ބެންކޮކް (ސެޕްޓެމްބަރު 27) - ވެރިކަމުގެ ދުވަސްވަރުގެ ހަނޑުލުގެ ސަބްސިޑީ ސްކީމް ހިންގުމުގައި އިހުމާލުވެފައިވާ ކަމަށް ކަނޑައަޅައި ތައިލެންޑުގެ ކުރީގެ ބޮޑު ވަޒީރު ޔިންގްލަކް ޝިނަވަތުރާ ފަސް އަހަރަށް ޖަލަށްލާން މިއަދު ހުކުމްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ފަނޑިޔާރުން ފާހަގަކޮށްފައިވާ ގޮތުގައި ހަނޑުލުގެ ސަބްސިޑީ ސްކީމުން ތައިލެންޑަށް 8 ބިލިއަން ޑޮލަރުގެ ގެއްލުންވެފައިވެ އެވެ. އަދި ހަނޑުލުމުގެ ސްކީމުން ނާޖާއިޒް ފައިދާ ނަގަމުން ދިޔައިރު އެކަން ހުއްޓުވަން އެކަމަނާ މަސައްކަތް ކޮށްފައި ނުވާ ކަމަށް ވެސް ފަނޑިޔާރުން ފާހަގަކޮށްފައިވެ އެވެ.
މި މައްސަލައިގައި ހުކުމް އިއްވަން ތައްޔާރުވެފައި ވަނިކޮށް ޝިނަވަތުރާ ވަނީ ގައުމުން ފުރާވަޑައިގެންފަ އެވެ. އެހެންވެ މިއަދު ހުކުމް އިއްވީ އެކަމަނާގެ ޣައިރު ހާޒިރުގަ އެވެ.
މި މައްސަލައިގެ ކުރީގެ އަޑުއެހުންތަކުގައި ޝިނަވަތުރާ ވިދާޅުވެފައި ވަނީ ހަނޑުލުން ސަބްސިޑީ ދިނުމުގައި އެކަމަނާ އެއްވެސް ނާޖާއިޒް ފައިދާއެއް ނަންގަވާފައި ނުވާނެ ކަމަށެވެ. އަދި އެ ސްކީމް ދުވަހުން ދުވަހަށް ހިންގުމުގައި އެކަމަނާ ބައިވެރިވެފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ތައިލެންޑުގެ ފުރަތަމަ އަންހެން ބޮޑު ވަޒީރުކަމުގެ މަގާމަށް ޝިނަވަތުރާ ވަޑައިގެންނެވީ 2011 ވަނަ އަހަރު އެވެ. އެކަމަކު ހަނޑުލުގެ ސަބްސިޑީ މައްސަލައިގައިި އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން ތައިލެންޑުގެ އަސްކަރިއްޔާ އިން ވަނީ އެކަމަނާގެ ސަރުކާރު މެއި 2014 ގައި ވައްޓާލައިފަ އެވެ.
ޝިނަވަތުރާގެ ވެރިކަމުގައި ހަނޑުލުގެ ސަބްސިޑީ ދޭން ފެށީ ދަނޑުވެރިންގެ އާމްދަނީ މަތިކޮށް ރަށްފުށުގެ ފަގީރު ހާލަތު ރަނގަޅު ކުރުމަށެވެ. މާކެޓް އަގަށް ވުރެ ދެ ގުނަ ބޮޑުކޮށް ދަނޑުވެރިންނަށް ސަބްސިޑީ ދީފައިވެ އެވެ. އެކަމުގެ ސަބަބުން ތައިލެންޑުގެ ހަނޑޫ އެކްސްޕޯޓް ވަރަށް ބޮޑަށް ދަށްވެ ސަރުކާރަށް އަށް ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ކަމަށް ބުނެފައިވެ އެވެ.