ދުނިޔޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް، ދުބާއީގައި މިހާރު ކުރިއަށް ދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވާ 20 އެއާލައިނަކުން އެއްބަސްވެއްޖެ އެވެ.

ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ޖައްވަށް ބޭރުވާ ވިހަ ގޭސްތައް މަދުކުރުމުގެ ގޮތުން، 20 އެއާލައިނުން އެއްބަސްވެފައިވަނީ، ވައިގެ ދަތުރުފަތުރުތަކުގައި ބޭނުންކުރާ މަތިންދާބޯޓުގައި ޒަމާނީ އާ ޓެކްނޮލޮޖީ ބޭނުން ކުރުމަށެވެ. އެ ގޮތުން، ކަރަންޓާއި، ހައިޑްރޮޖަން އިން ދުއްވާ މަތިންދާބޯޓު ބޭނުންކުރުން ހިމެނެ އެވެ. އޭގެ އިތުރުން މިހާރު ބޭނުންކުރާ ޖެޓް ފިއުލް އާއި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ދުއްވާ ބޯޓުތައް ބޭނުންކުރުން ވެސް ހިމެނެ އެވެ.

އިކޮނޮމިކް ފޯރަމްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ، ވައިގެ ދަތުރުފަތުރުގެ ދާއިރާ އިން ދުނިޔޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި، ދެމެހެއްޓެނިވި ހަކަތައިގެ މަސްދަރުތައް އެކުލެވޭ ޓެކްނޮލޮޖީތައް ތަރައްގީކުރުން މުހިންމު ކަމަށެވެ. އެ މަސައްކަތް ކުރުމަށްޓަކައި އެ ފޯރަމްގެ ފަރާތުން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ، ޓާގެޓް ޓްރޫ ޒީރޯ އިނިޝިއޭޓިވްގެ ނަމުގައި، އެކަމަށް ހޭލުންތެރިކުރުމުގެ ހާއްސަ ހަރަކާތްތަކެއް ވެސް ފަށައިފަ އެވެ.

"މުޅި ދުނިޔޭގައި ބޭނުންކުރާ މަތިންދާބޯޓުފަހަރުގައި މި ޓެކްނޮލޮޖީތައް ބޭނުންކުރަން ފަށައިގެން (އެއީ އާޓެކްނޮލޮޖީގެ ބޯޓުތައް އަލަށް އުފައްދައިގެން ނުވަތަ މިހާރު ބޭނުންކުރާ ބޯޓުތައް، އާ ޓެކްނޮލޮޖީއާ އެއްގޮތަށް ބަދަލުކޮށްގެން ކަމަށް ވިޔަސް) އަހަރެމެންގެ ވައިގެ ދަތުރުތަކުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރެވިދާނެ. ވައިގެ ދަތުރުފަތުރުގެ ދާއިރާ އިން ލިބޭ އިގްތިސާދީ ބޮޑު މަންފާ އާއި ދުނިޔެއަށް ލިބޭ އިޖްތިމާއީ ފައިދާތައް ރައްކާތެރިކުރަމުން ވެސް އެކަން ކުރެވޭނެ."

ދުނިޔޭގެ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކުގެ ފިއްތުންތައް އިތުރުވެފައިވާ މިދަނޑިވަޅުގައި، އެއާލައިންތަކުން މިހާރު އެއްބަސްވެފައިވަނީ 2050ގެ ނިޔަލަށް އެ އެއާލައިންތައް ނެޓް ޒީރޯ ކުރުމަށެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި، ބައެއް ގައުމުތަކުން މިހާރު ވަނީ، އަވިން އުފައްދާ ހަކަތައިން ދުއްވާ މަތިންދާބޯޓު އުފެއްދުމުގެ މަސައްކަތް ފަށައިފަ އެވެ.

ނެޓް ޒީރޯ ކުރުމަކީ، ހަކަތަ އުފެއްދުމަށްޓަކައި ތެޔޮ އަންދައިގެން އިންޖީނުތައް ހިންގުމުން، ޖައްވަށް ބޭރުވާ ވިހަ ގޭހުގެ މިންވަރާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމުން، ޖައްވަށް ބޭރުވިޔަ ނުދީ ހިފެހެއްޓޭ ވިހަ ގޭހުގެ މިންވަރު އެއްހަމަ ކުރުމެވެ.

ނެޓްޒީރޯ ކުރުމަށް އެއްބަސްވި އެއާލައިންތަކަކީ، އެއާ ނިއު ޒީލޭންޑް، އެލަސްކާ އެއާލައިންސް، އީޒީޖެޓް، އައިސްލޭންޑް އެއާ، ސާފް އެއާ މޯބިލިޓީ އާއި ވީވޯ އައެރޯބަސް އެވެ. މީގެ އިތުރުން ވެސް ބައެއް އެހެން އެއާލައިންތައް ހިމެނެ އެވެ.

މިކަމަށް އެއްބަސްވި އެއާލައިންތަކުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރާ ދަތުރުތަކަށް 800 އަށް ވުރެ ގިނަ މަތިންދާބޯޓު ބޭނުންކުރެ އެވެ. މި ބޯޓުތަކުން އަހަރެއްގެ ތެރޭގައި 1.8 މިލިއަން ދަތުރުކޮށް، 177 މިލިއަނަށް ވުރެ ގިނަ ދަތުރުވެރިން އެއް ތަނުން އަނެއް ތަނަށް އުފުލައިދެ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރި އެއާލައިންތަކުން ބުނި ގޮތުގައި، އިއާދަކުރަނިވި ހަކަތައިން އެންމެ ފުރަތަމަ ދުއްވަން ފެށޭނީ ކުރު ދަތުރުތަކުގައި ބޭނުންކުރާ ކުދި ބޯޓުފަހަރެވެ. އެ ގޮތުން ކުރު ދަތުރުތަކުގައި ބޭނުންކުރާ މަތިންދާބޯޓުތަކުގެ 30 ޕަސެންޓް ބޯޓުތަކުގައި، ހައިޑްރޯޖަން އާއި ކަރަންޓު ފަދަ ވަސީލްތައް ބޭނުންކުރަން ފެށުމަށް މިހާރު ވަނީ އަމާޒު ހިފައިފަ އެވެ.