ހިލޭސާބަހަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ހިތްހަމަޖެހުން އިހުސާސްކޮށްފިން ހެއްޔެވެ؟
ކުއްލި ހާލަތެއް ދިމާވެގެން ނުވަތަ އެ ނޫން ވެސް ސަބަބަކާ ހެދި އެހީތެރިކަން ބޭނުންވާ މީހުންނަށް އަޅާލުން ދިނުމަކީ މުޅިން އެހެން ކަހަލަ އުފާވެރިކަމެއް މީހާ އަށް ގެނުވައިދޭ ކަމެކެވެ.-- މިއީ، ވޮލަންޓިއަރުންގެ ދުވަސް މި ހަފުތާގައި އައި އިރު، ރާއްޖޭގެ ބައެއް ވޮލަންޓިއަރުންގެ ޝުއޫރު ހުރި ގޮތެވެ.
ވޮލަންޓަރީ ހަރަކާތްތަކަށް ނުކުންނަ މީހުން ރާއްޖޭގައި ފަހަކަށް އައިސް އިތުރުވަމުން އަންނަ އިރު، އެންމެ ބޮޑަށް އަޅާލުން ބޭނުންވާ މީހުންނަށް އެހީގެ އަތެއް ފޯރުކޮށްދިނުމަކީ ވޮލަންޓިއަރުންނަށް ވެސް، އެތައް ގޮތަކުން ލިބޭ ހިތްހަމަޖެހުމެވެ. މާއްދީ އުޖޫރައެއް ނުވަތަ ބަދަލެއް ނުލިބުނަސް، ހިލޭސާބަހަށް އެ މީހުން ކުރާ މުހިއްމު މަސައްކަތުން އަމިއްލަ ކުރިއެރުމަށް ވެސް މަގުފަހިވާކަން ވޮލަންޓިއަރުންގެ ވާހަކައިން އެނގެ އެވެ.
"ވޮލަންޓިއަކުރުމުގެ އެންމެ ރަނގަޅު ކަމަކީ ބޭނުމެއް ޖެހިފައި ހުރި މީހަކަށް އެހީތެރިވެދެވުނީމަ އެ ކުރެވޭ އިހުސާސް،" މޯލްޑިވިއަން ރެޑް ކްރެސެންޓު (އެމްއާރުސީ)ގައި ވޮލަންޓިއަކުރާ ސަބަބު އެ ޖަމްއިއްޔާ އަށް ކިޔައިދެމުން އެކްޓްރެސް އާމިނަތު ރިޝްފާ ބުނެފައިވެ އެވެ.
އެމްއާރުސީގެ ޕޭސްބުކް ޕޭޖުގައި އެ ޖަމްއިއްޔާގެ ބައެއް ވޮލަންޓިއަރުންގެ ޝުއޫރުތައް މި ހަފުތާގައި ޝާއިއުކޮށްފައިވާ އިރު އެ އެންމެންގެ އިހުސާސްތައް ވެސް ހުރީ މި ގޮތަށެވެ.
"ވޮލަންޓިއަކުރުމަކީ އަޅުގަނޑުގެ އަމިއްލަ ނަފްސާ ބެހޭގޮތުން އަދި ލޯތްބާއި އޯގާތެރިކަމާއި ގުޅުން ބަދަހިކުރުން އަދި އެހެން މީހުންނާ ބެހޭގޮތުން އަބަދުވެސް އާ ކަންތައްތައް ދަސްވާ ކަމެއް،" އައިޝަތު ހައުލަތު ބުނެފައިވެ އެވެ.
އައްޑޫގައި ދިރިއުޅޭ ހައުލަތު ގަބޫލުކުރާ ގޮތުގައި ހިލޭސާބަހަށް މަސައްކަތްކުރި ވަރަކަށް މީހާ އަށް ލިބޭ ފައިދާ ބޮޑުވާނެ އެވެ. ހާސްކަމާއި ފިކުރުތަކާ ދުރަށް ދެވި ނަފްސާނީ ދުޅަހެޔޮކަމާއި ހަރަކާތްތެރިކަން އިތުރުވެގެންދާ އިރު ހެޔޮ ގޮތުގައި އަމިއްލަ ނަފްސުގެ ބޭނުން ހިފޭ ކަމުގެ އިހުސާސް ކުރެވޭކަން ހައުލަތު ފާހަގަކުރި އެވެ.
