ބެންކޮކް (އޮގަސްޓް 27) - ބޮޑު ވަޒީރުކަމުގެ ދުވަސްވަރު ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަނުގެ މައްސަލައިގެ ހުކުމް ސުޕްރީމް ކޯޓުން އިއްވަން ތައްޔާރުވެފައި ވަނިކޮށް ތައިލެންޑުގެ ކުރީގެ ބޮޑު ވަޒީރު ޔިންގްލަކް ޝިނަވަޓްރާ ފިއްލެވި މައްސަލައިގައި އެ ގައުމުގެ ސަރުކާރަށް ޕްރެޝަރު ބޮޑުކޮށްފި އެވެ.
ތަޖްރިބާކާރުން ބުނަނީ ސަރުކާރުގެ އަތެއް ނެތި ޔިންގްލަކް އަށް ފިއްލެވުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. އަދި ސަރުކާރާ އެކު ސިއްރު ޑީލެއް ހެއްދެވީ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ. ތައިލެންޑުގެ އަސްކަރީ ސަރުކާރުން ބުނަނީ އެކަމަނާ ފިއްލެވި ގޮތެއް ނޭނގޭ ކަމަށެވެ. ޔިންގްލަކުގެ ޕާޓީން ބުނެފައި ވަނީ އެކަމަނާ މިހާރު ހުންނެވީ ދުބާއީގައި ކަމަށެވެ. ޕާޓީން ބުނެފައި ވަނީ ޔިންގްލަކް އަށް ކޯޓަށް ވަޑައިނުގެންނެވުނީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވާތީ ކަމަށެވެ.
ޔިންގްލަކުގެ ސަރުކާރު ވައްޓާލަން 2014 ވަނަ އަހަރު ކުރި މުޒާހަރާތަކުގައި އިސްކޮށް އުޅުނު ލީޑަރެއް ކަމަށްވާ ޕަންތެޕް ޕުއަޕޮންގްޕަން ބުނީ އެކަމަނާ ވަޑައިގަންނަވާ ކޮންމެ ތަނަކަށް ސިފައިން ފަހަތުން ގޮސް ފޮޓޯ ނަގާ، ވީޑިއޯ ކުރާ އިރު އެކަމަނާ ގައުމު ދޫކުރައްވާ ވަޑައިގެންނެވި ގޮތަކާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެކަމަނާ ފިއްލެވުމަށް އެހީވި ފަރާތްތައް ހޯދާ އެ ފަރާތްތަކަށް އަދަބު ދިނުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.
ޔިންގްލަކު ފިއްލެވި ގޮތާ ބެހޭ ގޮތުން ތައިލެންޑުގެ ބައެއް މީޑިއާތަކުން ބުނެފައި ވަނީ އެކަމަނާ ކަނޑުމަގުން ނުވަތަ އެއްގަމު މަގުން ކެމްބޯޑިއާ އަށް ވަަޑައިގެން އޭގެ ފަހުން ސިންގަޕޫރަށް ވަޑައިގެންނެވީ ކަމަށެވެ. ތައިލެންޑް ސަރުކާރުން ވެސް މިހާރު ބުނަނީ ޔިންގްލަކު ހުންނެވީ ދުބާއީގައި ކަމަށް ބުނެފަ އެވެ. އެކަމަނާގެ ބޭބެ އަދި ކުރީގެ ބޮޑު ވަޒީރު ތަކްސިން ޝިނަވަޓްރާ ވެސް ދިރިއުޅުއްވަނީ ދުބާއީގަ އެވެ. ތަކްސިންގެ ސަރުކާރު ވެސް ވަނީ ސިފައިން ނުކުމެ 2006 ވަނަ އަހަރު ވައްޓާލައިފަ އެވެ. އަދި ކޮރަޕްޝަނުގެ ކުށުގައި ހުކުމްކޮށްފާނެތީ، އޭގެ ދެ އަހަރު ފަހުން ތަކްސިން ވަނީ ގައުމު ދޫކުރައްވާ ވަޑައިގެންފަ އެވެ.
ޔިންގްލަކުގެ މައްޗަށް ވަނީ ވެރިކަމުގެ ދުވަސްވަރުގެ ހަނޑުލުގެ ސަބްސިޑީ ސްކީމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ޔިންގްލަކް ވިދާޅުވެފައި ވަނީ ހަނޑުލުން ސަބްސިޑީ ދިނުމުގައި އެކަމަނާ އެއްވެސް ނާޖާއިޒް ފައިދާއެއް ނަންގަވާފައި ނުވާނެ ކަމަށެވެ. ނަމަވެސް އެކަމަނާގެ މައްޗަށް ދައުވާ ކުރަނީ އެ މައްސަލައިގައި ބޮޑު ވަޒީރުގެ އިހުމާލު އޮތް ކަމަށް ބުނެ އެވެ.
ޔިންގްލަކްގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ. އަދި ސިޔާސީ ހަރަކާތްތަކުގައި އުޅުން އުމުރަށް މަނާކުރުން ހިމެނެ އެވެ.
ތައިލެންޑުގެ ފުރަތަމަ އަންހެން ބޮޑު ވަޒީރުކަމުގެ މަގާމަށް ޔިންގްލަކް ވަޑައިގެންނެވީ 2011 ވަނަ އަހަރު އެވެ. އެކަމަކު ހަނޑުލުގެ ސަބްސިޑީ މައްސަލައިގައިި އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން ތައިލެންޑުގެ އަސްކަރިއްޔާ އިން ވަނީ އެކަމަނާގެ ސަރުކާރު މެއި 2014 ގައި ވައްޓާލައިފަ އެވެ.
ޔިންގްލަކްގެ ވެރިކަމުގައި ހަނޑުލުގެ ސަބްސިޑީ ދޭން ފެށީ ދަނޑުވެރިންގެ އާމްދަނީ މަތިކޮށް ރަށްފުށުގެ ފަގީރު ހާލަތު ރަނގަޅު ކުރުމަށެވެ. މާކެޓް އަގަށް ވުރެ ދެ ގުނަ ބޮޑުކޮށް ދަނޑުވެރިންނަށް ސަބްސިޑީ ދީފައިވެ އެވެ. އެކަމުގެ ސަބަބުން ތައިލެންޑުގެ ހަނޑޫ އެކްސްޕޯޓް ވަރަށް ބޮޑަށް ދަށްވެ ސަރުކާރަށް އަށް ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ކަމަށް ބުނެފައިވެ އެވެ.
ޝަރީއަތުގެ މަރުހަލާގައި ޔިންގްލަކް ވިދާޅުވެފައި ވަނީ އެ ސްކީމް ދުވަހުން ދުވަހަށް ހިންގުމުގައި އެކަމަނާ ބައިވެރިވެފައި ނުވާނެ ކަމަށެވެ. އަދި މިއީ ސިޔާސީ ގޮތުން ކުރާ ދައުވާއެއް ކަމަށް އެކަމަނާ ވަނީ ވިދާޅުވެފަ އެވެ.