މަޝްހޫރު ލަވަކިޔުންތެރިޔާ އަދުނާން ސާމީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގެ ހުރިހާ ފޮޓޯއެއް ޑިލީޓްކޮށްލައިފި އެވެ.

އޭނާގެ ވާހަކަ މި ފަހުން ދެއްކެވެން ފެށީ އޭނާގެ ހަށިގަނޑަށް ގެނައި ރީތި ބަދަލުންނެވެ. ވަރަށް ފަލަކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުރި އަދުނާން ސާމީ ކުއްލި ގޮތަކަށް ހަށިގަނޑު ރީތިކޮށްލި ފޮޓޯތަކެއް އާންމުކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ، އޭނާގެ އިންސްޓަގްރާމުގައި ހުރި ހުރިހާ ފޮޓޯއެއް ޑިލީޓްކޮށްލުމުން ސަޕޯޓަރުން ތިބީ ކަންބޮޑުވެފަ އެެވެ.

ހުރިހާ ފޮޓޯއެއް ޑިލީޓްކޮށްލުމަށް ފަހު، އޭނާ ޕޯސްޓްކުރީ "އަލްވިދާ" ޖަހާފައިވާ ޕޯސްޓެކެވެ. އެއީ "ގުޑް ބާއީ" އެވެ. އެއާއެކު ސަޕޯޓަރުން އަންނަނީ އަދުނާން ސާމީ މުޅިން ސޯޝަލް މީޑިއާ ދޫކޮށްލީތޯ ސުވާލު އުފައްދަމުންނެެވެ. އަދި އޭނާ އަށް ވީ ގޮތަކާ މެދު ފިކުރު ބޮޑުވެގެން އެ ޕޯސްޓަށް ގިނަ ބަޔަކު ކޮމެންޓްކުރި އެވެ.

ބައެއް މީހުން ވަނީ އާ ފެށުމެއް އިއުލާންކޮށް، އާ ލަވައެއް ނެރެން އުޅެނީތޯ ސުވާލު އުފައްދައިފަ އެވެ.

ޕާކިސްތާނަށް އުފަން އަދުނާން ސާމީ އަކީ މިހާރު އިންޑިއާގައި މަޝްހޫރު ލަވަކިޔުންތެރިއެކެވެ. އޭނާ މަޝްހޫރުވީ 2000 ވަނަ އަހަރުގައި ނެރުނު "ލިފްޓް ކަރްދޭ" ލަވައިންނެވެ. އަދުނާން ސާމީ ވަނީ 2016 ވަނަ އަހަރު އިންޑިއާ އަށް އެެއްކޮށް ބަދަލުވެފަ އެވެ. 2000 ވަނަ އަހަރު އޭނާގެ ބަރުދަނުގައި 230 ކިލޯ ހުރި ކަމަށް ވެ އެވެ.

އެކަމަކު މި ފަހުން ގިނަ ބައެއްގެ ސަމާލުކަން ލިބުނީ އޭނާ ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކުން ވަރަށް ބޮޑަށް ހިއްކާލާފައި ހުރި މަންޒަރު ފެނުމުންނެވެ.