"މި ކަން ކުރަން އަޅުގަނޑުގެ ދުވަހުގެ މަސައްކަތްތަކުން މާ ގިނަ ވަގުތެއް ހޭދަކުރާކަށް ނުޖެހޭ. މި ކަމުން ހިތްހަމަޖެހުން ލިބޭ. އަދި ރަނގަޅު ކަމެއްގައި ބައިވެރިވެވޭ ކަމުގެ އިހުސާސްކުރެވޭ،" އޭނާ އެމްއާރުސީ އަށް ކިޔައިދީފައިވެ އެވެ.
ވޮލަންޓިއަ ކުރުމަކީ މީހާގެ އަމިއްލަ ނަފްސަށް ކުރިއެރުން ލިބޭ ކަމެއްކަން ފާހަގަކުރައްވައި އެމްއާރުސީގެ ސެކްރެޓަރީ ޖެނެރަލް ނޫރާ މުހައްމަދު ވިދާޅުވިގޮތުގައި އޭގެ ފައިދާ އެކި ގޮތްގޮތުން ލިބެ އެވެ.
"އެއް ކަމަކީ އެ މީހާ އަށް ލިބޭ އުފާވެރިކަން. ވަރަށް ބޮޑަށް ނަފްސާނީ އަދި ރޫހާނީ ދުޅަހެޔޮކަމަށް ވެސް މަގުފަހިކޮށްދޭނެ. އިޖުތިމާއީ ނަޒަރުން ބެލިޔަސް ވަރަށް ގިނަ ފައިދާތައް އެބަހުރި. ހުނަރުގެ ގޮތުން ބަލާ އިރު ވަރަށް ބައިވަރު ކަންތައް ދަސް ވެސް ވާ ކަމެއް ވޮލަންޓިއަކުރުމަކީ،" ނޫރާ ފާހަގަކުރެއްވި އެވެ.
ދެހާހަށް ވުރެ ގިނަ ވޮލަންޓިއަރުންނާ އެކު، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންސާނީ ޚިދުމަތް ފޯރުކޮށްދޭ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ހިލޭސާބަހަށް މަސައްކަތްކުރަން މީހުން ލޯބިކުރާ އެއް ސަބަބަކީ ވެސް އެއީ ކަމަށެވެ.
"އެމްއާރުސީގައި ގިނައިން ވޮލަންޓިއަ ކުރާތަން މި ފެންނަނީ ޒުވާނުން. ގާތްގަނޑަކަށް 15-16 އަހަރުން ފެށިގެން 24 އަހަރާ ދެމެދުގެ ވޮލަންޓިއަރުން ވަރަށް ގިނަ. މި އުމުރުފުރާގެ ބޭނުންތަކަށް ބަލާ އިރު، އިޖުތިމާއީ ގުޅުންތައް ބަދަހިކޮށް ގްރޫޕަކަށް ނިސްބަތްވާން ބޭނުންވުން އަދި ހުނަރު ތަރައްގީކުރުން ހިމެނޭ. އަދި އެ މީހުންނަށް މުހިއްމުވާ، ރަނގަޅު ކޮންމެވެސް ކަމަކަށް ޚިދުމަތްކޮށްދެވޭ ކަމުގެ އިހުސާސް ކުރަން ބޭނުންވޭ. އަނެއް މީހާ އަށް އެހީތެރިކަމެއް ފޯރުކޮށްދެވުނީމަ އެ ލިބޭ އުފާވެރިކަން ހޯދަން ބޭނުންވޭ،" ވޮލަންޓަރީ މަސައްކަތަށް މީހުން އާއްމުކޮށް ނުކުންނަ ބައެއް ސަބަބުތައް އޮޅުންފިލުވައިދެއްވަމުން ނޫރާ ވިދާޅުވި އެވެ.
