މިދިޔަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ވަރަށް ފައިދާވި އަހަރެއް ކަމަށް އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ މިރޭ ވިދާޅުވެއްޖެ އެވެ.

ކުރުނބާ މޯލްޑިވްސްގައި އޮތް އެ ބޭންކުގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުން އެންޑްރޫ ވިދާޅުވީ ބޭންކުގެ މާލީ ހާލަތު ރަނގަޅުވުމުގެ އިތުރުން އިންވެސްޓްމެންޓާއި ޚިދުމަތް ފޯރުކޮށް ދިނުމުގެ ރޮނގުން ވެސް މިދިއަ އަހަރު ވަރަށް ކާމިޔާބު ކަމަށެވެ.

މި އަހަރުގެ "ފުރަތަމަ ހަތަރު މަސް ނިމިގެން މިދިޔައީ ވެސް ހަމަ އެހާމެ ހަރުދަނާކޮށް. ވިޔަފާރީގައި ރަނގަޅު ކާމިޔާބީތަކެއް ލިބެމުން އަންނަ އިރު ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެން މަސައްކަތް ކުރާނީ ދިވެހިރާއްޖޭގެ ވިޔަފާރިތަކާއި، އަމިއްލަ ފަރުދުންނާއި، އާއިލާތަކަށް އެ ފަރާތްތަކުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީތެރިވުމަށް،" އެންޑްރޫ ވިދާޅުވި އެވެ.

ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގައި ބޭންކުގެ ސީއީއޯ (މ) އަދި ޗެއާޕާސަން ފަރީހާ ޝަރީފް (ކ). ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު
ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގައި ބޭންކުގެ ސީއީއޯ (މ) އަދި ޗެއާޕާސަން ފަރީހާ ޝަރީފް (ކ). ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު

އޭނާ ވިދާޅުވީ ބީއެމްއެލުން އަބަދުވެސް މަސައްކަތްކުރަމުން ދާނީ ހިއްސާދާރުންނާއި ކަސްޓަމަރުންނާއި މުވައްޒަފުން ފަހުރުވެރިވާނެ ފަދަ ގޮތަކަށް ކަމަށެވެ.

ސީއީއޯގެ ވާހަކަ މައިގަނޑު ގޮތެއްގައި އަމާޒުކުރެއްވީ ބޭންކަކީ ދިވެހިންގެ ބޭންކެއް ކަމަށާއި އެބޭންކުގެ ދިވެހި މުވައްޒަފުންނަށާއި ބޭންކުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ ދިވެހި ފަރުދުންނާއި އާއިލާތައް އަދި ވިޔަފާރިތައް ކުރިއެރުވުމުގައި ބޭންކުން އަދާކުރަމުންދާ މުހިންމު ދައުރުގެ މައްޗަށެވެ.

2016 ގެ ފުރަތަމަ ހަތަރު މަސް ނިމިގެން މިދިޔައީ ވެސް ހަމަ އެހާމެ ހަރުދަނާކޮށް. ވިޔަފާރީގައި ރަނގަޅު ކާމިޔާބީތަކެއް ލިބެމުން އަންނަ އިރު ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެން މަސައްކަތް ކުރާނީ ދިވެހިރާއްޖޭގެ ވިޔަފާރިތަކާއި، އަމިއްލަ ފަރުދުންނާއި، އާއިލާތަކަށް އެ ފަރާތްތަކުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީތެރިވުމަށް، -- ސީއީއޯ އެންޑްރޫ

އޭނާ އަކީ "ނަލަ ރާއްޖެއަށް އައިސް ހުރި މެހުމާނެއް" ކަމަށް ސިފަކުރައްވައި ވާހަކަދައްކަވަމުން އެންޑްރޫ ވިދާޅުވީ "މިއީ ދިވެހި ބޭންކެއް. މި ބޭންކުގެ މިލްކުވެރިންނަކީ ދިވެހިން. ބޭންކުގެ 850 މުވައްޒަފުންގެ ތެރެއިން 845 މުވައްޒަފުންނަކީ ވެސް ދިވެހިން. އަޅުގަނޑުގެ ފަހަތުގައި ތިއްބެވި ހުރިހާ ބޯޑު މެންބަރުންނަކީ ވެސް ދިވެހިން" ކަމަށެވެ.

ސީއީއޯ ވިދާޅުވި ގޮތުގައި ބީއެމްއެލްގެ ހާލަތު މިހާރު މިއޮތީ ވަރަށް ރަނގަޅަށެވެ. އަދި ބޭންކުން ދަނީ ގައުމުގެ ކުރިއެރުމަށް ނުހަނު ބޮޑަށް އެހީތެރިވަމުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ ބޭންކުން އެ ގޮތަށް އިންވެސްޓްކުރަމުންދާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ ތިޔަ ބޭފުޅުންގެ ބޭންކް. ތިޔަ ބޭފުޅުންގެ ދިވެހި ބޭންކް. އެ ބޭންކަކަށްޓަކައި ތިޔަ ބޭފުޅުން ފަހުރުވެރިވާ ބޭންކް،" އެންޑްރޫ ވިދާޅުވި އެވެ.

