ބ. ހިބަޅިދޫން ހަނގުރާމަވެރި ހަތިޔާރު ފެނުނުއިރު އެ ރަށް ހިންގުމާ ހަވާލުވެ އޮތް ބިޒްނާސް މޯލްޑިވްސް ކުންފުންޏާ އެރަށް ހަވާލުކުރަން ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

ހަނގުރާމަވެރި ހަތިޔާރު ހިބަޅިދޫން ފެނުނު މައްސަލައިގެ ތަހުގީގަށް ފިލައިގެން އުޅޭ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ ހިއްސާ މީގެ ކުރިން އޮތް ބިޒްނާސް މޯލްޑިވްސްއާ އެރަށް އަލުން ހަވާލުކުރަން ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް ކޯޓުން އަމުރުކުރީ ހަތިޔާރު ފެނުނު މައްސަލާގައި އެރަށް ސަރުކާރުން އަތުލުމުން އެ މައްސަލަ ބިޒްނާސް ކުންފުނިން ކޯޓަށް ހުށަހެޅުމުންނެވެ.

ގާޒީ މުހައްމަދު ހަލީމް ކުރެއްވި ހުކުމުގައިވަނީ ހިބަޅިދޫގެ އެއްބަސްވުން ބާތިލްކޮށް، ސަރުކާރުން ފޮނުވި ނޯޓިހަކީ ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމާ ޚިލާފަށް ފޮނުވި ނޯޓިހެއް ކަމަށެވެ. އެހެންވެ، އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި އެރަށް ބިޒްނާސް ކުންފުންޏާ އަލުން ހަވާލުކުރަން ހުކުމުގައިވެ އެވެ.

ރިސޯޓް ހަދަން ހިބަޅިދޫ ދޫކޮށްފައި ވަނިކޮށް އެތަނުން ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ފެނުނީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ސެޕްޓެމްބަރު، 2015 ގައި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގު ތެރެއިންނެވެ. ބިޒްނާސް ކުންފުނީގެ ހިއްސާދާރު މޮހޯ އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާތް ބޭފުޅެކެވެ.

ހިބަޅިދޫން ހަތިޔާރު ފެނުނު މައްސަލާގައި އަދީބާއި މޮހޯގެ އިތުރުން އިތުރު ބަޔަކަށް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ. ދައުލަތުން ބުނާގޮތުން ސިފައިންގެ އާމަރީގައި ހުރި ހަތިޔާރު ހިބަޅިދޫން ފެނިފައިވެ އެވެ.

ބިޒްނާސް މޯލްޑިވްސްގައި މީގެ ކުރިން މޮހޯގެ 35 ޕަސެންޓް ހިއްސާ އޮތެވެ. ނަމަވެސް ކުންފުނީގެ މެޖޯރިިޓީގެ ހިއްސާދާރު ކަމަށްވާ މ. ބޯއްޑޫ މުހައްމަދު ރިޔާޒު ދައުވާ ކުރުމުން ކޯޓުން މެއި މަހު އެވެ. ރިޔާޒުގެ ފަރާތުން ބުނެފައިވަނީ އެ ކުންފުނީގައި އޮތް އޭނާގެ 95 ޕަސެންޓުގެ ތެރެއިން 35 ޕަސެންޓް ހިއްސާ މޮހޯ އަށް ދިނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ދޭންޖެހޭ ތިން މިލިއަން ޑޮލަރުގެ ބަދަލުގައި ކަމަށެވެ. އެ ހިއްސާއަކީ ބަދަލެއް ނެތި ދީފައިވާ އެއްޗެއް ކަން އައްލާމަށް ސާބިިތުކޮށް ނުދެވޭ ކަމަށާއި އެހެންވެ އެ ހިއްސާ އޭނާއަށް ބަދަލުކުރަން ހިންގި މުއާމަލާތް ބާތިލް ކަމަށް ކުރިން ވަނީ ހުކުމް ކޮށްފަ އެވެ.