"އެއަށް ވުރެ ދޮށީ ވޮލަންޓިއަރުން ޚާއްސަކޮށް ބޭނުންވޭ، އެ މީހުންގެ ކޮންމެވެސް ކަހަލަ ފަންނީ ހުނަރެއް ހުރިއްޔާ އެ ހުނަރެއް ޕްރޮފެޝަނަލީ ބޭނުންކުރުމުގެ އިތުރަށް އޭގެ ބޭނުން ހިފައިގެން، އެހީތެރިކަން ބޭނުންވާ ގިނަ ބަޔަކަށް އެހީވެދޭން."
ވޮލަންޓިއަރުންގެ މުހިއްމު ދައުރު
މިހާތަނަށް 10 އަތޮޅެއްގައި ބްރާންޗުތައް އަދި 20 ރަށެއްގައި ޔުނިޓްތައް ގާއިމްކޮށްފައިވާ އެމްއާރުސީގެ ޚިދުމަތް މައިގަނޑު ތިން ދާއިރާއަކުން ހިދުމަތް ފޯރުކޮށްދެ އެވެ. އެއީ ސިއްހަތާއި ދުޅަހެޅޮކަން އިތުރުކުރުމާއި ބޮޑެތި ހާދިސާތަކަށް ތައްޔާރުވެ އިޖާބަ ދިނުމާއި ޒުވާނުންގެ ގާބިލުކަން އިތުރުކޮށް ބާރުވެރިކުރުމެވެ.
އެމްއާރުސީގެ ވޮލަންޓިއަރުންގެ ތެރޭގައި އެކި ދާއިރާތަކުގައި މަސައްކަތްކުރާ އެކި ހުނަރުތައް ހުރި އެކި ކަހަލަ މީހުން ތިބި އިރު އޭގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ވެސް ހިމެނެ އެވެ. އަދި މުޅި ޖަމްއިއްޔާގައި އެންމެ 15 މުވައްޒަފުން ތިބި އިރު، މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ޖަމްއިއްޔާގެ ހިންގުމާއި ހަރަކާތްތައް ކުރިއަށް ގެންދަނީ މުޅިން ވެސް ވޮލަންޓިއަރުންގެ އިސް ނެގުމާއި ބައިވެރިވުމުގެ ތެރެއިންކަން ނޫރާ ފާހަގަކުރެއްވި އެވެ.
ނޫރާ ގަބޫލުކުރައްވާ ގޮތުގައި ވޮލަންޓިއަކުރުމަކީ ދުޅަހެޔޮ އަދި ބަދަހި މުޖުތަމައަކަށް ވަރަށް މުހިއްމު ކަމެކެވެ. އަދި ވޮލަންޓިއަރުންގެ އެ މުހިއްމު ދައުރު ފެށެނީ ހެޔޮ ނިޔަތެއްގައި އަނެކާ އަށް އެހީވުމުގެ ރޫހުން ކަން އޭނާ ފާހަގަކުރެއްވި އެވެ. ނޫރާ ވިދާޅުވީ "އިޖުތިމާއީ ގޮތުން ގުޅުން ރަނގަޅު މުޖުތަމައެއް" ބިނާކުރެވޭނީ އެ ރޫހުގެ ތެރެއިން ކަމަށެވެ.
"ކޮންމެ ހާލަތެއް މުޖުތަމައުގައި ދިމާވިޔަސް ފުރަތަމަ އިޖާބަ ދޭން ތިބޭ ބަޔަކީ ވޮލަންޓިއަރުން. އެންމެ ފުރަތަމަ އިޖާބަދޭން އެ ތަނަކަށް އާއްމުކޮށް ނުދެވޭނެ އެކަމަކަށް މެންޑޭޓްކޮށްފައި އޮންނަ ބަޔަކަށް،" އޭނާ ފާހަގަކުރެއްވި އެވެ.
