ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 17 ރުފިޔާ ބަހަން އަހަރީ އާއްމު ޖަލްސާއިން މިރޭ ފާސްކޮށްފި އެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި 91.4 މިލިއަން ރުފިޔާ (ހިއްސާއަކަށް 17ރ.) ބަހަން ފާސްކުރުމަކީ އެ ބޭންކްގެ ރެކޯޑެކެވެ. މިއީ ބީއެމްއެލަށް ދިމާވި މާލީ މައްސަލަތަކަށް ފަހު ހިއްސާދާރުންނަށް ފައިދާ ބަހާ ތިން ވަނަ އަހަރެވެ.

ބީއެމްއެލް އިން 2014 ގެ ފައިދާއިން ހިއްސާއަކަށް ބެހީ 16ރ. އެވެ.

އެ ބޭންކަށް މިދިޔަ އަހަރުގެ ސާފު ފައިދާއިން ޓެކްސް އުނިކުރުމުގެ ކުރިން ވަނީ 932 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ 2014 ވަނަ އަހަރާ އަޅާބަލާއިރު 29 ޕަސެންޓްގެ ކުރިއެރުމެކެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ބޭންކަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބުނެވެ. އަދި އިންޓަރެސްޓުން ލިބުނު ސާފު އާމްދަނީ 924.7 މިލިއަން ރުފިޔާއަށް އަރަ އެވެ. ޓެކްސްގެ ގޮތުގައި 269.8 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުން ބައިވެރިވަނީ: މިރޭ ވަނީ ހިއްސާއަކަށް 17ރ. ބަހަން ފާސްކޮށްފައި. ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު
ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުން ބައިވެރިވަނީ: މިރޭ ވަނީ ހިއްސާއަކަށް 17ރ. ބަހަން ފާސްކޮށްފައި. ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު

އެ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ވަނީ މިދިއަ އަހަރު ބޭންކުން ކުރިއެރުން ހޯދާފައި ވަނީ އެ އަހަރު ތެރޭ ކުރިއަށް ގެންދިޔަ 150 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމާ އެކު ކަމަށެވެ.

"ދޫކުރެވުނު ލޯނުގެ އަދަދު 22 އިން ސައްތައިން އިތުރުވެ، ދޫކުރެވޭ ލޯނުގެ ފެންވަރު ރަނގަޅު މިންވަރެއްގައި ދެމެހެއްޓި، އުފެއްދުންތެރި ނޫން ލޯނުތަކުގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފަ އެވެ. ރައުސްމާލު އަދި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމުކުރާ މިންގަނޑަށް ވުރެ މަތީގައި، ވަރަށް ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފަ އެވެ. ބޭންކުގެ ހިއްސާގެ އަގު ވަނީ އަހަރު ތެރޭ 30 އިންސައްތައަށް އުފުލިފަ އެވެ." ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ބީއެމްއެލްގެ އަހަރީ ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުގެ ދެ މެމްބަރަކު މަޝްވަރާކުރައްވަނީ
ބީއެމްއެލްގެ އަހަރީ ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުގެ ދެ މެމްބަރަކު މަޝްވަރާކުރައްވަނީ

އަހަރީ އަންމު ޖަލްސާގައި ހިއްސާދަރުންނާ މުހާތަބްކުރައްވައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މިދިޔަ އަހަރަކީ އެ ބޭންކަށް ވަރަށް ފައިދާވި އަހަރެއް ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ގޮތަށް 29 ބްރާންޗް، 76 އޭޓީއެމް، 3200 ޕީއޯއެސް މާޗަންޓުން، 177 ކޭޝް އޭޖެންޓުން، 14 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓް އެކުލެވޭ ބޭންކިން ވިއުގަޔަކާ އެކު ބީއެމްއެލް އަކީ ރާއްޖޭގައި ހިންގާ އެހެން ހުރިހާ ބޭންކަކަށް ވުރެ ބޮޑު އިންވެސްޓްމަންޓަކާ އެކު މުޅި ރާއްޖެ އަށް ބޭންކިން ހިދުމަތް ފޯރުކޮށްދޭ ރާއްޖޭގެ އެންމެ ބޮޑު ބޭންކެވެ.