ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ފެނުނު ބ. ހިބަޅިދޫ އެރަށް ކުރިން ގެންގުޅުނު ފަރާތާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ދައުލަތުން ނިންމައިފި އެވެ.
ނޮވެމްބަރު، 2015 ގައި ހަތިޔާރާއި ގޮވާތަކެތި ފެނުނު ހިބަޅިދުއަކީ ބިޒްނާސް މޯލްޑިވްސް އަށް ސަރުކާރުން ދޫކޮށްފައި އޮތް ރަށެކެވެ. އެކަމަކު މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ އެރަށުގެ އެއްބަސްވުން ބާތިލްކޮށް، އެރަށް އަތުލައިފަ އެވެ. އެ މައްސަލަ ބިޒްނާސް ކުންފުނިން ކޯޓަށް ހުށަހެޅުމުން މިދިޔަ މަހުގެ ފަހުކޮޅު ސިވިލް ކޯޓުން ހުކުމްކުރީ އެރަށް އަލުން އެ ކުންފުންޏަށް ދިނުމަށެވެ.
ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވީ އެ މައްސަލަ އިސްތިއުނާފް ކުރަން ނިންމައި، އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު އިސްތިއުނާފް ލިޔުންތައް އަދި ކޯޓަށް ހުށަނާޅާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބިޒްނާސް ކުންފުންޏަކީ ޓެރަރިޒަމްގެ ތުހުމަތު ކުރެވި، އަދި މިހާރު ފިލައިގެން ރާއްޖެއިން ބޭރުގައި އުޅޭ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ ހިއްސާ ކުރިން އޮތް ކުންފުންޏެކެވެ. އެކަމަކު ކޯޓުން މިދިޔަ އަހަރު ވަނީ އެ ކުންފުނީގައި އޮތް މޮހޯގެ ހިއްސާ ވަކިކުރަން އަމުރުކޮށްފަ އެވެ.
ބިޒްނާސް ކުންފުނި އަތުން ހިބަޅިދޫ އަތުލީ އެރަށުގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދައުލަތަށް ނުލިބޭތީ އެވެ.