މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) އަށް 10 އަހަރު ފުރުން ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަން ފަށައިފި އެވެ.

ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ ރެޑް ކްރެސެންޓުގެ ޖަމިއްޔާއެއް ރާއްޖޭގައި އުފައްދައިފައި ވަނީ އޮގަސްޓް 16، 2009 ގަ އެވެ. އޭގެ ފަހުން އެ ޖަމިއްޔާއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންސާނީ ހިދުމަތް ފޯރުކޮށްދޭ ފަރާތެވެ.

އެމްއާރުސީގެ މާލޭ ބްރާންޗްގެ ވައިސް ޗެއާޕާސަން، އައިޝަތު ނަސްރާ ވިދާޅުވީ އެ ޖަމިއްޔާ އަށް 10 އަހަރު ފުރުން ފާހަގަ ކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

"ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ދިވެހި ރެޑް ކްރެސެންޓްގެ އެހެން ގޮފި ތަކުން ވެސް އެކި ހަރަކާތްތައް ކުރިއަށް ގެންދަމުން ދާނެ،" ނަސްރާ ވިދާޅުވި އެވެ.

އެމްއާރުސީގެ ވޮލަންޓިއަރުން މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބެ އެވެ. ގުދުރަތީ ކާރިސާ ތަކާއި އެކިއެކި ހާދިސާތަކުގައި އާންމުންނަށް އެހީތެރިވުމަށް އެ ވޮލަންޓިޔަރުން ހަރަކާތްތެރިވެ އެވެ.

ހިންގާ ހަރަކާތްތައް

* އެމްއާރްސީގެ ވޮލަންޓިއަރުން ހޮސްޕިޓަލްތަކަށް މިއަދު ހަވީރު ގޮސް ބަލި މީހުންނާ ބައްދަލުކޮށް ހަދިޔާ ދިނުން.

* ބިދޭސީނާ މިއަދު ހަވީރު ބައްދަލުކޮށް ހަދިޔާ ދިނުން.

* އިންސާނިއްޔަތަށް އެހީވުމުގެ ދުވަހާއި އެމްއާރުސީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ހުކުރު ދުވަހު ސެންޓްރަލް ޕާކްގައި ފެސްޓިވަލެއް.