ކުވޭތު ސިޓީ (ޑިސެމްބަރު 5) - ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގައި ހިމެނޭ ހަ ގައުމުގެ ސަރަހައްދީ ސަމިޓުގައި ޚިޔާލު ތަފާތުވުން ބޮޑުވެ، ފުރަތަމަ ދުވަހުގެ ބައްދަލުވުމަށް ފަހު ސަމިޓް ނިންމާލަން ޖެހިއްޖެ އެވެ.

ސަމިޓް ނިންމަން ކުރިން ހަމަޖެހިފައި ވަނީ މާދަމާ ނަމަވެސް މިއަދުގެ ސިއްރު ބައްދަލުވުމާ އެކު ނިންމާލަން ޖެހުނީ ޖީސީސީގެ ބޭރުން ސައުދީ އަރަބިއާއާ އެކު އިގްތިސާދީ އަދި އަސްކަރީ ޕާޓްނާޝިޕެއް ގާއިމްކޮށްފައިވާ ކަމަށް ޔޫއޭއީ އިން އިއުލާން ކުރުމާ ގުޅިގެންނެވެ.

ޖީސީސީގެ ބައްދަލުވުން ކުވޭތުގައި ފަށާފައި މިވަނީ ގަލްފުގެ ތިން ގައުމަކުން ގަތަރާ ގުޅުން ކަނޑާލިތާ ބަރާބަރު ހަ މަސް ފަހުންނެވެ. ގަތަރާ އެކު މައްސަލަ އުފެދުނު ފަހުން ބާއްވާ ގަލްފުގެ ފުރަތަމަ ސަމިޓުގެ އެޖެންޑާ އާއްމުކޮށްފައެއް ނުވެ އެވެ. ނަމަވެސް ގަތަރު މައްސަލަ އާއި ޔަމަނަށް ދޭ ހަމަލާތަކުގެ މައްސަލަ އެޖެންޑާގައި ހިމެނޭ ކަމަށްވެ އެވެ. ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ ސައުދީ އަރަބިއާ، ޔޫއޭއީ އަދި ބަހުރޭނުން ގުޅުން ކަނޑާލީ ޖޫން މަހު 5 ވަނަ ދުވަހު އެވެ.

ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ ވަނީ މަޝްވަރާކޮށްގެން މައްސަލަ ހައްލު ކުރަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ކުވޭތުން ބުނެފައި ވަނީ ގަތަރަށް ފިޔަވަޅު އެޅި ގައުމުތަކުން މަޝްވަރާ އަށް ދާން ބޭނުން ނުވާ ކަމަށެވެ.

ގަތަރުގެ އަމީރު ސަމިޓަށް ވަޑައިގެންނެވި ނަމަވެސް ބަހުރޭނުން ފޮނުވާފައި ވަނީ ތިން ވަނަ ލެވެލްގެ ޑިޕްލޮމެޓެކެވެ. ސައުދީ ވަފުދުގެ އިސްވެރިޔަކީ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރެވެ.