އުރީދޫގެ ފައިދާ ހަތް ޕަސެންޓަށް މި އަހަރު އިތުރުވެފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނަޖީބް ހާން ވިދާޅުވެއްޖެ އެވެ.
ރޭ އުރީދޫން ހާއްސަ ގޮތުން ބޭއްވި އާންމު ޖަލްސާގައި ހިއްސާދާރުންނާ މުހާތަބު ކުރައްވާ ނަޖީބު ވިދާޅުވީ، މި އަހަރަކީ އުރީދު އަށް ވަރަށް ބޮޑު ކާމިޔާބެއް ލިބުނު އަހަރެއް ކަމަށެވެ. އެގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލިބުނު ފައިދާ ހަތް ޕަސެންޓަށް އިތުރުވެފައިވާ ކަމަށާއި ނެޓް ޕްރޮފިޓް މާޖިން 29 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ މުހިއްމު ކަމަކީ މިދިޔަ އަހަރަށް ވުރެ މިއަހަރު ހަރަދު މެނޭޖް ކުރުމުގައި އުރީދޫން ވަނީ ކުރި ހޯދާފައި. އުރީދޫން ބާރު ސްޕީޑުގައި ކުރިއަރަމުން އަންނަ އިރު ހަރަދުތައް އެންމެ ފުރިހަމަ އަށް މެނޭޖް ކުރުމަކީ އެންމެ މުހިއްމު ކަންތައް،" އޭނާ ވިދާޅުވި އެވެ.
ނަޖީބު ވިދާޅުވީ، މި އަހަރު އުރީދޫން އެންމެ ބޮޑު އިންވެސްޓެއް ކުރީ ވަޔާ ލައިން އާއި ވަޔާ ލެސް ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ. އެގޮތުން މިހާރު ފިސްޑް ބްރޯޑްބޭންޑްގެ ހިދުމަތް 22 ރަށަކަށް ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ކުރިއަށް އޮތް 10 އަހަރަކީ ޒަމާނީ ޓެކްނޮލޮޖީގެ ބޮޑު އިންގިލާބެއް އަންނާނެ ދުވަސްވަރެއް ކަމަށާއި އެކަންކަމަށް ތައްޔާރުވުމުގެ ގޮތުން އުރީދޫން ވެސް ޓެކްނޮލޮޖީގެ ތަފާތު ބައިތައް ދޭ ހިދުމަތްތަކަށް އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސާ ގުޅޭ ޓެކްނޮލޮޖީތައް ތައާރަފް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އުރީދޫން ބޭއްވި ހާއްސަ އާންމު ޖަލްސާގައި އަސާސީ ގަވައިދާއި ހިންގާ ގަވައިދަށް މުހިއްމު ބަދަލުތަކެއް ގެނެސްފައިވެ އެވެ. އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މާޗް މަހުގައި ކަމަށް ބޯޑުން ވަނީ އިއުލާނުކޮށްފަ އެވެ.