ވަރަށް ގިނަ ކަންތައްތަކަށް އަލިއަޅުއްވައި ވާހަކަދައްކަވަމުން ދިވެހި ކޮންމެ އާއިލާއެއްގެ ދިރިއުޅުމާ އެ ބޭންކާ ގުޅި ލާމެހިފައިވާ މިންވަރު އެންޑްރޫ ހާމަކޮށްދެއްވި އެވެ. އޭނާގެ ވާހަކަ ކުރިޔަށް ގެންދަވަމުން ވިދާޅުވީ އެންމެ ތުއްތު ކުދިންނަށް އަމާޒުކޮށްގެން ތައާރަފްކޮށްފައިވާ ކިޑްސް ސޭވާ އެކައުންޓާއި ދަރިވަރުން މަތީ ތައުލީމް ހާސިލްކުރުމަށް "ކިޔަވާ" ލޯނާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ ފަރާތްތަކާއި އާއިލާތަކަށް ހައުސިން ލޯނާއި ދަތުރުވެރިންނަށް ކާޑާއި ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތާއި ކުދި އަދި މެދު ފަންތީގެ ވިޔާފާރިތަކާއި ކޯޕަރޭޓްތަކަށް ދޫކުރާ ވިޔަފާރި ލޯނާއި އަދި ދޯނި ބޭންކިން ހިދުމަތް މެދުވެރިކޮށް އުމުރުން ދުވަސްވީ ފަރާތްތަކަށް ޕެންޝަން ފައިސާ ފޯރުކޮށްދޭ ގޮތް ވެސް ފާހަގަކުރައްވައިފަ އެވެ.

"އަޅުގަނޑުމެން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭ އިރު އެބޭފުޅުން ވެސް އަޅުގަނޑުމެންނާ ހަމަޔަށް އެބަ ވާސިލްވޭ. މިދިޔަ އަހަރު 15،000 ކަސްޓަމަރުން ބޭންކާ އަލަށް ގުޅުނުއިރު ޖުމްލަކޮށް ބޭންކުން މިދަނީ 265،000 ކަސްޓަމަރުންނަށް ހިދުމަތް ދެމުން. ދިވެހި ކޮންމެ އާއިލާއަކާ އަޅުގަނޑުމެން މިވަނީ ގުޅިލާމެހިފައި. ޒުވާނުންނާއި މުސްކުޅިން އަދި އެ ދެމެދުގެ އެންމެހާ ރައްޔިތުންގެ ދިރިއުޅުމާ އަޅުގަނޑުމެން މިވަނީ ގުޅިލާމެހިފައި،" ސީއީއޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ ޓެކްސް އުނިކުރުމުގެ ކުރިން ލިބުނު ފައިދާ ކުރީ އަހަރާ އަޅާބަލާއިރު 29 ޕަސެންޓް އިތުރުވުމަށް އެންމެ ބޮޑަށް އެހީތެރިކަމެއް ވެފައި ވަނީ ބޭންކުން ބައިނަލްއަގުވާމީ މިންގަނޑުތަކަށް ރިސްކް މެނޭޖްކުރަން ދޭ އިސްކަން ކަމަށެވެ.

އަޅުގަނޑުމެން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭ އިރު އެބޭފުޅުން ވެސް އަޅުގަނޑުމެންނާ ހަމަޔަށް އެބަ ވާސިލްވޭ. މިދިޔަ އަހަރު 15،000 ކަސްޓަމަރުން ބޭންކާ އަލަށް ގުޅުނުއިރު ޖުމްލަކޮށް ބޭންކުން މިދަނީ 265،000 ކަސްޓަމަރުންނަށް ހިދުމަތް ދެމުން،" ސީއީއޯ އެންޑްރޫ

"ހަރުދަނާ ގޮތެއްގައި ރިސްކް ބެލެހެއްޓުމަކީ ބޭންކުގެ ތަސައްވަރުގެ މައިގަނޑު އެއް ބިންގަލެއްކަމުގައި ހަމައެކަނި ބުނެލަނީކީ ނޫން. އަޅުގަނޑުމެންގެ ހުރިހާ ކަމެއް ރާވާފައި ވަނީ އެ ބިންގަލުގެ މަތީގައި. ހިންގުމުން ލިބުނު ގެއްލުން ނުހަނު ކުޑަ. ދޫކުރެވިފައިވާ ލޯނުތަކުގެ ތެރޭގައި ހިމެނޭ އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަނީ މީގެ ތިން އަހަރު ކުރިއާ އަޅާބަލާއިރު ހަތަރުބައި ކުޅަ އެއްބަޔަށް ދަށްކުރެވިފައި. މިދިޔަ މުއްދަތުގެ ތެރޭގައި ރިސްކް ބެލެހެއްޓުމުގެ އޮނިގަނޑާއި، ސިޔާސަތުތަކާއި، އުސޫލުތަކާއި އިންޓާނަލް ކޮންޓްރޯލްތައް ހަރުދަނާކުރުމުގެ މަސައްކަތަށް ބޭނުންވާ ވަސީލަތްތައް މިވަނީ ދެ ގުނައަށް އިތުރުކުރެވިފައި. އަޅުގަނޑުމެން ހާސިލްކުރަން ޖެހޭ ކަމަށް ކަނޑައަޅާފައި މިވަނީ ވަރަށް މަތީ ލަނޑުދަނޑިތަކެއް،" ސީއީއޯ ވިދާޅުވި އެވެ. މުޅި ރާއްޖެ ހިމެނޭ ގޮތަށް 29 ބްރާންޗް، 76 އޭޓީއެމް، 3200 ޕީއޯއެސް މާޗަންޓުން، 177 ކޭޝް އޭޖެންޓުން، 14 ސެލްފް ސާވިސް ބޭންކިން ސެންޓަ އަދި ފަސް ދޯނި ބޭންކިން ޔުނިޓް އެކުލެވޭ ބޭންކިން ވިއުގަޔަކާ އެކު ބީއެމްއެލް އަކީ ރާއްޖޭގައި ހިންގާ އެހެން ހުރިހާ ބޭންކަކަށް ވުރެ ބޮޑު އިންވެސްޓްމަންޓަކާ އެކު މުޅި ރާއްޖެ އަށް ބޭންކިން ހިދުމަތް ފޯރުކޮށްދޭ ރާއްޖޭގެ އެންމެ ބޮޑު ބޭންކެވެ.