޒޯނާގެ އިތުރު ސީޒަނެއް ރޯދަ މަހު ގެނެސް ދޭނެ އެވެ.

އަދި ވީޓީވީގެ ސެލެބްރިޓީ ޗެލެންޖް" ރިއަލިޓީ ޝޯއިން ވެސް ރޯދަ މަހު އޭނާ ފެންނާނެ އެވެ.

"މި ވަރަށް މިކަންކަމަށް އަސްލު ވަގުތު ދެވެނީ ފެމެލީ ސަޕޯޓް ބޮޑުކަމުން،" މަޝްހޫރު ފިލްމީ އާއިލާ ޔާރާގެ ހަގު މެމްބަރު ބުންޏެވެ.