"ދަބަންގް" އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ ސޮނާކްޝީ ސިންހާ އަކީ ފިލްމީ ދުނިޔެއަށް ނުކުތްތާ ކުރީކޮޅު ފަލަކަމުން ވަރަށް ގިނަ މީހުންގެ މަލާމާތާ ކުރިމަތިލާން ޖެހުނު ބަތަލާ އެކެވެ.

ކުރީގެ ފިލްމު އެކްޓަރު ޝަތުރޫގަން ސިންހާގެ އަންހެން ދަރިފުޅު ސޮނާކްޝީ މިހާރު ވަނީ ވަނީ އޭނާއަށް ފާޑުކިޔަމުންދިޔަ މީހުންގެ އަނގަތައް ބަންދުވާ ފަދަ ދަރަޖައަކަށް އޭނާގެ ބަރުދަން ލުއިކޮށްފަ އެވެ.

ބޮމްބޭ ޓައިމްސް އަށް ދީފައިވާ އިންޓަވިއުއެއްގައި ސޮނާކްޝީ ވަނީ އޭނާ ހިކެން ކުރި މަސައްކަތް ކިޔައިދީފަ އެވެ.

ސޮނާކްޝީ ކިޔައިދިން ކަންތައްތަކަކީ ވަރަށް އާދައިގެ ކަންކަމެވެ. އޭނާ ބުނި ގޮތުގައި ބަރުދަން ލުއިކުރުމަށް އޭނާ އެންމެ ފުރަތަމަ ކުރި ކަމަކީ ޖަންކް ފުޑް ކެއުން މުޅިން ހުއްޓާލުމެވެ.

އޭނާ ބުނި ގޮތުގައި "ނޫރް"ގެ ޝޫޓިން ފެށުމާ އެކު ކަސްރަތުކުރާނެ ވަގުތެއް އެއްގޮތަކަށް ވެސް ނުލިބުނެވެ. އެހެންވެ ކެއުމަށް ބަދަލެއް ގެންނަން ނިންމީ އެވެ.

ސޮނާކްޝީ ބުނި ގޮތުގައި އޭނާގެ މަންމަ ކައްކާ މީރު އެއްޗެހި އޭނާ އަބަދުވެސް ވަރަށް ކާހިތުން ކަ އެވެ. ނަމަވެސް އެ ކެއުން ކާން ފަށާއިރަށް އޭނާގެ ހަށިގަނޑުން ވެސް އެ ކަން ފެންނަން ފަށަ އެވެ. އެހެންވެ މަންމަ ކައްކާ އެއްޗެހި ކެއުން ހުއްޓާލައިފިކަމަށް ސޮނާކްޝީ ބުންޏެވެ.

ސޮނާކްޝީ ފަލަކަމުން މަލާމަތްކޮށް ސޯޝަލް މީޑިއާގައި ވެސް ވަރަށް ގިނަ މީހުން އޭނާއާ ވަރަށް ދިމާކުރެ އެވެ. ނަމަވެސް މަލާމާތްކުރާ މީހުންގެ ސަބަބުން ސޮނާކްޝީއަކަށް އަސަރެއް ނުކުރެ އެވެ. އޭނާ ބުނި ގޮތުގައި ހުރިހާ ނެގެޓިވް އެނާޖީއެއް އޭނާ ބްލޮކް ކޮށްލަނީ އެވެ. އަދި މީހުންގެ މަލާމާތަކަށް އޭނާ އެއްވެސް ވަރަކަށް ސަމާލުކަމެއް ނުދެ އެވެ.

"ސްކޫލްގައި އުޅުނުއިރުވެސް އަހަރެން ފަލަކަމުން ވަރަށް ގިނަ ކުދިން ބުލީކުރާނެ. ނަމަވެސް އަހަރެން ހުންނަނީ އަހަރެންގެ ގޮތުގައި. އަމިއްލަ ސިފައާ މެދު ފަޚުރުވެރިވެފައި. އަހަރެން ފިލްމު އިންޑަސްޓްރީއަށް ވަނީ 90 ކިލޯ އިން 60 ކިލޯއަށް ބަރުދަން ލުއިކުރުމަށްފަހު. ފިލްމު ކުޅެން ފެށުމުގެ ގޮތުން ހިކެން ޖެހުނީ އެއީ އެހެން މީހުންނަށް ދައްކަން ކުރާ ކަމަކަށް ވާތީ ސިފަ ރީތިކޮށް ހުރުމަކީ ވެސް މި މަސައްކަތަށް މުހިއްމު ކަމަކަށް ވާތީ،" ސޮނާކްޝީ ބުންޏެވެ.

ސޮނާކްޝީ ބުނި ގޮތުގައި އޭނާ ކިތަންމެ ފަލަޔަސް އޭނާގެ ފުރަތަމަ ފިލްމު "ދަބަންގް" އަކީ ވެސް ސުޕަހިޓެކެވެ. އެހެންވީމާ އެހެން މީހުން އޭނާ ހުންނާނެ ގޮތް ކިޔައިދޭކަށް ނުޖެހެ އެވެ.