ބ. ހިބަޅިދޫގައި ފޮރުވާފައި ހުއްޓާ ހޯދި ހަތިޔާރުގެ ތެރެއިން ނުފެނި ހުރި ތަކެތި ހޯދަން ރ. އަތޮޅުގެ ފަޅުރަށެއް ބަލައި ފާސްކުރަން އިއްޔެ ފަށައިފި އެވެ.

މިދިޔަ ސެޕްޓެމްބަރު 28 ގައި ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލައާ ގުޅިގެން ފުލުހުންނާއި ސިފައިން ހިންގި ހާއްސަ އޮޕަރޭޝަނުގައި ހިބަޅިދޫ އަށް އަރައި އެ ރަށުގެ ފަރުގެ އުރަފަށުން މޫދަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ ހަތިޔާރު ހޯދި އެވެ. އޭގެ ތެރޭގައި ސްނައިޕަރު ރައިފަލަކާއި ވަޒަން ވެސް ހިމެނޭ އިރު، އިތުރު ހަތިޔާރު ހުރި ކަމަށް ބަލައި ބައެއް އެހެން ރަށްތައް އޭރު ވެސް ބަލައި ފާސްކުރި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފުލުހުން ވަނީ އިއްޔެ ހަވީރު ރ. ފެންފުށްޓަށް އަރައި އެ ރަށުގެ ގޮނޑުދޮށް އެއްކޮށް ކޮނެގެން ބަލައިފަ އެވެ. އަދި ގޮވާ ޒާތުގެ އެއްޗެހި ހޯދަން ބޭނުން ކުރާ މެޓަލް ޑިޓެކްޓަރު ބޭނުންކޮށްގެން މުޅި ރަށުތެރެ ވެސް ބަލައި ފާސްކުރި ކަމަށް ވެ އެވެ.

ބ. އަތޮޅާ އިންވެގެން ކަހަލަ ގޮތަކަށް އޮންނަ ފެންފުށްޓަކީ މެރިކަލްޗާގެ މަސައްކަތަށް 2013 ގައި އަމިއްލަ ކުންފުންޏަކަށް ދޫކޮށްފައިވާ ރަށެކެވެެ. އެކަމަކު، އެ ރަށުގައި އެ މަސައްކަތް ކުރަން ފަށާފައިވާ ކަމެއް ނުވަތަ މިހާރު ކުރާ ބޭނުމެއް ނޭނގެ އެވެ.

ރ. ފެންފުށި (ރަތް ކުލައިން ފާހަގަކޮށްފައި): ފުލުހުން އަންނަނީ އިއްޔެއިން ފެށިގެން މި ރަށް ބަލައި ފާސްކުރަމުން.-- ޗާޓު: އައިލެންޑްސް އޮފް މޯލްޑިވްސް
ރ. ފެންފުށި (ރަތް ކުލައިން ފާހަގަކޮށްފައި): ފުލުހުން އަންނަނީ އިއްޔެއިން ފެށިގެން މި ރަށް ބަލައި ފާސްކުރަމުން.-- ޗާޓު: އައިލެންޑްސް އޮފް މޯލްޑިވްސް

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ"ގައި ގޮއްވާލި މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ފުލުހުން އިއްޔެއިން ފެށިގެން އަންނަނީ ފެންފުށި ބަލައި ފާސްކުރަމުން ކަމަށެވެ. އެކަމަކު އެކަން މިވަގުތަށް މެދުކަނޑާލާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފެންފުށިން ހަތިޔާރު ފަދަ އެއްޗެހިތަކެއް ފެނުނުތޯ ދެންނެވުމުން ފުލުހުން ބުނީ އޭގެ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް އިއްޔެ ހަވީރު ނެރުއްވި އަމުރުގައި ފެންފުށި ބަލައި ފާސްކުރަން ހުއްދަ ދެއްވީ ހިބަޅިދޫން ނުފެނި ހުރި ހަތިޔާރު ފެންފުށީގައި ފޮރުވާފައި ހުރި ކަމަށް ބުނާ މައްސަލައިގައި ހެއްކާއި ގަރީނާ ހޯދާށެވެ. އެ އަމުރުގައި ވާ ގޮތުން، ފެންފުށި ބަލައި ފާސްކުރާ ވަގުތު އެ ރަށުގައި ތިބޭ ފަރާތްތަކާއި އެ މީހުންގެ އަތުގައި ހުރި މައްސަލައާ ގުޅުން ހުރި ތަކެތި ވެސް ބަލައި ފާސް ކުރެވޭނެ އެވެ.

ދެ ދުވަހުގެ މުއްދަތަށް އޮތް މި އަމުރު ނެރުނީ، އޭގައިވާ ގޮތުން، ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ސިއްރު މައުލޫމާތެއްގެ މައްޗަށް ބިނާކޮށެވެ.

މިދިޔަ އޮކްޓޯބަރު 30 ގައި ހިބަޅިދޫން ހަތިިޔާރު ފެނުނު މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ސިފައިންގެ ބަޑި ގުދަނުގެ ވެރިއަކަށް އޭރު ހުންނެވި ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ)ގެ އިތުުރުން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތުގައި ހޯދަމުންދާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި މުހައްމަދު ހުސައިން (އޮއިއްޓޭ) އަދި އަހުމަދު އިޝްފާހެވެ. އޭގެ ތެރެއިން އަދީބާއި ފަޔާޒުގެ ޝަރީއަތް ފަށާފައި ވާއިރު، ދެން ތިބި މީހުން ފިލައިގެން ރާއްޖޭން ބޭރުގައި އުޅޭތީ ޝަރީއަތް ކުރިއަކަށް ނުގެންދެވެ އެވެ.

ހިބަޅިދޫން ފެނުނު ހަތިޔާރާއި ސްނައިޕަރެއް ކަމަށް ބުނެ އެ ދުވަސްވަރު ހައްޔަރުކުރި ލަންކާ މީހާއާ ގުޅުން އޮތް ކަމަށް ވެ އެވެ. އެ މައްސަލައިގައި، ލަންކާގެ ލާހިރު މަޑިޝަންކަރުގެ އިތުރުން އަދީބާއި އެހެން ދެ މީހަކަށް ވެސް ދައުވާކޮށް، ޝަރީއަތް ވަނީ ފަށައިފަ އެވެ.