ކޮވިޑް-19 ގެ ސަބަބުން އެތައް ބަޔަކު ހާލުގައި ޖެހިއްޖެ އެވެ. އަދާކުރަމުން ދިޔަ ވަޒީފާ ގެއްލި އާމްދަނީ ލިބޭނެ މަގު ބަންދުވެއްޖެ އެވެ. ކުލި ދެއްކޭނެ ގޮތެއް ނެތުމުން މަގުމަތިވި މީހުން ވެސް މަދެއް ނޫނެވެ. މުޅި ދުނިޔެ ވެސް ހުއްޓުމަކަށް ގެނެސްފައިވާ ވައިރަހުގައި، ރާއްޖޭގައި އެންމެ ބޮޑަށް ނިކަމެތިވެގެން ދިޔަ އެއްބަޔަކީ ދަތި ތަންތަނުގައި ތޮއްޖެހިގެން ދިރިއުޅެމުން ދާ ބިދޭސީންނެވެ. މުސާރަ ނުލިބި، ކެވޭނެ ގޮތެއް ނެތި އެމީހުން އިތުރަށް ނިކަމެތިވީ އެވެ.

ފަރުވާއެއް ހޯދިފައިނުވާ ބަލިން ރައްކާތެރިވާން ސަރުކާރުން ގެންދަނީ ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން ދިރިއުޅޭ ތަންތަން ބަލަހައްޓަމުންނެވެ. އެތަންތަނުގައި ތިބި މީހުންނަށް، އަމިއްލަ ފަރާތްތަކުން އަންނަނީ ދީލަތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ބޭކް ހައުސް ކޭޓަރިން އަކީ، ބިދޭސީން ދިރިއުޅޭ އަދި މި ވަގުތު މޮނިޓަރިންގެ ހާލަތުގައި ހުރި ތަންތަނަށް، ހިލޭސާބަހަށް ކެއުން ފޯރުކޮށްދެމުން އަންނަ އެއް ފަރާތެވެ. ހާޝިމް ބިރިޔާނީގެ ނަމުން މަޝްހޫރު ވެފައިވާ ކެފޭއިން ބިދޭސީންނަށް ކާތަކެތި ފޯރުކޮށްދޭން ފެށީ މިދިއަ އާދިއްތަ ދުވަހު އެވެ.

ސަރުކާރުން މިވަގުތު އުފުލަމުން ބޮޑު އެހީތެރިކަމެއްގެ ގޮތުގައި ވެސް، އާންމުންގެ މި ދީލަތިކަން ގުނެ އެވެ.

ހާޝިމް ބިރިޔާނި ހިންގާ އާއިލާގެ ފަރާތުން ވާހަކަ ދެއްކި ރާޔާ ހަސަން ބުނީ ހާލުގައި ޖެހިފައިވާ ބިދޭސީންނަށް ކެއުން ފޯރުކޮށްދޭން މިހާތަނަށް އެކި ފަރާތްތަކުން 204،374ރ. ދީފައިވާ ކަމަށެވެ. އެހީ ހޯދަން ސޯޝަލް މީޑިއާގައި ހުޅުވާލުމުން، ފުރަތަމަ އަށް ގަޑިއިރު ތެރޭގައި 90،000ރ. ލިބުނު ކަމަށް އޭނާ ބުންޏެވެ. އޭގެ ތެރޭގައި އެކަކު ދިން 28،000ރ. ހިމެނެ އެވެ.

ހާޝިމް ބިރިޔާނީގެ ފަރާތުން ދޭ އެހީ، އެތަނުގެ މީހަކު ދައްކާލަނީ
ހާޝިމް ބިރިޔާނީގެ ފަރާތުން ދޭ އެހީ، އެތަނުގެ މީހަކު ދައްކާލަނީ

ރާޔާ ބުނި ގޮތުގައި އިއްޔެ އެކަނި ވެސް 83 މީހުންނަށް ރޯދަ ވީއްލުން ދިނެވެ. އޭގެ އިތުރުން ހާރަށް ވެސް މިހާރު ކާން ދޭން ފަށާފައިވާ ކަމަށް އޭނާ ބުންޏެވެ. ހާޝިމް ބިރިޔާނީގެ ފަރާތުން އެއްޗެހި ތައްޔާރުކުރުމަށް ފަހު ހަވާލުކުރަނީ ކަލާފާނު ސްކޫލުގައި ހަރަކާތްތެރިވާ މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރުސީ) ޓީމަށެވެ. ބިދޭސީންގެ ކެއުމުގެ ކަންކަން ބަލަހައްޓަމުން އަންނަނީ، ގިނަ ބައެއްގެ އެހީތެރިކަމާ އެކު، ރެޑް ކްރެސެންޓުންނެވެ.

