ބޮލީވުޑްގެ މަޝްހޫރު ކޯރިއޯގްރާފަރު މިހާރު ފެންނަނީ އޭނާ ކުރިން ހުރި ސައިޒަށް ވުރެ ދެ ގުނަ ހިކިފައި ވަނިކޮށެވެ. އެހާ ކުއްލިއަކަށް އޭނާ މިހާ ބޮޑަށް ހިކުނީ ކިހިނެއް ހެއްޔެވެ؟
ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ ޑާންސް މާސްޓަރު ވަނީ މި ސުވާލުގެ ޖަވާބު ހިންދުސްތާން ޓައިމްސްއާ ހިއްސާ ކޮށްފަ އެވެ. އޭނާ ބުނާ ގޮތުގައި މިހާތަނަށް އޭނާގެ ހަށިގަނޑުން ވަނީ 85 ކިލޯ ލުއިވެފަ އެވެ.
ހިކެން ގަސްތުކުރި ސަބަބާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ގަނޭޝް ބުނީ އެކަން ކުރަން އޭނާއަށް ވަރަށް އުނދަގޫވި ކަމަށެވެ. ނަމަވެސް އޭނާގެ ހަށިގަނޑު މިހާރު ހުރި ގޮތަށް ބަދަލުކޮށްލެވުނީ ފާއިތުވީ ދޮޅު އަހަރެއްހާ ދުވަހު ކުރި ވަރަށް ބުރަ މަސައްކަތުން ކަމަށް ގަނޭޝް ބުންޏެވެ. ކުރިން ވެސް ވަރަށް ފަލަކޮށް ހުރި ގަނޭޝް 2015 ގައި އުފެއްދި "ހަލޯ ބްރޯ" ކުޅުމަށްޓަކައި އިތުރަށް 30-40 ކިލޯ ބަރުވި އެވެ. އެއާއެކު އޭނާގެ ބަރުދަން ގާތްގަނޑަކަށް 200 ކިލޯއަށް އެރި އެވެ. މިހާރު ކުރަމުން އަންނަނީ އެ ބަރުދަން ލުއިކުރުމުގެ މަސައްކަތް ކަމަށް ވެސް ގަނޭޝް ބުންޏެވެ.
ބެސްޓް ކޯރިއޮގްރަފީގެ ނެޝަނަލް އެވޯޑު 2013 ގައި ފިލްމު "ބާގް މިލްކާ ބާގް"ގެ "މަސްތޯންކާ ޖަންޑް" ގެ ނެށުން ތައްޔާރުކޮށްގެން ހޯދާފައިވާ ގަނޭޝް ބުނި ގޮތުގައި ބަރުދަން ލުއިކުރުމަށް އޭނާއަށް ހިތްވަރު ލިބުނީ މީހުންނަށް އޭނާގެ ތަފާތު ސޫރައެއް ދައްކާލުމަށް ކަނޑައެޅި އަޒުމުގެ ސަބަބުން ކަމަށެވެ. އެކަމަށް އަޒުމު ކަނޑައަޅައިގެން ގަދަ ހިތްވަރާއެކު މަސައްކަތް ކުރީ ކަމަށް އޭނާ ބުންޏެވެ.
މީހުންނަށް ކުރިން އަބަދުވެސް ފެނިފައިވަނީ ގަނޭޝް އަޗާރިޔާ ވަރަށް ފަލަ މީހެއްގެ ގޮތުގަ އެވެ. އެހެންވޭ އޭނާ ބޭނުންވީ އެ އިމޭޖް ބަދަލުކޮށްލާށެވެ. އެގޮތުން ކުރިން މަސައްކަތުން މިހާރު ވަނީ ގާތްގަނޑަކަށް 85 ކިލޯ ލުއިކޮށްލާފަ އެވެ.
ބުރަ މަސައްކަތުން ނަމަވެސް މި އަމާޒަށް ވާސިލު ވެވުނީތީ ގަނޭޝް އުފާކުރެ އެވެ. ސަބަބަކީ އޭގެ ތަފާތު އޭނާއަށް ވެސް އިހްސާސް ކުރެވޭތީ އެވެ. އެންމެ ފަލަކޮށް ހުރިއިރު ވެސް ގަނޭޝް އަކީ މޮޅަށް ނަށާ މީހެކެވެ. ނަމަވެސް ބަރުދަން ލުއިވުމުން އިތުރު ހަކަތަ ލިބި އޭނާގެ ނެށުމަށް ވެސް އިތުރު ފުރިހަމަކަމެއް ލިބިފައިވާކަމަށް ގަނޭޝް ގަބޫލުކުރެ އެވެ.
މަރާޓީ ފިލްމަކާ އެކު ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތަށް ނުކުމެފައިވާ ގަނޭޝް މިހާރު ރާވާފައިވަނީ އޭނާ ބަރުދަން ލުއިކުރި ގޮތާ ބެހޭ ގޮތުން ވީޑިއޯއެއް ތައްޔާރުކޮށް ނެރުމަށެވެ.