އާންމު ހިއްސާދާރުންގެ ފަރާތުން އުރީދޫ ބޯޑަށް، ސްޓެލްކޯގެ ސީއީއޯ އަދި ކުރީގެ މިނިސްޓަރު އަހުމަދު ޒުހޫރު ރޭ އިންތިޚާބު ކޮށްފި އެވެ.
އުރީދޫގެ ހިއްސާ ވިއްކަން ފެށި ފަހުން ބޭއްވި އެ ކުންފުނީގެ ފުރަތަމަ އަހަރީ އާންމު ޖަލްސާގައި، އުރީދޫގެ ބޯޑަށް ޒުހޫރު ހޮވީ ހާޒިރުވި 699 ހިއްސާދާރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 282 ހިއްސާދާރުންގެ ވޯޓާ އެކު އެވެ.
ޒުހޫރުގެ އިތުރުން އެ މަގާމަށް ކުރިމަތިލެއްވީ ބީއެމްއެލްގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރީފާއި އިބްރާހިމް ފިރުޝާން އެވެ. ފަރީހާ އަށް 231 ވޯޓް ލިބިވަޑައިގެންނެވިއިރު، ފިރުޝާން އަށް ލިބިވަޑައިގަތީ 168 ވޯޓެވެ.
"ޝެއާ އަކީ ހަމައެކަނި ޑިވިޑެންޓަށް ޑިޕެންޓް ވެފައި އޮންނަ އެއްޗެއް ނޫން. ޝެއާ އަކީ ޓްރޭޑް ކުރެވޭ އެއްޗެއް. އެހެންވީމަ ޓްރޭޑް މާކެޓަކަށް މިކަހަލަ އިންޓަނޭޝަނަލް ކުންފުންޏެއްގެ ޝެއާ ދިވެހި ރާއްޖޭގެ އައިޕީއޯ އެއްގައި ޕުޝް ކުރުން އަޅުގަނޑު ބޭނުންވަނީ،" ބޯޑަށް ހޮވުމާ ގުޅިގެން ޒުހޫރު ވިދާޅުވި އެވެ.
ޒުހޫރު ވަނީ މި ސަރުކާރުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރު ކަން އަދި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.
އަދި އޭނާ ވަނީ އޮސްޓްރޭލިއާ އިން މާސްޓާސް އޮފް އެކައުންޓިން އެންޑް ފައިނޭންޝަލް މެނޭޖްމަންޓް، މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ އިތުރުން ސްވިޑްން އިން މާސްޓާސް އޮފް ސައިންސް ހައްދަވައިފަ އެވެ.