ލަންޑަން (މެއި 16) - މި ސީޒަނަށް ފަހު ޗެލްސީ ދޫކޮށްލަން ނިންމާފައިވާ އެ ޓީމުގެ ކެޕްޓަން ޖޯން ޓެރީގެ ލަނޑާ އެކު ޕްރިމިއާ ލީގުގައި ރޭ 4-3 އިން ވަޓްފޯޑް އަތުން ޗެލްސީ މޮޅުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ވެސްޓް ބްރޮމް އަތުން ހޯދި މޮޅާ އެކު ޗެލްސީ އަށް ލީގު ޗެމްޕިއަންކަން ވަނީ ކަށަަވަރުވެފަ އެވެ. ރޭގެ މޮޅާ އެކު ޗެލްސީ ލީގުގެ އެއް ވަނައިގައި އޮތީ 37 މެޗުން 90 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމަށް ލިބިފައިވަނީ 36 މެޗުން 80 ޕޮއިންޓެވެ.

ރޭގެ މެޗަށް ޗެލްސީން ނުކުތީ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްގެންނެވެ. މި ގޮތުން ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އަށް ނުވަ ބަދަލެއް ރޭގެ މެޗަށް ނުކުތްއިރު ވަނީ ގެނެސްފަ އެވެ.

ރޭގެ މެޗުގައި ޗެލްސީ އަށް ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 22 ވަނަ މިނިޓް ޓެރީ އެވެ. އެހެން ނަމަވެސް އޭގެ ދެ މިނިޓް ފަހުން ޓެރީ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އެޓިއެން ކަޕޫ ވަނީ ވަޓްފޯޑަށް އެއްވަރުކޮށްދީފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ސެޒާ އަޒްޕްލިކުއޭޓާ ޗެލްސީ އަށް ލީޑު ނަގައިދިންއިރު، ދެ ވަނަ ހާފް ފެށިގެން ހަތަރު މިނިޓް ތެރޭ މިޝީ ބަޓްޝުއާޔީ ވަނީ ޗެލްސީގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.

ޗެލްސީން ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް ވަޓްފޯޑުން ވަނީ ފަހަތަށް ނުޖެހި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު މެޗުގެ 51 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޑަރީލް ޔަންމާތު އެވެ. ވަޓްފޯޑަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ސްޓެފަން އޮކާކާ އެވެ.

މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ޗެލްސީ މޮޅުކޮށްދިން ލަނޑު ކާމިޔާބުކުރީ ސެސް ފަބްރެގަސް އެވެ. މިއީ މި ސީޒަނުގައި ޗެލްސީން ހޯދި 29 ވަނަ މޮޅެވެ. މިއީ 2004-2005 ވަނަ އަހަރުގެ ސީޒަނާއި 2005-2006ގެ ސީޒަނުގައި އެ ޓީމުން ހެދި ރެކޯޑާ ހަމަކޮށްފަ އެވެ. ސަންޑަލެންޑް މެޗުން މޮޅުވެއްޖެ ނަމަ އާ ރެކޯޑެއް ގާއިމްކުރެވޭނެ އެވެ.

ރޭގެ މެޗަށް ފަހު ޓެރީ ބުނީ އަންނަ އާދިއްތަ ދުވަހު ލީގުގެ ފަހު މެޗަށް ފަހު ކުޅުން ހުއްޓާލަން ވިސްނަމުން އަންނަ ކަމަށެވެ.

"އަހަރެން ކުރިން ބުނިން ފުޓްބޯޅަ ކުޅުން ކުރިއަށް ގެންދަން ބޭނުންވާ ވާހަކަ. އެކަމަކު އާދިއްތަ ދުވަހު ކުޅޭ މެޗަކީ އަހަރެންގެ ކެރިއަރުގެ ފަހު މެޗަށް ވުމުގެ ފުރުސަތު ވެސް އެބައޮތް. މިއީ ވަރަށް ވިސްނާފައި އަހަރެން ނިންމާނެ ނިންމުމެއް،" ޓެރީ ބުންޏެވެ.

ޗެލްސީ ލީގުގެ ފަހު މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ އަމިއްލަ ދަނޑުގައި ސަންޑަލެންޑާ ދެކޮޅަށެވެ.