އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމްގެ މައްޗަށް ޗެލްސީން 3-2 ން ހޯދި ނަތީޖާގައި އެ ޓީމުގެ ފޯވާޑް ކޯލް ޕާމާ ދެއްކި ކުޅުމަށް ތައުރީފު ބަންޑުންވެއްޖެ އެވެ.
މެޗުގައި ޗެލްސީގެ ތިންވަނަ ލަނޑު ޖެހީ ޕާމާ އެވެ. އޭގެ އިތުރުން ޓީމުގެ ހަމަލާތަކުގައި އޭނާ އަދާކުރި ދައުރު ބޮޑެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެވެ.
ޒަމާންވީ ދެ އެކުވެރިން ކަމަށްވާ ޒަބީ އަލޮންސޯ އާއި އަލްވާރޯ އާބެލޯއާގެ ކުރިމަތިލުމެއްގެ ގޮތުގައި މަޝްހޫރުވި މެޗުގައި ސަމާލުކަން ހޯދީ ޕާމާ އެވެ.
ދި އެތުލެޓިކް ނޫހުގައި ޗެލްސީއަށް ހާއްސަ ކޮރޮސްޕޮންޑެންޓް ލިއަމް ޓޫމީ ލިޔެފައިވާ ގޮތުގައި، "މި ޕާމާ މީގެ ކުރިން ފެނިފައިވަނީ މީގެ އެއް އަހަރު ކުރިންނެވެ."
އޭނާ އިޝާރާތް ކުރީ މިދިޔަ އަހަރު ބޭއްވި ކްލަބް ވޯލްޑް ކަޕް ފައިނަލުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗަށެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އެންމެ ފަހުން ހޯދި އުސްމާން ޑެމްބެލޭގެ ޕީއެސްޖީއާ ދެކޮޅަށް، ޕާމާ އެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެވެ. ދެ ލަނޑު ޖަހައި ޗެލްސީގެ އަނެއް ލަނޑަށް އޭނާ ފުރުސަތު ތަނަވަސްކޮށްދިނެވެ. ޗެލްސީން އެ މެޗު ކާމިޔާބު ކުރީ 3-0 ންނެވެ.
ޓޫމީ ލިޔުނު ގޮތުގައި "ވޯލްޑް ކްލާސް" ފެންވަރުގެ ތަރިއެއްގެ ކިބައިގައި ހުނަންނަންޖެހޭ ހުރިހާ ސިފައެއް އެ މެޗުގައި ޕާމާގެ ކިބައިން ފެނުނެވެ.
އެކަމަކު އޭގެ ފަހުން ކުރިމަތިލި، މިދިޔަ ސީޒަނުގައި ޕާމާ ގެއްލުނެވެ. އަނިޔާއާ ހެދި އޭނާގެ ކުޅުން ހަލާކުވީ އެވެ. ނިމިދިޔަ ވޯލްޑް ކަޕްގައި އިންގްލެންޑުން ތިންވަނަ ހޯދި ދަތުރުގައި ވެސް ޕާމާގެ ފަރާތުން އުއްމީދު ކުރިވަރުގެ ކުޅުމެއް ނުފެނުނެވެ.
ރޭ ފްލަމްއާ ދެކޮޅަށް ކުޅުނު މެޗަކީ ދުނިޔޭގެ ފެންވަރުގެ ތަރިއެއްގެ ކިބައިގައި ހުންނަންޖެހޭ ހުރިހާ ސިފައެއް ޕާމާގެ ފަރާތުން ފެނުނު މެޗެކެވެ. ފަހަރެއްގައި އޭނާގެ ކުޑައިރުގެ އެކުވެރިޔާ މޯގަން ރޮޖާސް، މި ސީޒަނަށް ޗެލްސީން ސޮއި ކުރުވުމުން ކަމަށް ވެސް ވެދާނެ އެވެ. ނޫނީ އާ ކޯޗު އަލޮންސޯ، ޕާމާއަކީ ޓީމުގެ އެންމެ މުހިންމު ފޯވާޑްކަމަށް ބަލައި އޭނާގެ ވަށައިގެން ގޭމް ޕްލޭން އަތުރާލި ގޮތުން ކަމަށް ވެސް ވެދާނެ އެވެ.
ކޮންމެ ގޮތެއް ވިޔަސް ޕާމާގެ ފަތާުން ތަފާތު ކުޅުމެއް ރޭ ގެ މެޗުގައި ފެނިއްޖެ އެވެ.