"މިސާލަކަށް އެކްސިޑެންޓެއް ހިނގިޔަސް އާއްމުކޮށް އެކަމަށް އިޖާބަދޭނީ ކައިރީގައި ހުންނަ ކޮންމެވެސް މީހެއް. އެހެންވީމާ ވޮލަންޓިއަކުރުމުގެ ރޫހު ނެތް މުޖުތަމައެއްގައި ވަރަށް ބައިވަރު މައްސަލަތައް ދިމާވާނެ. ބަލަން ތިބޭ މީހުން ތިބެދާނެ އަޅާނުލާ. ތިމަންނަގެ ކަމެއް ނޫނޭ، ޕޮލިސްގެ ކަމެކޭ، ނުވަތަ ތިމަންނަ މިއީ ޑޮކްޓަރެއް ނޫނޭ ބުނެފާނެ."
ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް
ވޮލަންޓިއަރުންގެ އިތުރުން ނޫރާ ވެސް ފާހަގަކުރައްވާ ގޮތުގައި ހިލޭ ސާބަހަށް މަސައްކަތްކުރާކަށް ވަކި ޝަރުތެއް ބޭނުމެއް ނުވެ އެވެ. އެއީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ. ދިރިއުޅުމަށްޓަކައި ކޮންމެ ކަހަލަ މަސައްކަތެއް ކުރިޔަސް، ކޮންމެ ކަހަލަ ހުނަރެއް ލިބިފައި ހުއްޓަސް ނުވަތަ އެއްވެސް ކަހަލަ ހުނަރެއް ނެތަސް ވޮލަންޓިއަރަކަށް ވެވިދާނެ އެވެ. އަދި އަވަދިނެތި އުޅެން ޖެހުމަކީ ވެސް ވޮލަންޓިއަކުރުމަށް އޮތް ހުރަހެއް ނޫނެވެ. އެ މީހަކަށް ކުރެވުނު ވަރަކަށް، އަދި ވަގުތު ހޭދަކުރެވެން އޮތް މިންވަރަކަށް އެ ކަމުގައި އުޅެވިދާނެ އެވެ.
"އަޅުގަނޑު ދެކޭގޮތުގައި ކޮންމެ މީހަކަށް ވެސް ވޮލަންޓިއަރެއްގެ ގޮތުގައި ކުރެވޭނެ ކަންތައްތައް ހުންނާނެ. ބައެއް ފަހަރު އެ ނުވެދާނެ އެ މީހާގެ ޕްރޮފެޝަނަލް ހުނަރުތައް ބޭނުންކުރާ ކަމަކަށް. ފަހަރެއްގައި ވެދާނެ އޭނާ ހޯދަން ބޭނުންވާ އިތުރު ހުނަރެއް ލިބިގެންދާ ކަމަކަށް. ނުވަތަ އެހާ ބޮޑަށް ހުނަރެއް ބޭނުން ނުވާ މަސައްކަތް ވެސް ހުރެދާނެ، އެކަމުން ކުރުމުން އޭނަ އަށް ވަރަށް ބޮޑަށް އުފާވެރިކަން ގެނުވާ ކަހަލަ ކަންތައްތައް،" ނޫރާ ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ހިއެއް ނުވޭ ވޮލަންޓިއަރުންނަކީ ވަކި ކަހަލަ ބަޔަކަށް ނުވަތަ ވަކި މިޒާޖެއް ހުންނަ މީހަކަށް އެކަނި ކުރެވޭ ކަމެކޭ. ކޮންމެ މީހަކަށް ވެސް އެކަން ކުރެވިދާނެ. އޭގެ ފައިދާ އަމިއްލަ ގޮތުން ވެސް އަދި އޭނާގެ ޚިދުމަތުގެ ސަބަބުން އެހެން މީހުންނަށް ވެސް ކުރާނެ."
ހައުލަތަކީ ވެސް "ވާން އޮތް އިރަކު، ވާން އޮތް ތަނެއްގައި" މަސައްކަތްކޮށްދޭ ވޮލަންޓިއަރެކެވެ. އޭނާ ނަސޭހަތްދެނީ އަމިއްލަ އަށް އިސް ނެގުމަށެވެ. ފަސްނުޖެހުމަށާއި މީހަކު އެހީއަށް އެދެންދެން ނުވަތަ އެހީވާށޭ ބުނަންދެން މަޑުނުކުރުމަށެވެ.