ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "އަހަރެންގެ ބޭންކު" ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް އިތުރު ފަސް ރަށަކަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމަށް އެ ބޭންކުން ތައާރަފު ކުރި ފަންޑެކެވެ. މި ފަންޑުން މިދިޔަ ކުއާޓަރުގައި ވެސް ވަނީ ފަސް ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ދެވަނަ ކުއާޓާގައި ކޮމިއުނިޓީ ފަންޑުން އެހީވާ ޕްރޮޖެކްޓުތައް:
-ރ. ކިނޮޅޮހުގެ ވޭސްޓު މެނޭޖްމަންޓް ސިސްޓަމުގައި ހިމެނޭ އެކި ބާވަތުގެ ކުނި ވަކިކުރުމުގެ ނިޒާމެއް ގާއިމުކުރުން.
- ބ. ގޮއިދޫގައި އާންމުން ބޭނުންކުރާނެ ހިތްފަސޭހަ މައިޒާނެއް ގާއިމުކުރުން.
- ގއ. ކޮލަމާފުށީގެ ސްކޫލުގައި އާރުއޯ ޕްލާންޓް ބޭނުންކޮށްގެން ދަރިވަރުންނަށް ބޯފެން ފޯރުކޮށްދިނުން.
- ގދ. ނަޑެއްލާގައި ސޯލާ ބައްތި ހިމަނައިގެން ނޭޗާ ޕާކެއް ތަރައްގީކުރުން.
- ފުވައްމުލަކުގެ ޕަބްލިކް ލައިބްރަރީ އަށް ފޮތް ހަދިޔާކުރުން.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، މި އަހަރުގެ ދެވަނަ ކުއާޓަރުގައި ވެސް ކޮމިއުނިޓީ ފަންޑަށް ގިނަ އދަދެއްގެ ޕްރޮޕޯޒަލް ލިބުނު ކަމަށެވެ. މިފަދަ ޕްރޮޖެކްޓުތަކަށް އެހީވުމަކީ ބޭންކަށް ލިބޭ އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ފިޔަވަހީގައި ހޮވިގެން ދިޔަ ފަސް ޕްރޮޖެކްޓާއެކު މި ފަންޑުގެ ދަށުން މިހާތަނަށް މިވަނީ 30 ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެވިފައި. ޖަމިއްޔާތަކުންނާއި އާންމު ފަރުދުންގެ ފަރާތުން ރަށްރަށަށް ބޭނުންތެރި މިފަދަ ޕްރޮޖެކްޓްތައް ނިންމަން ކުރާ ބުރަ މަސައްކަތްތައް ފާހަނގަކޮށް އެ ފަރާތްތަކަށް ޝުކުރު ދަންނަވަން،" ސައީދު ވިދާޅުވިި އެވެ.
"އަހަރެންގެ ބޭންކު" ފަންޑުން މިއަހަރު ތިން ފިޔަވައްސަކަށް ބަހާލައިގެން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާނެ އެވެ. މީގެ ތެރެއިން ދެ ފިވަހީގައި ހުށަހެޅި ޕްރޮޕޯޒަލްތަކުގެ ތެރެއިން 10 ޕްރޮޖެކްޓަކަށް އެހީވެފައިވާއިރު ތިންވަނަ ފިޔަވހީގައި ވެސް 10 ޕްރޮޖެކްޓު ހިންގުމަށް އެހީވާނެ އެވެ.