ރިޔާޒް (ޑިސެމްބަރު 11) - ގަލްފުގެ ގައުމުތަކުގެ އަހަރީ ސަމިޓް ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒްގައި އިއްޔެ ފެށުމާ އެކު މާގިނައިރެއް ނުވަނީސް ނިންމާލައިފި އެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ 40 ވަނަ އަހަރީ ބައްދަލުވުމުގައި ވަނީ ގަތަރާއި އެ ގައުމާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާ ގައުމުތަކާ މެދު ޚިޔާލުތަފާތުވުން އުފެދިފަ އެވެ. ޖީސީސީ ސަމިޓަށް ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ އަށް ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް ދައުވަތު ދެއްވި ނަމަވެސް ސަމިޓަށް ފޮނުވީ ބޮޑުވަޒީރު އަބްދުﷲ ބިން ނާސިރު ބިން ޚަލީފާ އަލް ސާނީ އެވެ.

ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ބޭއްވި ބައްދަލުވުން ގަޑިއެއްހާ އިރަށް ވެސް ކުރިއަށް ނުދާ ކަމަށްވެ އެވެ. ބައްދަލުވުމަށް ފަހު ހަ ގައުމު ހިމެނޭ ޖަމާއަތުން ނެރުނު ބަޔާނުގައި ވަނީ ސަރަހައްދީ އެއްބާރުލުން ގާއިމްކުރުމަށް އަސްކަރީ އަދި ސަލާމަތީ ގޮތުން ގައުމުތަކުން އެއްބާރުލުން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ގަތަރުގެ މައްސަލަ ހައްލު ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކުވޭތުގެ އަމީރު ޝެއިޚް ސަބާހު އަލް އަހުމަދު އަލް ސަބާހު ވިދާޅުވީ ކުރިއަށް އޮތް ބައްދަލުވުންތަކުގެ ނަތީޖާ، ފާއިތުވެ ދިޔަ ބައްދަލުވުންތަކަށް ވުރެ ރަނގަޅުވާނެ ކަމަށެވެ.

ސަމިޓަށް ފަހު ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުހާން ވިދާޅުވީ ގަތަރާ އެހެން ގައުމުތަކުގެ ގުޅުން ބަދަހި ކުރުމަށް ކުވޭތުގެ އަމީރު ކުރައްވާ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ޖޫން 5، 2017 ގައި ސައުދީން ވަނީ ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ. ސައުދީ އަށް ފަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ބަހުރޭން، މިސްރު އަދި ދިވެހި ރާއްޖެ އިން ވެސް ވަނީ ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ. ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ ސައުދީން ވަނީ ގަތަރާ ވިޔަފާރީގެ ހުރިހާ ގުޅުންތަކެއް ވެސް ކަނޑާލައިފަ އެވެ.

ގަތަރުގެ ފޮރިން މިނިސްޓަރު މިދިޔަ ހަފުތާގައި ރޯމްގައި ވިދާޅުވެފައި ވަނީ ދެ ގައުމުގެ މައްސަލަ ހައްލުކުރުމުގެ މަގަށް މިސްރާބު ޖަހާފައިވާ ކަމަށެވެ. އަދި ރިޔާޒް އާއި ދޯހާއާ ދެމެދު މަޝްވަރާތައް ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ގަތަރުގެ ބޮޑުވަޒީރު މެއި މަހު ވަނީ ސައުދީގައި އޮތް މަތީ ފެންވަރުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. އެއީ ގަތަރު ބޮއިކޮޓް ކުރި ފަހުން ސައުދީގައި ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި ދޯހާގެ އެންމެ އިސް މަންދޫބެވެ.

ޖީސީސީގައި ހިމެނެނީ ސައުދީ އަރަބިއާ، ގަތަރު، ބަހުރޭން، ކުވޭތު، އޮމާން އަދި ޔޫއޭއީ އެވެ.