ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފެށި "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ ދަށުން ހދ. ނެއްލައިދޫގައި ކޮމިއުނިޓީ ޕާކެއް އިއްޔެ ހުޅުވައިފި އެވެ.
މި ފަންޑު އިފްތިތާހު ކުރުމަށް ފަހު، ފުރަތަމަ ކުއާޓަރުގައި ފަސް ޕްރޮޖެކްޓެއް ހިންގުމަށް ބީއެމްއެލުން ވަނީ އިއުލާންކޮށްފަ އެވެ. މި ފަސް ޕްރޮޖެކްޓަކީ ވެސް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅައިގެން ހޮވިފައިވާ ފަސް ޕްރޮޖެކްޓެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ކޮންމެ ކުއާޓަރެއްގައި ވެސް ޕްރޮޕޯސަލް ހުށަހެޅޭނެ އެވެ. އެގޮތުން ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމު އަދި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކަށް ވާން ޖެހޭނެ އެވެ.
ކޮންމެ ކުއާޓަރެއްގައި ވެސް އެކި ރަށްތަކުން ހުށަހަޅާ މިފަދަ ޕްރޮޖެކްޓުތަކުގެ ތެރެއިން ފަސް ޕްރޮޖެކްޓެއް ހޮވާލައި އެ މަސައްކަތަށް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން 50،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅައިފަ އެވެ.
ބީއެމްއެލް ހިންގެވުމާ ހަވާލުވެ ހުންނެވި، އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އެކި ރަށްތަކުގައި ހިންގާ ޕްރޮޖެކްޓުތަކުގެ ސަބަބުން ބީއެމްލް އިން ރައްޔިތުންނަށް ކޮށްދެމުން އަންނަ ކަންތައްތަކަށް އިތުރު ފުރިހަމަ ކަމެއް ލިބިފައިވާ ކަމަށެވެ. މި ފަންޑުގެ ދަށުން މި އަހަރު ނިމޭއިރު އެއް މިލިއަން ރުފިޔާ ދޫކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބީއެމްއެލް ކޮމިއުނިޓީ ފަންޑާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓުތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވި، މުޖުތަމައުގެ ކުރިއެރުމަށާއި ލާބަ އަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް މިވަނީ އިތުރުވެގެން ގޮސްފައި. މި ގޮތުން މިއަހަރު ނިމޭއިރު އެއް މިލިއަން ރުފިޔާ މި ފަންޑުގެ ދަށުން ދޫކުރެވިގެންދާނެ. އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް ހުރި ކުއާޓަރުތަކުގައި ވެސް ވީހާ ވެސް ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބިގެން ދިޔުން،" އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.
ބީއެމްއެލް އިން ވަނީ މިދިޔަ އަހަރު "އަހަރެންގެ ބޭންކް"ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމެއް ވެސް ކުރިޔަށް ގެންގޮސްފަ އެވެ. އެގޮތުން މި ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޖުމްލަ 110 ޕްރޮޖެކްޓަކަށް އެ ބޭންކުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.