ބެންކޮކް (އޮގަސްޓް 26) - ވެރިކަމުގެ ދުވަސްވަރުގެ ހަނޑުލުގެ ސަބްސިޑީ ސްކީމުގައި ހިންގާފައިވާ ކޮރަޕްޝަނުގެ ހުކުމް ސުޕްރީމް ކޯޓުން އިއްވަން ތައްޔާރުވެފައި ވަނިކޮށް ތައިލެންޑުގެ ކުރީގެ ބޮޑު ވަޒީރު ޔިންގްލަކް ޝިނަވަތުރާ ގައުމުން ފުރާވަޑައިގެންފި އެވެ.
އެކަމަނާގެ ވަކީލުން ބުނެފައި ވަނީ ޔިންގްލަކް އަށް ކޯޓަށް ވަޑައިނުގެންނެވުނީ ބަލި ހާލަތު ހުރި ގޮތުން ކަމަށެވެ. އަދި މައްސަލަ ފަސްކޮށް ދިނުމަށް ވަކީލް ވަނީ ކޯޓުގައި އެދިފަ އެވެ. ސުޕްރީމް ކޯޓުން ބުނެފައި ވަނީ ޔިންގްލަކް ބަލިވެ އުޅޭކަމުގެ އެއްވެސް ރަސްމީ ސެޓްފިކެޓަށް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އެކަމަނާ ކޯޓަށް ވަޑައިނުގަތުމުން މިހާރު ވަނީ އެ މައްސަލައިގެ ހުކުމް ކުރުން އަންނަ މަހު 27 އަށް ތާވަލްކޮށްފަ އެވެ.
ޔިންގްލަކް ވިދާޅުވެފައި ވަނީ ހަނޑުލުން ސަބްސިޑީ ދިނުމުގައި އެކަމަނާ އެއްވެސް ނާޖާއިޒް ފައިދާއެއް ނަންގަވާފައި ނުވާނެ ކަމަށެވެ. ނަމަވެސް އެކަމަނާގެ މައްޗަށް ދައުވާ ކުރަނީ އެ މައްސަލައިގައި ބޮޑު ވަޒީރުގެ އިހުމާލު އޮތް ކަމަށް ބުނެ އެވެ.
ޔިންގްލަކްގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ. އަދި ސިޔާސީ ހަރަކާތްތަކުގައި އުޅުން އުމުރަށް މަނާކުރުން ހިމެނެ އެވެ.
ޔިންގްލަކްގެ ޕާޓީން ބުނެފައި ވަނީ އެކަމަނާ ގައުމުން ބޭރަށް ވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ވަޑައިގެންނެވި ގައުމު ހާމަކޮށްފައެއް ނުވެ އެވެ.
ތައިލެންޑުގެ އަސްކަރީ ބޮޑު ވަޒީރު ޕްރަޔުތު ޗާން-އޮޗާ ވިދާޅުވެފައި ވަނީ ޔިންގްލަކް ކޯޓަށް ހާޒިރު ނުވާކަން އެނގިވަޑައިގެންފައިވާ ކަމަށާއި އެހެންވެ ގައުމުން ނުކުމެވެން ހުރި ހުރިހާ ދިމާތަކެއް މޮނިޓާ ކުރުމަށް އަންގަވަފާއިވާ ކަމަށެވެ.
ތައިލެންޑުގެ ފުރަތަމަ އަންހެން ބޮޑު ވަޒީރުކަމުގެ މަގާމަށް ޔިންގްލަކް ވަޑައިގެންނެވީ 2011 ވަނަ އަހަރު އެވެ. އެކަމަކު ހަނޑުލުގެ ސަބްސިޑީ މައްސަލައިގައިި އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން ތައިލެންޑުގެ އަސްކަރިއްޔާ އިން ވަނީ އެކަމަނާގެ ސަރުކާރު މެއި 2014 ގައި ވައްޓާލައިފަ އެވެ.
ޔިންގްލަކްގެ ވެރިކަމުގައި ހަނޑުލުގެ ސަބްސިޑީ ދޭން ފެށީ ދަނޑުވެރިންގެ އާމްދަނީ މަތިކޮށް ރަށްފުށުގެ ފަގީރު ހާލަތު ރަނގަޅު ކުރުމަށެވެ. މާކެޓް އަގަށް ވުރެ ދެ ގުނަ ބޮޑުކޮށް ދަނޑުވެރިންނަށް ސަބްސިޑީ ދީފައިވެ އެވެ. އެކަމުގެ ސަބަބުން ތައިލެންޑުގެ ހަނޑޫ އެކްސްޕޯޓް ވަރަށް ބޮޑަށް ދަށްވެ ސަރުކާރަށް އަށް ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ކަމަށް ބުނެފައިވެ އެވެ.
ޝަރީއަތުގެ މަރުހަލާގައި ޔިންގްލަކް ވިދާޅުވެފައި ވަނީ އެ ސްކީމް ދުވަހުން ދުވަހަށް ހިންގުމުގައި އެކަމަނާ ބައިވެރިވެފައި ނުވާނެ ކަމަށެވެ. އަދި މިއީ ސިޔާސީ ގޮތުން ކުރާ ދައުވާއެއް ކަމަށް އެކަމަނާ ވަނީ ވިދާޅުވެފަ އެވެ.