"ހާރު ކާން ލިބުމުގައި ދަތިތައް ހުރި ވާހަކަ ބުނީމަ ހާރު ވެސް ދޭން ފަށައިފިން މިހާރު. އެހީ ލިބޭ ވަރަކުން އިތުރު ބިދޭސީންނަށް ކެއުން ފޯރުކޮށްދޭނަން،" ރާޔާ ބުންޏެވެ.

އޭނާ ބުނިގޮތުގައި މި ހަރަކާތަށް ނުކުތީ ކާ އެއްޗެހި ހޯދައިދަން ވަރަށް ގިނަ ބިދޭސީން ސަލާން ޖަހައި އާދޭސްކުރާ ކަމުގެ ޕޯސްޓުތައް ސޯޝަލް މީޑިއާއިން ފެންނަން ފެށުމުންނެވެ. އެހެންވެ އެކަމަށް ހައްލެއް ހޯދައިދޭން ބޭނުންވީ ކަމަށް އޭނާ ބުންޏެވެ.

އޭނާއަށް މިހާރު އެންމެ ބޮޑަށް ފާހަގަކުރެވުނީ، ރާޔާ ބުނި ގޮތުގައި، ދިވެހިންގެ ހިތްހެޔޮކަމެވެ.

ހާޝިމް ބިރިޔާނިން ރޯދަ ވީއްލުމަށް ތައްޔާރިކުރި ޕެކެއް
ހާޝިމް ބިރިޔާނިން ރޯދަ ވީއްލުމަށް ތައްޔާރިކުރި ޕެކެއް

ހުޅުމާލޭގައި އޮގަސްޓް، 2018 ގައި ހިދުމަތް ދޭން ފެށި "އެމްވީ މަމަކް"ގެ ވެރިޔާ އާމިރު މުސްތަފާގެ އުއްމީދަކަށް އޭރު ހަދާފައި އޮތީ ވިޔަފާރި ރަނގަޅަށް ހިނގައިގަންނަން ފެށުމުން، ނިކަމެތިންނަށް ކޮންމެވެސް ގޮތަކުން އެހީތެރިވުމެވެ. މި ދުވަސްވަރުގެ ނިކަމެތި ހާލަތަށް ބަލައި، އޭނާ އަންނަނީ، ދީލަތި އެކި ފަރާތްތަކުގެ އެހީގައި، ދިވެހިންނަށާއި ބިދޭސީންގެ ބަނޑުހައިހޫނުކަން ފިލުވައިދެމުންނެވެ.

އާމިރު ބުނީ ރޯދަ މަސް ފެށުމުގެ ދެތިން ހަފުތާ ކުރިން ވިއްސަކަށް ދިވެހިންނަށް އެތަނުން ކާން ދިން ކަމަށެވެ.

އަވަށްޓެރި އިނީޝިއޭޓްއިން އެހީގެ މި މަސައްކަތުގައި ނުކުތުމުން، އެމްވީ މަމަކްގެ ކެއުންތައް ފޯރުކޮށްދިނުމުގައި މެދުވެރިއެއްގެ ބައި ކުޅެނީ އަވަށްޓެރި އިނީޝިއޭޓް އިންނެވެ. ހާލުގައި ޖެހިފައި ތިބި މީހުންނާ ހަމައަށް އެ އެއްޗެހި ގެންގޮސްދެނީ އެމްއާރުސީންނެވެ.

މަމަކް އިން އަމިއްލައަށް ވެސް ހުޅުމާލޭގައި އުޅޭ 19 ބިދޭސީންނަށް ކެއުން ފޯރުކޮށްދެ އެވެ.

