ކުރިއަށް އޮތް ވޯލްޑް ކަޕްގައި އިރާން ބައިވެރިވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ފެބްރުއަރީ 28 ގައި ފެށި ހަނގުރާމައަށް ދާއިމީ ސުލްހައެއް އަދިވެސް ފެންނާކަށް ނެތެވެ. އަދި އެމެރިކާގައި އިރާންގެ ކުޅުންތެރިންނަށް ރައްކާތެރި މާހުލެއް އޮތްކަމުގެ ޔަގީންކަން ނެތުމުން، އިރާންގެ މެޗުތައް މެކްސިކޯއަށް ބަދަލުކޮށްދިނުމަށް ފީފާގައި އެ ގައުމުން އެދުނެވެ.

އެކަމަކު އިރާންގެ އެ އެދުން ފީފާއިން ބަލައެއް ނުގަތެވެ. ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖްގައި އިރާން ކުޅޭ ތިން މެޗު ވެސް ކުޅެން ހަމަޖެހިފައި ވަނީ އެމެރިކާގެ ފަސްގަނޑުގަ އެވެ. ވޯލްޑް ކަޕަށް އިރާން ދާނެކަމުގެ ޔަގީންކަމެއް އެ ގައުމަކުން އަދި ނުދެ އެވެ.

އިރާނުގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު ދުންޔަމާލީ މީގެ ކުރިން ވިދާޅުވީ ވޯލްޑް ކަޕްގައި ވާދަކުރާނެ މާހުލެއް މިހާރު ނެތް ކަމަށެވެ. 

"(އެމެރިކާ އާއި އިޒްރޭލުން ކޮންޓްރޯލް ކުރާ) މި ކޮރަޕްޓް ނިޒާމުން ވަނީ އަހަރެމެންގެ ލީޑަރު [އަލީ ހާމަނައީ] އަވަހާރަކޮށްލާފައި. މިފަދަ ހާލަތެއްގައި ވޯލްޑް ކަޕް ކުޅޭނެ އެއްވެސް ޖާގައެއް ނެތް،" ދުންޔަމާލީ މިދިޔަ މަހު ވިދާޅުވި އެވެ.

އެކަމަކު އިއްޔެ އިންފަންޓީނޯ ވިދާޅުވީ އިރާން ވޯލްޑް ކަޕްގައި ކުޅޭނެ ކަމަށެވެ. 

"އިރާން އަންނަންޖެހޭނެ. އެއީ ޝައްކެއް އޮތް ކަމެއް ނޫން. އެމީހުން އެ ތަމްސީލުކުރަނީ އެ ގައުމުގެ ރައްޔިތުން. އެމީހުން ވަނީ ކޮލިފައިވެފައި. ކުޅުންތެރިން ބޭނުންވަނީ ކުޅެން،" އެމެރިކާގެ ސީއެންބީސީއަށް ދިން އިންޓަވިއުގައި އިންފަންޓީނޯ ވިދާޅުވި އެވެ.

ނަމަވެސް އިރާނުގެ ސިޔާސީ މަސްރަހު މިވަގުތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގަ އެވެ. މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާއެއްގައި އިރާންގެ އެންމެ މަތީ ލީޑަރު އަލީ ހާމަނާއީ އަވަހާރަކޮށްލާފައިވާތީ، އެމެރިކާ އާއި އިރާނުގެ ގުޅުން ވަނީ މިއިން ދުވަހަކު ގޯސް ނުވާވަރަށް ގޯސްވެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި މައްސަލައިގައި ވިދާޅުވެފައި ވަނީ، އިރާންގެ ޓީމަށް އެމެރިކާއިން މަރުހަބާ ކިޔާނެ ކަމަށެވެ. ނަމަވެސް މަސްރަހު އޮތްގޮތުން ކުޅުންތެރިންގެ ސަލާމަތަށްޓަކައި އެ ގައުމުން މުބާރާތަށް އައުމަކީ އެމީހުންގެ އަމިއްލަ ފުރާނައާއި ސަލާމަތަށް އެންމެ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ކުރެއްވި އެ ޕޯސްޓަކީ އިންޒާރެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ. އެކަމަކު އެ ހުރިހާ ހުރަސްތަކާއެކު ވެސް އިންފަންޓީނޯ އުންމީދު ކުރައްވަނީ އިރާން ވޯލްޑް ކަޕްގައި ވާދަކުރާނެ ކަމަށެވެ.