ލަންޑަން (މެއި 21) - ކެޕްޓަން ޖޯން ޓެރީގެ ވަދާއީ މެޗުގައި ސަންޑަލެންޑްގެ މައްޗަށް 5-1 އިން ހޯދި ބޮޑު މޮޅާ އެކު ޗެލްސީ ހަ ވަނަ ފަހަރަށް އިނގިރޭސި ލީގު ތަށި އުފުލާލައިފި އެވެ.

މިިދިޔަ ސީޒަނުގައި ލީގުގެ 10 ވަނައިގައި ނިންމާލި ޗެލްސީން މި ފަހަރުގެ ސީޒަން ފެށީ ކުރިން ޔުވެންޓަސް އަށް އިޓަލީ ލީގު ކާމިޔާބު ކޮށްދިން އެންޓޯނިއޯ ކޮންޓޭ ޓީމުގެ ކޯޗަކަށް ހަމަޖެއްސުމަށް ފަހު އެވެ. ސީޒަނުގެ ފުރަތަމަ މެޗުތަކުގައި ކޮންޓޭގެ ރޭވުންތަކާ އެއްގޮތަށް ނުދިޔަ ނަމަވެސް ފަހުން ކޮންޓޭ ވަނީ ޓީމު ރަނގަޅު ޓްރެކަށް ގެނެސް އިތުބާރާ އެކު އެ ޓީމަށް ލީގު ހޯދައިދީފަ އެވެ.

މިރޭގެ މޮޅާ އެކު ޗެލްސީން ލީގު ނިންމާލީ ރެކޯޑަކާ އެކު އެވެ. އެ ޓީމު ވަނީ ލީގުގައި ކުޅުނު 38 މެޗުގެ ތެރެއިން 30 މެޗުން މޮޅުވެފަ އެވެ. މިއީ ލީގުގެ ރެކޯޑެކެވެ. ލީގު ނިމުނުއިރު ޗެލްސީ އެއް ވަނައިގައި އޮތީ 93 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ މިރޭ ހަލް ސިޓީ އަތުން 7-1 އިން މޮޅުވި ޓޮޓެންހަމް އެވެ. އެ ޓީމަށް ވަނީ 86 ޕޮއިންޓް ލިބިފަ އެވެ.

ޗެމްޕިއަންސް ލީގުގެ އަނެއް ދެ ޖާގަ ހޯދީ ތިން ވަނައިގައި ނިންމާލި މެންޗެސްޓާ ސިޓީ އާއި ހަތަރު ވަނައިގައި ނިންމާލި ލިވަޕޫލެވެ. ލިވަޕޫލް މިއަދު 3-0 އިން މިޑްލްސްބަރާ ބަލިކުރިިއިރު، ސިޓީ ވަނީ 5-0 ވަޓްފޯޑް ބަލިކޮށްފަ އެވެ. ސިޓީ އަށް 78 ޕޮއިންޓް ލިބުނުއިރު، ލިވަޕޫލް ވަނީ 76 ޕޮއިންޓް ހަމަކޮށްފަ އެވެ. އެވަޓަން އަތުން 3-1 އިން މޮޅުވި އާސެނަލް ފަސް ވަނައިގައި އޮތީ 75 ޕޮއިންޓާ އެކު އެވެ.

ހަވިއޭ މަންކުއިލޯގެ ލަނޑުން ސަންޑަލެންޑް ލީޑުނަގާފައިވަނިކޮށް ޗެލްސީގެ ލަނޑުތައް ކާމިޔާބުކުރީ މިޝީ ބަޓްޝުއާއީ ދެ ލަނޑު އަދި ވިލިއަން، ޕެޑްރޯ ރޮޑްރިގޭޒް އަދި އެޑެން ހަޒާޑް ކޮންމެ ކުޅުންތެރިއަކު އެއް ލަނޑެވެ.

ޔޫތު ކުޅުންތެރިއެއްގެ ގޮތުގައި ޗެލްސީން ކެރިއަރު ފެށި ޓެރީ ވަނީ އެ ކްލަބްގައި ހޭދަކުރި 22 އަހަރު ތެރޭގައި އެ ޓީމާ އެކު 13 މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ޓެރީ އެންމެ ފުރަތަމަ ޗެލްސީ ސީނިއާ ޓީމަށް މެޗެއް ކުޅުނީ 1998 ވަނަ އަހަރު އެވެ.

ޓެރީ (ވ) އާއި ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ޓެރީ (ވ) އާއި ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިރޭގެ މެޗަށް ފަހު ސަޕޯޓަރުންނާ ވާހަކަ ދައްކަމުން އުމުރުން 36 އަހަރުގެ ޓެރީ ބުނީ މިއީ އޭނާގެ ހަޔާތުގައި މިހާތަނަށް ކުރިމަތިވި އެންމެ ހިތްދަތި އަދި އެންމެ އުފާވެރި ދުވަސް ކަމަށެވެ.

"ލީގު ހޯދުމުގެ އުފާވެސް އެބަވޭ. އެކަމަކު އަނެއް ކޮޅުން ވިސްނާއިރު މިއީ އަހަންނަށް ވަރަށް ހިތްދަތި ވަގުތު ކޮޅެއް. ޗެލްސީ ދޫކޮށްލުމަކީ އަހަންނަށް ފަސޭހަ ކަމެއް ނޫން. ފާއިތުވި އަހަރުތަކުގައި އަހަންނާ އެކު މި ކްލަބްގައި މަސައްކަތްކުރި ހުރިހާ ކުޅުންތެރިންނާއި ކޯޗުން އަދި ސަޕޯޓަރުންނަށް ޝުކުރުއާދާކުރަން. އަދި ހާއްސަކޮށް ކްލަބްފެ ވެރިޔާ ރޯމަން އަބްރަމޮވިޗަށް ޝުކުރު އަދާކުރަން،" ޓެރީ ބުންޏެވެ.

ޗެލްސީ ވަނީ މި ފަހަރުގެ ލީގުގައި 12 ޓީމެއް އަތުން ދެ ފަހަރު މޮޅުވެފަ އެވެ. މި ރެކޯޑް ކުރިން އޮތީ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އަތުގަ އެވެ.

މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ލީގުގެ ހަ ވަނައިގައި ނިންމާލި ޔުނައިޓެޑް ވަނީ 2-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ. ބާންލީ އަތުން 2-1 އިން ވެސްޓް ހޭމް މޮޅުވިއިރު، ލެސްޓާ ސިޓީ އާއި ބޯންމައުތު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ސައުތެމްޓަން އަތުން 1-0 އިން ސްޓޯކް ސިޓީ މޮޅުވިއިރު، ސްވަންސީ ސިޓީ ވަނީ 2-1 އިން ވެސްޓް ބްރޮމް ބަލިކޮށްފަ އެވެ.