ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީއާ އެކު ތ. ވިލުފުށި ބަނދަރު ސަރަހައްދުގައި އައުޓްޑޯ ޖިމެއް ހަދައި ހުޅުވައިފި އެވެ.

މި ޖިމް ހަދާފައިވަނީ އެ ރަށުގެ ކައުންސިލުން ބަނދަރުގައި ތަރައްގީކުރާ ޕާކުގެ ބައެއްގެ ގޮތުގަ އެވެ. ޖިމާއެކު، ކުޑަކުދިން ކުޅޭ އޭރިޔާ އާއި ސްކޭޓް އޭރިޔާ އަދި ޕްލޭ ހިލްއަކާއި މަސްފެންގަނޑެއް ތަރައްގީ ކޮށްފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

މިއީ ބީއެމްއެލް އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ. ބީއެމްއެލް އިން ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާފައިވާ މިފަދަ އެކި ޕްރޮޖެކްޓުތަކަށް އެހީވެފަ އެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ވިލުފުށީގައި ހުޅުވި ޖިމްގައި ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ދުޅަހެޅޮ ސިއްހަތެއްގައި ތިބުމަށް ބޭނުން ކުރެވޭނެ އިކުއިޕްމަންޓު ހުންނާނެ ކަމަށެވެ. އެހެންކަމުން މި ޖިމުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި އެ ރަށުގެ ރައްޔިތުން ހިފާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮމިއުނިޓީ ފަންޑުގެ ދަށުން ގާއިމްކުރެވުނު މި ޖިމަކީ ވިލުފުށީގެ ކުދި ބޮޑު އެންމެންނަށް ވެސް ދުޅަހެޅޮ ސިއްހަތެއްގައި ހުރުމަށްޓަކައި ބޭނުން ކުރެވޭނެ އިކުއިޕްމަންޓާއެކު ގާއިމް ކުރެވިފައިވާ ތަނެއް. ހަށިހެޔޮ އަދި ދުޅަހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމަށް އެކި ހަރަކާތްތައް ހިންގުމަކީ އަޅުގަނޑުމެން ސީއެސްއާރު ސްޓްރެޓެޖީގެ މުހިންމު އެއް ބައި،" ސައީދު ވިދާޅުވި އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު ވިލުފުށީގައި ތަރައްގީ ކުރި ޖިމް-- ފޮޓޯ: ބީއެމްއެލް
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު ވިލުފުށީގައި ތަރައްގީ ކުރި ޖިމް-- ފޮޓޯ: ބީއެމްއެލް

ބީއެމްއެލުން މި ޕްރޮޖެކްޓު ކުރިއަށް ގެންގޮސްފައިވަނީ ވިލުފުށީގެ ވަސަނަ ޖަމިއްޔާއާ ގުޅިގެންނެވެ. އެ ޖަމިއްޔާ އިން ބުނި ގޮތުގައި އެ ރަށަކީ ސުނާމީގައި ލިބުނު ބޮޑެތި ގެއްލުންތަކަށް ފަހު އަލުން ތަރައްގީ ކޮށްފައިވާ ރަށަކަށް ވުމުން މާބޮޑު ހުސްޖާގައެއް ނޯންނާތީ ކަސްރަތު ކުރުމާއި ކުދި ބޮޑު އެންމެން ހެލިފެލިވެ އުޅޭނެ ޖާގައެއް ނޯންނަ ކަމަށެވެ. އެހެންވެ އެ ޖަމިއްޔާގެ ހިޔާލާއެއްގޮތަށް ޖިމެއް ތަރައްގީ ކުރުމަށް ބީއެމްއެލް ކޮމިއުނިޓީ ފަންޑުން އެހީވުމަކީ ރަށަށް ލިބުނު ކުރިއެރުމެއް ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.

ކޮމިއުނިޓީ ފަންޑުން އެހީވާ ޕްރޮޖެކްޓުތައް ހޮވަނީ ކޮންމެ ކުއާޓާއެއްގައި އެ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން މުޖުތަމަަށް އެންމެ ފައިދާ ހުރި ޕްރޮޖެކްޓުތައް ބަލައިގެންނެވެ. އެހެންކަމުން އަމިއްލަ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކަށް ވާން ޖެހޭނެ އެވެ.

މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުމަށް ބީއެމްއެލުން ވަނީ ތިން ފިޔަވައްސަކަށް ބަހާލައިފަ އެވެ. އެގޮތުން، ފުރަތަމަ ދެ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވުމަށް ހަމަޖެހިފައިވާއިރު ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލެއް ހޮވާނެ އެވެ. ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި ކޮމިއުނިޓީ ފަންޑުން 50,000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފަ އެވެ.