ދޯހާ (ޑިސެމްބަރު 4) - ބައެއް ގައުމުތަކުން ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު އެކަހެރިކޮށްފައިވާ ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ޝެއިޚް މުހައްމަދުު ބިން އަބްދުއްރަހުމާން އަލް ސާނީ ވިދާޅުވެއްޖެ އެވެ.

ޝެއިޚް މުހައްމަދު ވިދާޅުވީ މާދަމާ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުވޭތުގައި ބާއްވާ ބައްދަލުވުމުގެ މިނިސްޓަރުންގެ ކައުންސިލުގައި އޭނާ ވެސް ބައިވެރިވާނެ ކަމަށެވެ.

ޖީސީސީގެ ބައްދަލުވުމަށް މެންބަރު ހަ ގައުމުގެ ވެރިންނަށް ކުވޭތުން ދައުވަތު ފޮނުވީ މިދިޔަ ހަފުތާގަ އެވެ. އެކަމަކު ހުރިހާ ލީޑަރުން ސަމިޓުގައި ބައިވެރިވުމާ މެދު ކުރިން ވަނީ ސުވާލު އުފެދިފަ އެވެ.

ޖޫން މަހު 5 ވަނަ ދުވަހު ގަތަރާ ގުޅުން ކަނޑާލުމަށް ފަހު އިގްތިސާދީ ފިޔަވަޅު އަޅާފައި ވަނީ ސައުދީ އަރަބިއާ، ޔޫއޭއީ، މިސްރު އަދި ބަހުރޭނުންނެވެ. ނަމަވެސް މި މައްސަލަ އަށް ހައްލެއް ފެނޭތޯ ކުވޭތުގެ އަމީރު ޝެއިޚް ސަބާހު އަލް އަހުމަދު އަލް ސަބާހު ވަނީ މަސައްކަތް ކުރައްވައިފަ އެވެ. އެ މައްސަލަ ހައްލު ނުވެ ކުރިއަށްދާ ނަމަ ޖީސީސީ ނެތި ހިނގައިދާނެ ކަމުގެ އިންޒާރު ޝެއިޚް ސަބާހު ވަނީ އޮކްޓޯބަރު މަހު ދެއްވައިފަ އެވެ.

ބަހުރޭނުގެ ރަސްގެފާން އޮކްޓޯބަރު މަހު ވިދާޅުވެފައި ވަނީ ދޯހާ އިން ދެކޭ ގޮތް ބަދަލު ނުކޮށްފި ނަމަ ގަތަރުން ބައިވެރިވާ ޖީސީސީ ސަމިޓުގައި ބަހުރޭނޭނުން ބައިވެރި ނުވާނެ ކަމަށެވެ.

ޖީސީސީގައި ހިމެނޭ ގައުމުތަކަކީ ބަހުރޭން، ކުވޭތު، އޮމާން، ގަތަރު، ސައުދީ އަރަބިއާ އަދި ޔޫއޭއީ އެވެ.