މަމަކް އިން ތައްޔާރުކުރި މީލް ޕެކެއް.-- ފޮޓޯ: މަމަކް
މަމަކް އިން ތައްޔާރުކުރި މީލް ޕެކެއް.-- ފޮޓޯ: މަމަކް

"ކޮންޓްރިބިއުޓް ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލީމަ ހަފުތާއެއްގެ ތެރޭގައި 140،000ރ. ވަނީ ލިބިފައި. މިހާރު އެއިން ހާރާއި ރޯދަ ވީއްލުން މި ފޯރުކޮށްދެނީ،" އާމިރު ވިދާޅުވި އެވެ.

އެއްބަނޑު އެއްބަފާ ދެބެއިން ކަމަށް ވާ އާމިރާއި އަޝްރަފް މުސްތަފާ ހިންގަމުން އަންނަ މަމަކް އިން ކޮންމެ ދުވަހަކު މިހާރު 80 އަށް ވުރެ ގިނަ މީހުންނަށް ރޯދަ ވީއްލުމާއި ހާރަށް ކެއުން ފޯރުކޮށްދެ އެވެ.

ޖޫނިއަ ޗެމްބަ އިންޓަނޭޝަނަލް (ޖޭސީއައި)ގެ ރާއްޖޭގެ ގޮފިން ވެސް މި އެހީގެ ތެރެއަށް ވަނީ ވަދެފަ އެވެ. އެތަނުގެ ރައީސް މުހައްމަދު މަތީން ބުނބީ "އެކުގައި" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމަށް، މިހާތަނަށް 15،000 އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ. މާލެ ސަރަހައްދުގައި އުޅޭ 35 ވަރަކަށް މީހުންނަށް، އެ އެހީގައި މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަނީ ރޯދަ ވީއްލުން ދެމުންނެވެ.

ޖޭސީއައި މޯލްޑިވްސްގެ އެހީތެރިކަން ބޭނުންވާ މީހުން ރަޖިސްޓްރީވާން ކުރިން ހުޅުވާލި އެވެ. އޭގައި ދިވެހިންނާއި ބިދޭސީން ވެސް ރަޖިސްޓްރީވި އެވެ.

"ތިން ރެސްޓޯރެންޓަކާ ގުޅިގެން މިކަން މި ކުރިއަށްގެންދަނީ އެ ފަރާތްތަކުގެ އެހީއާ އެކު ރަނގަޅު އަގެއްގައި. ރަޖިސްޓްރީވެފައި ހުރި ފަރާތްތަކަށް ކާ އެއްޗެހި ޑެލިވަރީ ކޮށްދޭނީ ވެސް އެ ރެސްޓޯރެންޓުތަކުން،" މަތީން ބުންޏެވެ.

ރެޑް ކްރެސެންޓުގެ ކޮމިއުނިކޭޝަންސް އަދި ރިސޯސް މޮބަލައިޒޭޝަން އޮފިސަރު މިޒީ މުސްތަފާ ވިދާޅުވި ގޮތުގައި، އުޅޭ ތަނުގައި ކައްކަން ބޭނުންވާ އެއްޗިއްސާއި ކާން ލިބެން ދަތިވެފައިވާ ބިދޭސީންނަށް މިހާތަނަށް 2144 މީހުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. ތަފާތު އެކި ގޮތްގޮތުން މިހާތަނަށް 29،225 ކެއުން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް އެޖެންސީތަކާއި އަމިއްލަ ފަރާތްތަކާއި ކުންފުނިތަކާ އެކު ޖުމްލަ 23 ފަރާތެއްގެ އެހީތެރިކަމާ އެކު މިކަންކަން ކުރަމުން މި އަންނަނީ،" މިޒީ ވިދާޅުވި އެވެ.

އޭނާ ވަނީ ފައިސާގެ އެހީ ދޭ ފަރާތްތަކަށް އިލްތިޒާމެއް ކުރައްވައިފަ އެވެ. އެއީ ތން ވަނަ ފަރާތެއް މެދުވެރިނުކޮށް، ސީދާ އެ ޖަމިއްޔާ އަށް ފައިސާ ހަދިޔާކުރުމަށެވެ.

