ލަންޑަން (އޮގަސްޓް 30) - އިންގްލެންޑާއި މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ވޭން ރޫނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ޖެހޭ ކަމަށް ކުރީގެ އިންގްލެންޑް ޓީމުގެ ކެޕްޓަން އެލަން ޝިއާރާ ބުނެފި އެވެ.
އުމުރުން 30 އަހަރުގެ ރޫނީ އަކީ އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާ އެވެ. އިންގްލެންޑުގެ އާ ކޯޗު ސޭމް އެލަޑައިސް ނެގި ފުރަތަމަ އިންގްލެންޑު ސްކޮޑުގައި ރޫނީ ހިމަނާފައިވަނީ މިޑްފީލްޑަރެއްގެ ގޮތުގަ އެވެ. އަދި އެލަޑައިސް ވަނީ ޓީމުގެ ކެޕްޓަންކަން ރޫނީ އަތުން ނުނަގާނެކަމަށް ބުނެފަ އެވެ.
ނިއުކާސަލް ޔުނައިޓެޑާއި ބްލެކްބާނަށް ކުރިން ކުޅުނު ޝިއާރާ ބުނީ ފުޓްބޯޅަ ކެރިއަރު އެއް ފެންވަރެއްގައި ކުރިއަށް ގެންދަން ރޫނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ޖެހޭ ކަމަށެވެ.
"މިއީ ރޫނީ އަމިއްލަ އެދުން އިސްކުރަންވީ ވަގުތު. މިހާރު ވިސްނަންވީ އަމިއްލަ ނަފްސާ މެދު. ގައުމީ ޓީމަށް ކުޅުން ހުއްޓާލައިގެން ނޫނީ ރޫނީ އަށް އެއް ފެންވަރެއްގައި ކުޅުން ނުހިފެހެއްޓޭނެ. އޮތް ހައްލަކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުން،" ޝިއަރާ ބުންޏެވެ.
ޝިއަރާ ބުނީ ރޫނީ މިހާރު އެހުރި ހާލަތުގައި އޭނާ ވެސް ކުރިން ހުރި ކަމަށެވެ.
"އަހަރެން 2000 ވަނަ އަހަރު ގައުމީ ޓީމުން ރިޓަޔަކުރިއިރު އަހަރެންގެ އުމުރަކީ 29 އަހަރު. ވަރަށް ގިނަ މީހުން ބުނި އަހަރެން އަމިއްލަ އެދުން ބޮޑު ކަމަށް. އެކަމަކު އަހަރެންގެ އުމުރުން 36 އަހަރު ވަންދެން އަހަންނަށް ކުޅެވުނީ ގައުމީ ޓީމަށް ކުޅުން ކުރިން ހުއްޓާލުން. އަނިޔާގެ މައްސަލަތައް ދިމާވާ ކުޅުންތެރިންނަށް މިއީ ހައްލަކީ. ޕްރިމިއާ ލީގަކީ ފިޒިކަލް ލީގެއްކަން ހަނދާނުގައި ބަހައްޓަން ޖެހޭ،" ޝިއަރާ އޭނާގެ ފުޓްބޯޅަ ކެރިއަރުގެ ފަހު ދުވަސްތަކާ ގުޅޭގޮތުން ބުންޏެވެ.
ރޫނީ އަންނަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އިންގްލެންޑުގެ ކެޕްޓަންކަން ކުރަމުންނެވެ. އޭނާގެ ކެޕްޓަން ކަމުގައި އިންގްލެންޑުން ޔޫރޯ ކޮލިފައިންގެ ހުރިހާ މެޗެއް ނިންމާލީ ބަލިނުވެ އެވެ. އެހެން ނަމަވެސް ޔޫރޯ ފުޓްބޯޅަ މުބާރާތުން އިންގްލެންޑު ކެޓީ ދެ ވަނަ ބުރުގައި އައިސްލެންޑް އަތުންނެވެ.