އަބްދުލް ފައްތާހުގެ ކުރިއަށް އޮތް ފިލްމް "ހައްދު" ފެ ޝޫޓިންއަށް ކްރޫ އާއި ބައެއް ކާސްޓުން ރ. ވާދު އަށް ގޮސް، އެ ރަށުގައި ޝޫޓިން ފަށައިފި އެވެ.
ވާދޫގެ ޝޫޓިން އަށް "ހައްދު" ގެ ޓީމް ދިޔައީ ދާދި ފަހުން، ފިލްމުގެ މަންޒަރުތަކެއް ހއ. ކެލަ އާއި އުތީމުގައި ވެސް ނިންމައިލުމަށް ފަހު އެވެ. އެ ދެ ރަށުގެ ޝޫޓިން ނިންމައިލި އިރު "ހައްދު" ޝޫޓިންގެ 20 ޕަސެންޓް މަންޒަރުތައް ވަނީ ނަގައި ނިންމައިފަ އެވެ.
ފައްތާހު ބުނީ ވާދޫގެ އިތުރުން ފިލްމުގެ ވަރަށް މުހިއްމު މަންޒަރެއް ރ.. އަނގޮޅިތީމުގައި ވެސް ނަގާނެ ކަމަށެވެ.
"ވަރަށް ބޮޑަށް ޝެޑިއުލްކޮށްގެން މިކޮޅަށް މިއައީ. އެހެންވީމަ ފަނަރަ ވަރަކަށް ދުވަހުގެ ތެރޭގައި ޝޫޓިން ނިންމައިލެވޭނެ. ރ. އަތޮޅޫގެ ޝޫޓިން ނިމޭ އިރު، ހައްދުގެ ފަސްދޮޅަސް ޕަސަންޓް އޮންނާނީ ނިމިފައި،" އޭނާ ބުންޏެވެ.
އެ އަތޮޅުގަިއ ނަގާ މަންޒަރުތަކުގައި ފިލްމުގެ ކާސްޓުންގެ ތެރެއިން ގިނަ ބަޔަކު ބައިވެރި ވާނެ އެވެ. އޭގެ ތެރޭގައި ލީޑިން ބަތަލާ މަރިޔަމް އައްޒަ، "ހައްދު" އިން އަލަށް ތައާރަފުވާ އަހުމަދު ޝިބާން، އަލީ އާޒިމް (ދޮން އައްޔަ)، ފައުޒިއްޔާ ހަސަން، އަލީ ފާރޫގް، މަރިޔަމް ހަލީމް، ހަސަން މަނިކު (ރޯނު) އަދި އައިމިނަތު ރަޝީދާ ހިމެނެ އެވެ.
"އިއްޔެ އަހަރަމެންނާ ޖޮއިން ނުކުރާ ކާސްޓުން މި ހަފުތާގެ އެކި ދުވަސްމަތިން ވާދު އަށް އައިސް ކްރޫ އަށް ގުޅޭނެ،" ފައްތާހު ބުންޏެވެ. "ބޭނުން ވަނީ ޝެޑިއުލާ އެއްގޮތަށް އޮން ޓައިމަށް ފިލްމްގެ މަސައްކަތް ނިންމަން."
މަދުހީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާ "ހައްދު" ގައި އައްޒަ އާއި ޝިބާންއާ އެކު، ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން އައިމިނަތު ރިޝްފާ ވެސް ފެނިގެން ދާނެ އެވެ.
މި ފިލްމުގެ މަންޒަރުރައް ރ. އަތޮޅުގައި ނެގުމަށް ފަހު، މާލެ އާއި ރިސޯޓްތަކެއްގައި ވެސް ބައެއް މަންޒަރިތައް ނަގާނެ އެވެ. މީގެ އިތުރުން ސަފާރީއެއްގައި ވެސް ފިލްމުގެ މުހިއްމު މަންޒަރުތަކެއް ޝޫޓް ކުރަން ހަމަޖެހިފައިވެ އެވެ.
ފައްތާހު ބުނީ އޭނާގެ 12 ވަނަ ފީޗާ ފިލްމް "ހައްދު" ގެ މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާ އިރު، ފިލްމުގެ މުޅި ޝޫޓިން ދޮޅު މަސް ދުވަހުގެ ތެރޭގައު އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ.
ފައްތާހާއި މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސް ކުރާ "ހައްދު" ސިނަމާ އަށް އަންނާނީ މި އަހަރުގެ ސެޕްޓެމްބަރު ހައެއްގަ އެވެ.
މިއީ 2014 ގައި ފައްތާހު ގެނެސް ދިން "އާދޭސް" އަށް ފަހު، އޭނާ ޑައިރެކްޓް ކުރާ ފުރަތަމަ ފީޗާ ފިލްމެވެ.