ދުނިޔެ ހޫނުވުމުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، ތިމާވެއްޓާ ރަހުމަތްތެރި ހަކަތައިގެ ބާވަތެއް ބޭނުންކޮށްގެން މަތިންދާބޯޓު ދުއްވޭނެ މަޝްރޫއެއްގެ މަސައްކަތް އެމެރިކާ ސަރުކާރުން ފަށައިގެން ކުރިއަށް ގެންދާ ކަމަށް ރޮއިޓާސް ނިއުސް އޭޖެންސީން ބުނެފި އެވެ.

ކަމުގެ މައުލޫމާތު ލިބި ހުރި ފަރާތަކާ ހަވާލާދީ، ރޮއިޓާސް އިން ބުނި ގޮތުގައި، އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އަމާޒަކީ، ބިމު އަޑިން ނަގާ ތެލުގެ ބާވަތްތައް ބޭނުންނުކުރާ މަތިންދާބޯޓުތަކެއް، 2050 ވަނަ އަހަރުގެ ތެރޭގައި ބޭނުންކުރެވޭ ވަރު ކުރުމެވެ.

ތިމާވެއްޓާ ރަހުމަތްތެރި އިގްތިސާދީ ހަރަކާތްތައް އިތުރު ކުރުމުގެ މަސައްކަތްތަކެއް، އެމެރިކާ ސަރުކާރުން ދާދި ފަހުން ވަނީ ފަށައިފަ އެވެ. އެ ގޮތުން ކަރަންޓުން ޗާޖުކޮށްގެން ދުއްވާ އެއްގަމު އުޅަނދުތަކެއް ތަރައްގީ ކުރުމަށް، އެއްގަމު އުޅަނދު އުފައްދާ އަމިއްލަ ބައެއް ކުންފުނިތަކާ އެކު އަންނަނީ، އެމެރިކާ ސަރުކާރުން މަސައްކަތް ކުރަމުންނެވެ.

ބައިޑެންގެ ސަރުކާރުން މި ވަގުތު އެންމެ އިސްކަން ދޭ އެއް ކަމަކީ، ސަސްޓެއިނަބަލް އޭވިއޭޝަން ފިއުލް (އެސްއޭއެފް) ނުވަތަ މަތިންދާބޯޓު ފަހަރުގައި ބޭނުންކުރާނެ، ތިމާވެއްޓާ ރަހުމަތްތެރި ތެލެއް އުފެއްދުމަށެވެ. އެކަމަށް މަސައްކަތްކުރާ ކުންފުނިތަކަށް އެމެރިކާ ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އޭގެ އިތުރުން، ޖައްވު ހޫނުކުރާ ގްރީން ހައުސް ގޭހުގެ ބަދަލުގައި އެހެން ބާވަތެއްގެ ހަކަތަ ބޭނުންކުރާ އުފެއްދުންތަކަށް ވެސް އެހީތެރިވެދިނުމަށް އެމެރިކާ ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެމެރިކާ ސަރުކާރުގެ އެންމެ މަތީ ފެންވަރުގައި މިހާރު ކުރަމުންދާ މަޝްވަރާތަކާ ހަވާލާދީ، ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި، ރައީސް ބައިޑެންގެ އަމާޒަކީ، 100 ޕަސެންޓް އިއާދަކުރަނިވި ވަސީލަތްތަކުން އުފައްދާފައިވާ ތެލެއް ބޭނުންކޮށްގެން، މަތިންދާބޯޓު ދުއްވަން ފެށުމެވެ. މި މަޝްވަރާތައް އަދި އޮތީ ވަރަށް ޅަފަތުގެ މަރުހަލާގައި ކަމަށް ވެސް މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެ އެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިހާރު މަތިންދާބޯޓުތަކުގައި ބޭނުންކުރާ ތެލަށް ވުރެ، އިއާދަކުރަނިވި ވަސީލަތްތަކުން އުފައްދާ ތެޔޮ، ދެގުނަ އާއި ފަސް ގުނައާ މިންވަރަކަށް އަގު ބޮޑުވާނެ އެވެ. އެހެން ނަމަވެސް، އެމެރިކާ އާއި ވިލާތުގެ އިއްތިހާދުގެ ގައުމުތަކުން މިހާރު ބޭނުންވަނީ، އެފަދަ ތެލެއް އުފައްދައިގެން ވިޔަސް، ދުނިޔެ ހޫނުވުމުގެ މައްސަލަ ވީއެންމެ އަވަހަކަށް ހައްލު ކުރުމަށެވެ.

ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، މަތިންދާބޯޓު ދުއްވުމަށް ތިމާވެއްޓާ ރަހުމަތްތެރި ތެލެއް އުފެއްދުމުގައި އެންމެ ބޮޑަށް ބޭނުންކުރެވޭނެ ބާވަތްތަކުގެ ތެރޭގައި، ބޭނުންކޮށްފައި ހުންނަ ކުކިން އޮއިލް އާއި ޖަނަވާރުގެ ހަށިގަނޑުގައި ހުންނަ ސަރުބީ ހިމެނެ އެވެ.

ރޮއިޓާސް އިން ބުނާ ގޮތުގައި، ތިމާވެއްޓާ ރަހުމަތްތެރި ތެލެއް އުފެއްދުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް، އެމެރިކާ ސަރުކާރުގެ ވެރިންނާއި، ހަކަތަ އީޖާދުކުރުމާ ބެހޭ ސިނާއަތުގެ އިސް ވެރިންގެ ބައްދަލުވުމެއް، މި މަހުގެ ފަހުކޮޅު އޮންލައިންކޮށް ބާއްވަން މިހާރު ވަނީ ތާވަލު ކޮށްފަ އެވެ.