ޓެކްސް އާއި ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 300 މިލިއަން ރުފިޔާ މި އަހަރު ދައުލަތަށް ދައްކާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އެންޑްރޫ ހީލީ މިރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ބޭންކުން ބޭއްވި 33 ވަނަ އަހަރީ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ބޭންކްތަކުން ދައުލަތަށް ދައްކަން ޖެހޭ 25 ޕަސެންޓްގެ ބޭންކް ޕްރޮފިޓް ޓެކްސްގެ އިތުރުން ހިއްސާގެ ފައިދާއާ އެކު މި އަހަރު ޖުމްލަ 300 މިލިއަން ރުފިޔާ ދައްކާނެ ކަމަށެވެ.
"އަޅުގަނޑުމެންނަކީ ދައުލަތަށް އެންމެ ގިނަ ޓެކްސް ދައްކާ އިދާރާއަށް ވާނެ. އަދި އަޅުގަނޑުމެން 25 ޕަސެންޓްގެ ޓެކްސްގެ އިތުރުން ދައުލަތަށް ހިއްސާގެ ފައިދާ ވެސް ދައްކަން. އަޅުގަނޑުމެން މިރޭ ބަހަން ހުށަހަޅާ އަދަދު ފާސްވެއްޖެ ނަމަ ދައުލަތަށް 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބޭނެ،" އެންޑްރޫ ވިދާޅުވި އެވެ.
އެ ބޭންކަށް މިދިޔަ އަހަރުގެ ސާފު ފައިދާއިން ޓެކްސް އުނިކުރުމުގެ ކުރިން ވަނީ 932 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ 2014 ވަނަ އަހަރާ އަޅާބަލާއިރު 29 ޕަސެންޓްގެ ކުރިއެރުމެކެވެ. ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ބޭންކަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބުނެވެ. އަދި އިންޓަރެސްޓުން ލިބުނު ސާފު އާމްދަނީ 924.7 މިލިއަން ރުފިޔާއަށް އަރަ އެވެ. ޓެކްސްގެ ގޮތުގައި 269.8 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
އަޅުގަނޑުމެންނަކީ ދައުލަތަށް އެންމެ ގިނަ ޓެކްސް ދައްކާ އިދާރާއަށް ވާނެ. އަޅުގަނޑުމެން މިރޭ ބަހަން ހުށަހަޅާ އަދަދު ފާސްވެއްޖެ ނަމަ ދައުލަތަށް 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބޭނެ --އެންޑްރޫ
ބޭންކުގެ ހިދުމަތް ފުޅާކުރުމަށް ހިންގާ 300 މިލިއަން ރުފިޔާ މަޝްރޫއާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ހަރަދުކޮށްފައިވާ ކަމަށެވެ. އަދި އެ ބޭންކުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން މި އަހަރު ހަތަރު ބިޒްނަސް ސެންޓަރު ހުޅުވަން ނިންމާފައިވާ ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އަހަރު އެ ބޭންކުގެ ބިޒްނަސް ސެންޓަރު ހުޅުވާނީ މާލެ، ހުޅުމާލެ، އައްޑޫ އަދި ކުޅުދުއްފުށީގައި ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ގޮތަށް 29 ބްރާންޗް، 76 އޭޓީއެމް، 3200 ޕީއޯއެސް މާޗަންޓުން، 177 ކޭޝް އޭޖެންޓުން، 14 ސެލްފް ސާވިސް ބޭންކިން ސެންޓަ އަދި ފަސް ދޯނި ބޭންކިން ޔުނިޓް އެކުލެވޭ ބޭންކިން ވިއުގަޔަކާ އެކު ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކެވެ.
އެ ބޭންކުގެ އަހަރީ އާއްމު ޖަލްސާ އަށް 55 އާއްމު ހިއްސާދާރުން މިރޭ ހާޒިރުވި އެވެ.