"ކަލޭމެން މެޗު ނުބަލަންތަ،" ކިހާވަރަކަށް ތައްޔާރުވެގެން ތިހުރީ، އެހުމުން ސަމާސާ ރާގެއްގައި ޕާމާ ބުންޏެވެ.
ސްކައި ސްޕޯޓްސް އަށް ދިން އެ އިންޓަވިއުގައި އޭނާ ބުނީ އަނިޔާއާ ހެދި މިދިޔަ ސީޒަނުގައި އެކަށީގެންވާ ކުޅުމެއް ނުދެއްކުނު ކަމަށެވެ. އެކަމަކު އޮފް ސީޒަންގައި އެކަމަށް ހާއްސަކޮށް މަސައްކަތް ކުރި ކަމަށް އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.
"އަހަރެން މިހުރީ ތައްޔާރަށް. އަނިޔާގެ މައްސަލަތަކާ ހެދި މިދިޔަ ސީޒަނަކީ އުނދަގޫ ސީޒަނެއް. ނަމަވެސް ހޫނުމޫސުމުގެ އޮފް ސީޒަނުގައި ވެސް އަދި އަނބުރާ ޓީމާ ގުޅުނު ފަހުން ވެސް ވަރަށް ބުރަކޮށް މަސައްކަތްކޮށްފިން،" އިންޓަވިއުއެއްގައި ޕާމާ ބުންޏެވެ.
"އާންމުކޮށް އަހަރެންނަކީ ވަރަށް އިމޯޝަނަލް މީހެއް ނޫން. އަހަރެންނާ ގާތް މީހުންނަށް އެނގޭނެ ދިރިއުޅުމުގައި ދިމާވާ ކަންކަމާ އަހަރެން މާ ބޮޑަށް ފިކުރު ނުކުރާނެކަން. އެހެންނަމަވެސް ހޫނު މޫސުމުގެ ޗުއްޓީގައި އަހަރެން އަރާމުކޮށް ހަކަތަ ހޯދައި މިހާރު ހުރީ ތައްޔާރަށް."
ކޯޗު އަލޮންސޯ ބުނީ ޕާމާގެ ފަރާތުން ފެނުނީ ބޭނުންވި ފެންވަރުގެ ކުޅުމެއް ކަމަށެވެ. އަދި އޭނާ މިނިވަންކަމާއި ޒިންމާދާރުކޮށް ކުޅެފިނަމަ ޓީމަށް އޭގެ ފައިދާ ކުރާނެކަމަށް ބެޔާ ލަވަކޫސަންގައި ކާމިޔާބު ހޯދި ކޯޗު ބުންޏެވެ.
"ކޯލް [ޕާމާ] އަށް މިހެން އިހްސާސްވާނަމަ ޓީމު މާ ރަނގަޅުވާނެ. ޗެލްސީ މާ ރަނގަޅުވާނެ. އެހެންވެ މި މެޗުން އޭނާ ހިތްހަމަޖެހިގެން ހުރިތަން ފެނުމުން އަހަރެން ވަރަށް އުފާވޭ،" ކުރީގެ މިޑްފީލްޑަރު ބުންޏެވެ.
ފުލަމްގެ ދަނޑުގައި ކުޅުނު މެޗު ފެށިގެން ފުރަތަމަ މިނެޓްގައި ޗެލްސީން ލީޑް ނެގި އެވެ. އެ ލަނޑު ޖެހީ ބްރެޒިލްގެ ޖެޒޫސް ޖޮއާއޯ ޕެޑްރޯ އެވެ. އަދި ޖޮޝުއާ ކިންގް 23 ވަނަ މިނެޓްގައި ފްލަމްއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕާމާގެ އެކުވެރި މޯގަން ރޮޖާސް ޗެލްސީއަށް އަލުން ލީޑް ނަގައި ދިނެވެ. ޕާމާ ލަނޑު ޖެހީ ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓްގަ އެވެ. ފުލަމް އަށް ނަތީޖާގެ ފަރަގު ކުޑަކޮށް ދިނީ އާބެލޯއާގެ ކޯޗުކަމުގެދަށުން މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑަށް ކުޅެ، މި ސީޒަނުގައި ފްލަމްއަށް ބަދަލުވި ގޮންޒާލޯ ގާސިއާ އެވެ.