އުރީދޫގެ ފުރަތަމަ ހާއްސަ އާއްމު ޖަލްސާގައި އެ ކުންފުނީގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދަށް މިރޭ މުހިއްމު އިސްލާހުތަކެއް ގެނެސްފި އެވެ.
ޖެން ހޮޓަލުގައި ބޭއްވި ހާއްސަ އާންމު ޖަލްސާ ބޭއްވީ އާ އަހަރެއް ފެށުމުގެ ކުރިން މި އިސްލާހުތައް ގެނައުމަށެވެ.
އުރީދޫގެ އަސާސީ ގަވައިދަށް މައިގަނޑު ތިން އިސްލާހެއް މިހާރު ވަނީ ގެނެސްފަ އެވެ. އެގޮތުން، މޯބައިލް މަނީ ހިދުމަތާ އެކު މާލީ ދާއިރާ އަށް އެ ކުންފުނި ހުޅުވައިލުމުގެ ވާހަކަ އަސާސީ ގަވައިދަށް އިތުރު ކުރި އެވެ. އަދި އިންޝުއަރެންސާއި ރީބްރޯޑްކާސްޓިން ވެސް އުރީދޫން ދޭ ޚިދުމަތްތަކުގެ ލިސްޓަށް މިރޭ އިތުރުކުރި އެވެ.
އަސާސީ ގަވައިދަށް ގެނައި އިސްލާހުތަށް ފާސްވެފައިވެފައި ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 92.38 ޕަސެންޓުންނެވެ
އަދި، އުރީދޫގެ ހިންގާ ގަވައިދުގެ 10 މާއްދާ އަކަށް އިސްލާހު ގެނަ އެވެ. އެގޮތުން، ކުންފުނީގެ ހިއްސާދާރުންނާ ގުޅޭ މާއްދާތަކާއި ބޯޑު މީޓިންތައް ބޭއްވުމުގައި އަމަލު ކުރާ ގޮތްތަކަށް ބަދަލު ގެނެސްފައިވެ އެވެ. އަދި އާންމު ހިއްސާދާރުން ކަނޑައަޅާ ބޯޑު މެންބަރުންގެ މުއްދަތު ހިންގާ ގަވައިދުގައި ހިމެނި އެވެ. އެގޮތުން 2017 ވަނަ އަހަރު އާންމު ހިއްސާދާރުންގެ ފަރާތުން ހޮވި ޑިރެކްޓަރުގެ މުއްދަތު އަންނަ އަހަރު ހަމަވާކަން ހިންގާ ގަވައިދަށް އިތުރު ކުރި އެވެ.
މި އިސްލާހުތައް ފާސްކުރީ ވޯޓުގައި ބައިވެރިވި ހިއްސާދާރުންގެ 92 ޕަސެންޓުންނެވެ.
މިރޭގެ އާންމު ޖަލްސާގައި އުރީދޫގެ 59 ހިއްސާދާރަކު ބައިވެރިވި އެވެ. އަދި ޕްރޮކްސީ ހޯލްޑަރުންގެ ގޮތުގައި 32 މީހުން ބައިވެރިވެފައިވެ އެވެ. މި ޖަލްސާގައި ހިއްސާދާރުންގެ 75 ޕަސެންޓް ތަމްސީލް ކުރި އެވެ.
މި ޖަލްސާގައި ވަނީ އުރީދޫގެ ހިންގުމާ ގުޅޭ ގޮތުން ވެސް ހިއްސާދާރުންނާ މަޝްވަރާ ކޮށްފަ އެވެ. އުރީދޫގެ ދެން އޮންނަ އަހަރީ ޖަލްސާ އަންނަ އަހަރުގެ މާޗް މަހު ބާއްވާނެކަން ވެސް ބޯޑުން މިރޭ އިއުލާން ކުރި އެވެ.
އުރީދޫގެ އަހަރީ އާންމު ޖަލްސާ ބާއްވާފައި ވަނީ މި އަހަރުގެ މާޗު މަހު އެވެ. އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 544 މިލިއަން ރުފިޔާ ލިބުނު އިރު ހިއްސާދާރުން ހިއްސާއަކަށް 3.22ރ. ގެ މަގުން ފައިދާ ބަހަން ނިންމާފައިވެ އެވެ.
ޕަބްލިކް ލިމިޑެޓް ކުންފުންޏަކަށް އުރީދޫ ބަދަލުކޮށް ހިއްސާ ވިއްކަން ފެށީ 2017 ވަނަ އަހަރު އެވެ.