މަމްސް އެންޖީއޯގެ އެހީ 100 މައިންނަށް

ހާލުގައި އުޅޭ މައިންނަށް ދޭން މަމްސް އިން ތައްޔާރުކޮށްފައިވާ ޕެކްތަކެއް ކައިރީގައި އެހީތެރިން -- ފޮޓޯ: މަމްސް އެންޖީއޯ
ހާލުގައި އުޅޭ މައިންނަށް ދޭން މަމްސް އިން ތައްޔާރުކޮށްފައިވާ ޕެކްތަކެއް ކައިރީގައި އެހީތެރިން -- ފޮޓޯ: މަމްސް އެންޖީއޯ

މައިންނަށް އެހީތެރިކަން ފޯރުކޮށްދޭން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރަޖިސްޓްރީ ކުރި "މަމްސް އެންޖީއޯ" އަކީ ވެސް ކޮވިޑް-19 ގައި ދަތި ހާލުގައި ތިބި އާއިލާތަކަށް އުފާވެރިކަން ގެނެސްދޭ އެއް ފަރާތެވެ. އަންހެނުންނަށް ބޭނުންވާ ޒަރޫރީ ތަކެތިން ފެށިގެން ކުޑަކުދިންގެ ނެޕީ އާއި ކިރާއިި ރީތިވާން ބޭނުންވާ ބައެއް އެއްޗިއްސާއި ކައްކަން ބޭނުންވާ މުހިއްމު ތަކެތި ހިމަނައިގެން އެ ޖަމިއްޔާއިން ވަނީ އެހީ ޖަމިއްޔާއާ ގުޅިގެން ކެއާ ޕެކޭޖެއް ތައްޔާރުކޮށްފަ އެވެ.

މަމްސް ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ރިޔާޝާ ވިދާޅުވި ގޮތުގައި ކޮވިޑް-19ގެ ކަންތައްތައް ފެށުމުން ދަތި ހާލުގައި ތިބި މައިން، ރަޖިސްޓްރީވާން ހުޅުވާލި ކަމަށެވެ. އެގޮތަށް 100 އެއްހާ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށާއި އެ މީހުންގެ މައުލޫމާތު ވެސް ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަތި ހާލުގައި ތިބި މައިންނަށް ދޭން ޕެކޭޖު ތައްޔާރުކޮށްފައި.-- ފޮޓޯ: މަމްސް އެންޖީއޯ
ދަތި ހާލުގައި ތިބި މައިންނަށް ދޭން ޕެކޭޖު ތައްޔާރުކޮށްފައި.-- ފޮޓޯ: މަމްސް އެންޖީއޯ

"އެއީ ހަމަ އާއްމުކޮށް ދަތި ހާލުގައި އުޅޭ މީހުން. މިކަމުގެ ސަބަބުން އިތުރަށް ހާލުގައި ޖެހިގެންދާނެ. މިހާރު މާލެ ސަރަހައްދަށް ކެއާ ޕެކޭޖު ތައްޔާރުކޮށް ހަވާލުކުރެވިފައިވަނީ. މާލެ، ހުޅުމާލެ އަދި ވިލިމާލެއިން 30 މީހުންނަށް އެ ހަދިޔާ ކުރެވިފައި ވާނީ،" ރިޔާޝާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށުގައި ތިބި މީހުންނަށް ވެސް އެހީ ފޮނުވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ. އެކަމަކު ވިދާޅުވީ ލޮކްޑައުންގެ ސަބަބުން ތަކެތި ފޮނުވުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.

ފްރޮންޓް ލައިންގައި އެހީ ފޯރުކޮށްދޭން އެއްބަޔަކު އުޅޭ އިރު، އެ ފަރާތްތަކަށް ގިނަ ބަޔަކު އަންނަނީ މާލީ އެހީތެރިކަން ދެމުންނެވެ. އެއީ މި މަސައްކަތުގެ ފުރާނަ އެވެ. މި ހުރިހާ ފަރާތެއް އެކުވުމުން މި ފެންނަނީ ދިވެހިންގެ ހިތްހެޔޮކަމެވެ. ދިވެހިންގެ ދީލަތި އެހީތެރިކަމެވެ.